ރާއްޖޭ ކޯޓުތަކުގެ އިހްތިސާސަށް ހުރަސް އެޅޭނެ ނިންމުމެއް ބޭރުގެ އެއްވެސް ފަރާތަކަށް ނުނިންމޭނެ: ސުޕްރީމް ކޯޓް

ކޮންޓްރެކްޓެއްގައި ހިމެނޭ އާބިޓްރޭޝަން ކްލޯސްއެއްގެ ދަށުން، އެހެން ގައުމެއްގައި މައްސަލައެއް ހައްލުކުރުމުގެ އިހްތިސާސް އޮތަސް ކޮންޓްރެކްޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ނުވަތަ ކޮންޓްރެކްޓެއްގައި ހިމެނޭ ކަމަކާ މެދު ގޮތެއް ކަނޑައެޅުމުގެ ބާރު އެ ގައުމެއްގެ ކޯޓުތަކަށް ވެސް އޮންނާނެ ކަމަށާއި އެހެންވެ ގައުމުގައި ބެލޭނެ މައްސަލަތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ނިންމުމެއް ނިންމުމުގެ ބާރު ބޭރުގެ އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމުގެ މައްސަލަ ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަން އަށް ހުށަހަޅާފައި ވަނިކޮށް ނެރުނު ނޫސްބަޔާނުގައި ސުޕްރީމް ކޯޓުން ބުނީ ރާއްޖޭގެ ގާނޫނު އަސާސީން ރާއްޖޭގެ ކޯޓުތަކަށް ލިބިގެންވާ އިހްތިސާސްތަކުގެ ދަށުން މައްސަލަތައް ނިންމުމަށް އެ ކޯޓުތަކަށް ލިބިގެންވާ ބާރާއި އިހްތިޔާރަށް، ބޭރުގެ އެެއްވެސް ފަރާތެއްގެ ނިންމުމަކުން ހުރަސްއެޅިގެން ނުވާނެ ކަމަށެވެ. "ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ހިނގާ އެންމެހާ މީސްތަކުންނާއި ތަންތަނާއި ތަކެތީގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިހްތިސާސް ހިނގާނެކަން ކަށަވަރުކޮށްދިނުމަށްޓަކައި ދިވެހި ދައުލަތުގެ އެކިއެކި ކަންކަމާ ހަވާލުވެ ތިބި ފަރާތްތަކާއި ދިވެހި ރައްޔިތުންނަށް މިކަން އެންގީމެވެ." ނޫސް ބަޔާނުގައިވެ އެވެ.ސުޕްރީމް ކޯޓުން ބުނެފައި ވަނީ ރާއްޖެއަކީ މުސްތަގިއްލު ދައުލަތަކަށް ވާއިރު އެ ހައްގަށް އުނިކަން އަންނަ އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ނިންމުމަކީ އދ.ގެ ޗާޓަރު މަނާކުރާ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނު ނިޔާކުރާ ގޮތުން ކޮންމެ ގައުމަކީ ވެސް އެ ގައުމެއްގެ ސަރަހައްދުގެ ތެރޭގައިވާ މީހުންނާއި ހިނގާ ކަންކަމާއި ހުރިނަމަ ހުރި ތަކެއްޗެއްގެ މައްޗަށް އެ ގައުމެއްގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެ ގައުމެއްގެ ކޯޓުތަކުގެ އިހްތިސާސް ހިނގާނެ ގައުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ