ޕްރައިމަރީގައި ވާދަ ނުކުރައްވަން މައުމޫން ނިންމަވައިފި

އަންނަ މަހު 30 ގައި ބާއްވަން ހަމަޖައްސާފައިވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވަން އެ ޕާޓީގެ ރައީސް އަދި ދިގު މުއްދަތެއްގައި ރާއްޖޭގައި ވެރިކަން ކުރެއްވި މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ. ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެކަން އިއުލާންކުރައްވައި މައުމޫން ނެރުއްވި ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައީސްކަމުގެ މަގާމް ކާމިޔާބުކަމާ އެކު ފުރުއްވުމުގެ ފުރިހަމަ ގާބިލިއްޔަތު ހުރި ބޭފުޅުން އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ރިޔާސީ ރޭހުގައި ވާދަނުކުރެއްވި ނަމަވެސް، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވާ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ."ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އަޅުގަނޑު ވާދަނުކުރި ނަމަވެސް މި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީ އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގައި މާތްﷲގެ ވާގިފުޅާއި މަދަދާއެކު އަޅުގަނޑު ދެމިހުންނާނަމެވެ. އަދި މި މަސައްކަތުގައި ތިޔަ ލޮބުވެތި ހުރިހާ މެމްބަރުންގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން އަޅުގަނޑަށް ލިބެމުންދާނެ ކަމަށް ޔަގީންކުރަމެވެ،" މައުމޫން ނެރުއްވި ކުރު ބަޔާންގައި ވިދާޅުވި އެވެ.ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި މައުމޫން ކުރިމަތިލެއްވުމަށް އެދުނު ހުރިހާ އެންމެންނަށް އެ ބަޔާނުގައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލާފައި އޮތް ނަމަވެސް ޕްރައިމަރީގައި ވާދަކުރެއްވުމަށް އަދި އެއްވެސް ކެންޑިޑޭޓަކު ކުރިމައްޗެއް ނުލަ އެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސްކަން ކުރެއްވި އުމަރު ނަސީރު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ