ރިޔާސީ އިންތިހާބު މާ ބޮޑަށް ފަސްކުރާކަށް ގާނޫނުއަސާސީ ތަނެއް ނުދޭ: ގާސިމް

ގާނޫނު އަސާސީގައި ބުނާ ތާރީހުތައް ފަހަނައަޅައިގެން ދާ ގޮތަށް ރިޔާސީ އިންތިހާބު ދިގު މުއްދަތަކަށް ލަސް ކުރުމަށް ގާނޫނު އަސާސީ ތަން ދޭ ކަމަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި "ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި ފިންގަޕްރިންޓް ޖަހަން ބުނެފައި ވަނީ ރަޖިސްޓްރޭޝަން ޕްރޮސެސް ކަށަވަރު ކުރަން ކަމަށެވެ. އެ ހުކުމާ އެއްގޮތަށް އެކަން ކުރިއަށް ދާނަމަ އޭނާގެ މައްސަލައެއް ނެތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އެ ހުކުމް "ކޮމްޕްލިކޭޓް" ކުރުމުގެ ސަބަބުން ގާނޫނއަސާސީގައި ބުނެފައިވާ ދުވަސް ފަހަނައަޅައި ދިއުމަކީ ގާނޫނު އަސާސީ ތަންދޭނެ ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ފުލުހުން މިއަދު ބުނެފައި ވަނީ ކޮންމެ ފިންގަޕްރިންޓެއް ވެރިފައި ކުރަން ފަސް މިނެޓް ނަގާނެ ކަމަށެވެ. އިލެކްޝަނުން ލަފާކުރާ ގޮތުން ރަޖިސްޓްރީ ކުރާ 60،000 މީހުންގެ ފިންގާޕްރިންޓް ސައްހަ ކުރަން ހަމަސް ނޫނީ ހަތް މަސް ނަގާނެ އެވެ.
"އެ ވިދާޅުވާ ގޮތަށް ހަމަސް ދުވަސް ނުވަތަ ތިން މަސްދުވަސް ނަގާކަމަށް ވަންޏާ، އެމުހުލަތެއް އަޅުގަނޑުމެންނަށް ދެވޭނެ ގޮތެއް ނެތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ކުރީ ފަހަރު ރައްޔިތުންގެ މަޖިލީސް ދެމިގެން ދިޔަ ދިއުމުގައި އިންތިގާލީ މަރުހަލާއެއް އޮތް،" ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި ރައްޔިތުން މަޖިލީހުގެ ދައުރާއި ރައީސްގެ ދައުރު ވެސް ކަނޑައެޅިފައިވާ ކަމަށެވެ. ގާނޫނު އަސާސީގައި އެހާ ސާފުކޮށް ލިޔެފައި އޮތް މައްސަލައެއްގައި ގާނޫނުއަސާސީ އަށް ބަދަލުތަކެއް ނުގެނެސް އެކަމަށް ހައްލު ހޯދޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެން ކަމުން ރިޔާސީ އިންތިހާބު ނޮވެމްބަރު 11 ކުރިން ނިންމުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންތިގާލީ މަރުހަލާގެ ގާނޫނއަސާސީގެ މާއްދާއެއްގައި ބުނެފައިވާނެ މިހާރު މިއޮތް ރައްޔިތުންގެ މަޖިލިސް ދެމިގެންދާނޭ އަލަށް ހޮވާ މަޖިލިސް ހޮވިގެން ހަވާލުވަންދެން. އެހެންވީމަ އެ ހާލަތު ތަފާތު. އިންތިގާލީ ބާބެއް ކަނޑައެޅިގެން ގާނޫން އަސާސީގައި އޮތް ޓްރާންސިޝަނަލް ޕީރިއަޑް ކަނޑައަޅާފައި. އެހެންވީމަ މިއަދުގެ ހާލަތު އެއާ ތަފާތު،" ގާސިމް ވިދާޅުވި އެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމަށް ގޮންޖައްސަވަން އޭނާ ބޭނުން ނުވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެވަނަ ބުރަކަށް ނުދިޔަ ނަމަ ވެސް އޭނާ ދެވަނަ ބުރުގައި ތާއީދކުރާނެ ކެންޑިޑޭޓެއް އަދި ނުނިންމަވަ އެވެ. އަދި އޭނާ އެމްޑީޕީއާ ގުޅެން ނިންމާފައިވާ ކަމަށް ދައްކާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދެވަނަ ބުރުގައި ގުޅޭނެ ކެންޑިޑޭޓެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ