މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓު ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާއި ބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށް ސުޕްރީމް ކޯޓުން މިރޭ އަމުރުކޮށްފި އެވެ. އުއްތަމަ ފަނޑިާޔރު އަހުމަދު ފާއިޒް ހުސެއިން ސޮއިކުރައްވައި ދެންމެ ނެރުނު އަމުރުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވާ ތާރީހުތަކުގައި އިންތިޚާބު ބޭއްވިފައި ނެތުމަކީ އެ ހުުކުމްގައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ގޮތަކަށް އެ އިންތިޚާބު ބޭއްވުން ގާނޫނީ ގޮތުން ހުއްދަ ކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ، ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބޭ އެންމެންނަށް މިނިވަންކަމާ އެކު އެއްވެސް ބާވަތެއްގެ ހުރަހެއް އެޅުމަކާ ނުލައި، އެ ހައްގު ބޭނުންކުރެވޭނެ އިންތިޚާބަކަށް ހެދުމަކީ އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްވާ ކަމެއް ކަމަށެވެ."އަދި ދިވެހިރާއްޖޭގައި ބޭއްވޭ އެކި އެކި އިންތިޚާބުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެފުށް ފެންނަ ގޮތަށް ބޭއްވޭ އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 42/ސީ-އެސްސީ/2013 ގަޒިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވޭ އިންތިޚާބުތަކަކަށް ވާން ޖެހޭނެ އެވެ،" އަމުރުގައިވެ އެވެ.ސުޕްރީމް ކޯޓުގެ ހުކުމުގައި ވާ 16 ޕޮއިންޓުގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް އެ ކޯޓުން މިރޭ އަމުރު ނެރުނުއިރު މިދިޔަ ހޮނިހިރުދުވަހު ބާއްވަން އުުޅުނު އިންތިޚާބު ކެންސަލް ކުރަން ޖެހުނު މައިގަނޑު އެއް ސަބަބަކީ ވެސް އެ ގައިޑްލައިންގެ ފަސްވަނަ މާއްދާއާ މެދު އުފެދުނު ހިޔާލު ތަފާތުވުމެވެ. ފައިނަލް ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުން ސޮއިކުރަން ވާނެ ކަމަށް ގައިޑްލައިންގައި ބަޔާންކޮށްފައިވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އޭރު މަސައްކަތް ކުރީ ހުރިހާ ކެންޑިޑޭޓުން ސޮއި ނުކުރެއްވިޔަސް އިންތިޚާބު ބޭއްވުމަށެވެ. އެމްޑީޕީ ފިޔަވައި ޕީޕީއެމާއި ޖޭޕީގެ މައިގަނޑު މައްސަލަ އަކީ ފައިނަލް ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރު ނުކޮށް އެ ލިސްޓުގައި ސޮއި ކުރެވެން ނެތުމެވެ. އަދި އެކަމަށް އެކަށީގެންވާ ވަގުތު ކެންޑިޑޭޓުންނަށް ނުދިނުމަކީ ޕީޕީއެމާއި ޖޭޕީގެ ކަންބޮޑުވުމެކެވެ.ހޮނިހިރުދުވަހު ބާއްވަން އުޅުނު އިންތިޚާބު ކެންސަލް ވުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ބުނަމުން އައީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން ދަތިވާނެ ކަމަށެވެ. އެހެން ނަމަވެސް އަލުން އިންތިޚާބު ބާއްވާނެ ތާރީހު ރޭ އެ ކޮމިޝަނުން އިއުލާން ކުރިއިރު ބުނެފައި ވަނީ ގައިޑްލައިނަށް އަމަލުކުރުމުގައި އުނދަގޫތަކެއް ހުރި
ނަމަވެސް އިލެކްޝަންސުން އިސްވެ އެކަން ކޯޓަށް ހުށަހަޅަން ނިންމާފައިނުވާ
ކަމަށެވެ. ނަމަވެސް ދައުލަތުން ބޭނުންވެއްޖެ ނަމަ އެކަމަށް ފުރުސަތު އޮތް
ކަމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި އެވެ.
އަދި ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ވޯޓާސް ލިސްޓްގައި ސޮއިކުރަން
ކެންޑިޑޭޓުންނަށް އެކަށީގެންވާ ފުރުސަތެއް ދޭނެ ކަމަށާއި އެ މުއްދަތުގެ
ތެރޭގައި ސޮއިނުކުރިޔަސް އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް
ކޮމިޝަނުން ރޭ ވަނީ ބުނެފަ އެވެ.ސަރުކާރުން މިއަދު ބުނީ އަލުން ބާއްވާ ރިޔާސީ އިންތިޚާބު ކުރިއަށް ގެންދަނީ ސުޕްރީމް ކޯޓުގެ
ހުކުމުގައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށް ވާއިރު އޭގެ ސަބަބުން
އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދޭން ސަރުކާރުން
މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.ބައެއް ވަކީލުންނާއި ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުން
ގައިޑްލައިން އެކުލަވާލާފައިވަނީ ދުސްތޫރީ އަދި ޝަރުއީ ކޯޓަކުން ހުކުމެއް
ކަނޑައަޅާ އިމަށް ވުރެ ބޭރުންނެވެ. އަދި އެ ގައިޑްލައިންގެ ސަބަބުން އިންތިޚާބު ވީޓޯ ކުރުމުގެ ބާރު ކެންޑިޑޭޓުންނަށް ލިބޭ ކަމަށް ބައެެއް ވަކީލުން ދެކެވަޑައިގަންނަވަ އެވެ.
ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ