އިލެކްޝަންސް ސާވާ އަށް ބޭރުން ވަދެވެނީ ސުޕްރީމް ކޯޓާ މައުލޫމާތު ހިއްސާކުރި ފަހުން: ފުއާދު
އިލެކްޝަންސް ކޮމިޝަނުގެ ސާވާ ތެރެއަށް ބޭރުން ބަޔަކު ވަންނަން ފަށާފައި ވަނީ އެ ކޮމިޝަންގެ ކޮމްޕިއުޓަރު ސިސްޓަމްތަކާ ބެހޭ މައުލޫމާތުތައް ސުޕްރީމް ކޯޓާ ހިއްސާ ކުރި ފަހުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ރޭ ވިދާޅުވެއްޖެ އެވެ.އެކަމަކު ފުއާދު އެހެން ވިދާޅުވި އިރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރުމަށް ފަހު ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމުގައިވާ ގޮތުން، އެ ކޮމިޝަންގެ ސާވާ އާއި ޑޭޓާބޭސްގެ އެކްސެސް ލިބެން ނުޖެހޭ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަކަށް އެކްސެސް ލިބޭ ގޮތަށް ހުރިކަން ތަޖުރިބާކާރުންގެ ރިޕޯޓުން އެނގެން އޮތް ކަމަށެވެ.އެހެންވެ ހުކުމުގެ 16 ވަނަ މާއްދާގައި ބުނެފައި ވަނީ "...އިލެކްޝަންސް ކޮމިޝަނުގެ ސަރވަރ އާއި ޑޭޓާ ބޭސް އާއި މުޅި އައިޓީ ނިޒާމަކީ އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް ޓަކައި، ނޭޝަނަލް ސެންޓަރ ފޯރ ދި އިންފޮރމޭޝަން ޓެކްނޮލޮޖީ އާއ ދައުލަތުގެ ދައުލަތުގެ ކަމާ ބެހޭ އެހެނިހެން ފަރާތްތަކުގެ ތަޖުރިބާކާރުންގެ ޕްރޮފެޝަނަލް އޮޕީނިއަންއާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާހުކޮށް ރަނގަޅު ކުރަން" ޖެހޭ ކަމަށެވެ.ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުއާދު ރޭ ވިދާޅުވީ ކޮމިޝަންގެ "ޑޭޓާތައް ބަޔަކު ހަލާކުކުރަމުން ދާ" ކަމަށާއި ސާވާ އަށް ބަޔަކު ނުވަންނަ ކަމުގެ ޔަގީންކަން އެއްވެސް ފަރާތަކަށް މިހާރު ދެއްވެން ނެތް ކަމަށެވެ. "އަޅުގަނޑުމެންނަށް ޖެހުނު އަޅުގަނޑުމެންގެ އެތައް ބައިވަރު ކޮމްޕިއުޓަރު ސިސްޓަމްތަކާ ބެހޭ އެތައް ބައިވަރު މައުލޫމާތުތަކެއް ހުށަހަޅަން ސުޕްރީމް ކޯޓަށް. އެތައް ބައިވަރު ލޮގްތަކެއް ހުށަހަޅަން. އެއާ ބެހޭ އެތައް ބައިވަރު ޓެކްނިކަލް މައުލޫމާތުތަކެއް ހުށަހަޅަން. އަދި ހަމައެއާ އެކު އެންސީއައިޓީގެ ބޭފުޅުންނާ އެކީގައި މަޝްވަރާތަކެއް ކުރަން،" ފުއާދު ވިދާޅުވި އެވެ."އަޅުގަނޑުމެންގެ ސިސްޓަމް ކުރިން އޮތީ ވަރަށް ބޮޑަށް ރެސްޓްރިކްޓެޑް ބައެއްގެ އަތްމަތީގައި. ކޮންމެ ކޮންމެ މީހަކަށް އެއަކަށް ވަދެވޭ ގޮތަކަށް ނޫން އޮތީ. އެހެން ނަމަވެސް މިހާރު މިއޮތީ ހުޅުވާލެވިފައި އޮތް އެއްޗެއްގެ ގޮތަށް،" ފުއާދު ވިދާޅުވި އެވެ. "މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އަޅުގަނޑުމެންގެ ޑޭޓާ ބޭސްގެ ތެރެއަށް މީސްމީހުން ވަދެ ކަންތައްތައް ކުރާތަން."ފުއާދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ބާތިލްކުރި ބުރުގެ މަސައްކަތްތައް ހިނގި އިރާއި އޭގެ ކުރިން އިލެކްޝަންސްގެ ސާވާ އަށް އެހެން "އެއްވެސް މީހަކަށް ވަނުމުގެ ފުރުސަތު ލިބިފައެއް ނުވެ" އެވެ. "އެހެން ނަމަވެސް މިހާރު ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ޑޭޓާތައް ހަލާކުރަމުން އެބަ ގެންދޭ. އެހެންވީމަ އެބޭފުޅުން ]ރިޔާސީ ކެންޑިޑޭޓުން[ އެ ވިދާޅުވާ ކަހަލަ ޔަގީން ކަމެއް އަޅުގަނޑުމެންގެ ވެސް ނެތް ދެވޭކަށެއް. އަދި އެންސީއައިޓީ ވެސް ބައްލަވާފައި އެ ޔަގީން ކަމެއް ނުދެއްވޭނެ. ]އެންސީއައިޓީން[ ކުރިން ބައްލަވާފައި ބޭރުގެ އިންފުލުއެންސެއް ފާހަގަކުރެވިފައި ނުވާ ކަމަށް އޮތީ ވިދާޅުވެފައި. އެއީ މި ދަންނަވާހެން ރިޔާސީ އިންތިހާބުގެ ބާތިލްކުރެވުނު ފުރަތަމަ ބުރުގައި،" ފުއާދު ވިދާޅުވި އެވެ. "އެހެން ނަމަވެސް މިހާރު އެ ބޭފުޅުން ބައްލަވައިފައި އަދި ވަކި އެއްޗެއް ވިދާޅެއް ނުވޭ. އެކަމަކު އަޅުގަނޑަށް ޔަގީން މިހާރު އެ ބޭފުޅުން ރަނގަޅަށް ބައްލަވައިފިއްޔާ ފެނިވަޑައިގަންނަވާނެކަން އެކިއެކި މީހުން އެއަށް އެކްސެސް ވެވޭނެ ކޮންމެވެސް ކަހަލަ ގޮތްތަކެއް ހުންނަކަން. އެހެން ނޫން ނަމަ އަޅުގަނޑުމެންގެ ޑޭޓާތަކަށް އައިސްގެން ނުވާނެ ކަހަލަ ބަދަލުތައް އަންނަމުންދާކަން މިހާރު މި ވަނީ ފެނިފައި."ސެޕްޓެމްބަރު 7 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު، އެ ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ކޮމްޕިއުޓަ ޑޭޓާތަކެއް ގެންގޮސްފަ އެވެ. އެހެން ނަމަވެސް ފުއާދު ކުރެއްވި ތުހުމަތުތަކަށް އެ ކޯޓުން އަދި ވަކި ޖަވާބެއް ނުދެ އެވެ. އިލެކްޝަންސް ކޮމިޝަންގެ ސާވާ އަށް ބަޔަކު ވަންނަ ކަމަށް ބާތިލްކުރި އިންތިހާބަށް ތައްޔާރުވަމުން ދިޔައިރު ވެސް އެކި ޕާޓީތަކުން ތުހުމަތުކުރި އެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް އެ ތުހުމަތު ފެންމަތިކުރި އެވެ. އަލުން މި މައްސަލަ ނަގައިގެން އުޅެނީ ވެސް ޖުމްހޫރީ ގުޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ