އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާ މެދު ޝައްކު: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިހާރު ހިނގަމުންދާ ޝަރީއަތުގައި އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ގާސިމް މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާއާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ގާސިމް އެގޮތަށް ވިދާޅުވީ ތިން ފަނޑިޔާރުންގެ ބެންޗަކުން އެ މައްސަލަ ބައްލަވަން ފެށްޓެވުމުންނެވެ. ކުރިން ގާޒީ އާދަމް އާރިފް އެކަނި އިންނަވައިގެން ބެއްލެވި މައްސަލަ މިއަދުން ފެށިގެން ބައްލަވާނީ އިސް ގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފެވެ.
މިއަދުގެ އަޑުއެހުން ފެށުމާ އެކު ގާސިމް ވަނީ ޝަރީއަތުގައި ކޮޅަށް ތެދުވެވަޑައިގެން، އެ މައްސަލާގައި އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ. އިސް ގާޒީ ބާރީ އަށް އިޝާރާތް ކުރައްވައި، ގާސިމް ވިދާޅުވީ ކުރީގެ އަޑުއެހުމުގައި އޭނާ ވާހަކަ ދައްކަވަމުން ދަނިކޮށް އިސް ގާޒީ ބާރީ މަޖިލިސް ނިންމަވާލެއްވީ ކަމަށާއި އެހެންވެ އިސް ގާޒީ މައްސަލަ ބައްލަވަން އޭނާ ދެކޮޅު ހައްދަވާ ކަމަށެވެ.
ޝަރީއަތަށް ފަހު ގާސިމް ދޫނިދުއަށް ގެންދަން ލޯންޗުގައި --މިހާރު ފޮޓޯ/ހުސައިން ވަހީދު
ގާސިމް އެ އިޝާރާތް ކުރެއްވީ އޭނާ މިހާރު ހައްޔަރު ކޮށްފައިވާ މައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ ހުކުރު ދުވަހު ހާޒިރުކުރި މަޖިލީހުގައި ހިނގައިދިޔަ ކަންކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އިސް ގާޒީ ބާރީ ވިދާޅުވީ ގާސިމްގެ ޖަޒްބާތުތަކަށް އޭނާ ވެސް އިހްތިރާމް ކުރައްވާ ކަމަށާއި އެކަމަކު އެހެން މައްސަލަތަކާ ގުޅޭ ވާހަކަތައް ދެއްކުމުގެ ފުރުސަތު މި ޝަރީއަތުގައި ނޯންނާނެ ކަމަށެވެ. އަދި މައްސަލަތަކާ ގުޅިގެން ވާހަކަ ދައްކަން ފަނޑިޔާރުން ފުރުސަތު ދެނީ އޮންނަ އުސޫލުތަކުގެ މަތިން ވަކި ވަގުތުތަކެއް ވަންދެން ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. އެހެންވެ، އެ މައުޟޫއުގައި އިތުރަށް ވާހަކަ ނުދައްކަން ގާސިމަށް އެންގެވި އެވެ.
އެކަމާ ގުޅޭ ގޮޮތުން ގާސިމް އިތުރު ވާހަކައެއް ނުދައްކަވަ އެވެ.
އަޑުއެހުން ނިންމާލުމުން ފުލުހުންގެ ބެލުމުގެ ދަށުން ކޯޓު ރޫމުން ބޭރަށް ވަޑައިގަތުމުގެ ކުރިން އެތަނުގައި ތިއްބެވި ގާސިމް ބޭފުޅުންނާއި އަނބިކަނބަލުންނާ ސަލާމް ކުރެއްވި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް ދައުވާކުރަނީ އޭނާ ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ގާސިމް ވިދާޅުވެފައިވަނީ މަސީހާ ދެކޮޅަށް ވޯޓު ދީފި ނަމަ އެ މެމްބަރުން އިތުރު ދައުރަކަށް ހޮވައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެ މައްސަލާގައި ގާސިމަށް ކުރަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެއްް ފޯރުވަން އުޅުމުގެ ދައުވާ އެވެ.
އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ދާއިރު ގާސިމް މިހާރު ހައްޔަރުކޮށްފައި ހުރީ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ތައްޔާރުވަމުންދާ ދެވަނަ މައްސަލައާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ