ފުޅާ ކޯލިޝަނެއް ހަދާނަން: އުމަރު

މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުތުމަށް އެކިއެކި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ވަރަށް ފުޅާ ކޯލިޝަނެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. މިއީ ޕްރައިމަރީގެ ކެމްޕޭންގެ ޖަލްސާތަކުގައި އުމަރު އަބަދުވެސް ތަކުރާރު ކުރައްވާ ވާހަކައެކެވެ.
ކަލާފާނު ސްކޫލް ކައިރީގައި ހުންނަ ހ. ފިޔެސްގައި އުމަރުގެ ކެމްޕޭން ޖަހަގަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން އޭނާ ވިދާޅުވީ މިރޭ ވެސް ޖަމިއްޔަތުއް ސަލަފުގެ ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ކުރަމުންދާ މަސައްކަތަކީ މި ރާއްޖެ އަމާން ތަނަކަށް ހެދުން. ﷲ އިރާދަކުރެއްވިއްޔާ އެންމެ އިންޗިއެއް ވެސް ދޫނުކޮށް 30 މާޗްގައި އަޅުގަނޑުމެން މިކަން ކާމިޔާބުކުރާނަން،" އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕީއެމްގެ ޕްރައިމަރީއަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮނިހިރު ދުވަހަށް ގަޑި ގުނެމުން އަންނައިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި ތާއީދު އޮތް މިންވަރު ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިއައީ ގއ، ގދ. އަށް ދަތުރުކޮށްފައި. އެ ހުރިހާ ރަށަކުން ފުރިހަމަ އަޣުލަބިއްޔަތު އަޅުގަނޑުމެންގެ ޓީމަށް އެބަ އޮތޭ. މަންޒަރު މި ފަހަރު ވަރަށް ސާފު. ދެ ކެންޑިޑޭޓުންނަކީ ކަޅާއި ހުދުހާ ސާފު ދެ ކެންޑިޑޭޓުން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާ އޮންނާނީ "ހުދު ވަލެއް" އެއްލާފައި ކަމަށާއި އެ ވަލުގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުން އަންނަނީ ހިފަމުން ކަމަށެވެ.
"އަޅުގަނޑުމެން މިރޭ ހުޅުވި ޖަގަހައަކީ އަޅުގަނޑުމެން ހަމައެކަނި ޕްރައިމަރީއަށް ހުޅުވާ ޖަގަހައެއް ނޫން. މިއީ ޕީޕީއެމުން 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ހުޅުވާ ތަނެއް،" އޭނާ ވިދާޅުވި އެވެ.
އުމަރުގެ ކެމްޕޭން ޖަހަގަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕީޕީއެމް ސަޕޯޓަރުންގެ އިތުރުން ކުރީގެ ރައީސް މައުމޫން ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި އަދި މައުމޫންގެ އަނބިކަނބަލުންގެ ބޭބެ އިލްޔާސް އިބްރާހީމް ވެސް ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ