އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
އޮޑިޓަ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އަލުން އައްޔަން ކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމައިފި އެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި ހއ. ކެލާ މުރަކަ އަބްދުﷲ ޖަމީލް ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓުން އަނބުރާ ފޮނުވާލީ އެ މައްސަލައަކީ އެ ކޯޓަށް ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ބެންޗުން ނިންމުމަށް ފަހު އެވެ. އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހަައްމަދު ނަޝީދު ރޭ ވިދާޅުވެފައިވެ އެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ބަލައިނުގަތް ސަބަބާ ބެހޭ ތަފްސީލެއް ނުލިބެ އެވެ.އެ މައްސަލަ ހުށަހެޅީ، އޮޑިޓަ ޖެނެރަލް އައްޔަންކުރަނީ ހަތް އަހަރުގެ މުއްދަތަކަށް ކަމަށް ގާނޫނު އަސާސީގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނިކޮށް، އަދި މަގާމުން ވަކިކުރެވޭނެ ގޮތްތައް ވެސް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް، އޮޑިޓް ގާނޫނަށް މަޖިލީހުން އިސްލާހް ގެނައުމާ ގުޅިގެން ކަމަށް ހުށަހެޅުމުގައި ބުނެފައިވެ އެވެ.އޮޑިޓް ގާނޫނަށް އިސްލާހު ގެނައީ ގާނޫނު އަސާސީގެ 215 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ މައްސަލަ ހުށަހަޅާފައި ވަނީ ގައުމުގެ މަސްލަހަތާ ގުޅިފައިވާ މައްސަލައެއްްގެ ގޮތުގަ ބަލައިދިނުމަށެވެ.އޮޑިޓް ގާނޫނަށް ގެނައި އިސްލާހް ބާތިލްކުރަން ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ވަނީ ހައި ކޯޓަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ މައްސަލަ އެ ކޯޓަށް ބަލައިގަތުމުގެ ކުރިން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ނިންމާ ގޮތެއް ބަލާނެ ކަމަށް ހައި ކޯޓުން ވަނީ ބުނެފަ އެވެ. ނިޔާޒްގެ ވަކީލް އިބްރާހިމް ރިފްއަތު ވެސް ވިދާޅުވެފައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް އެ މަައްސަލަ ހުށަހެޅުއްވީ އެ މާއްދާއަކީ ގާނޫނު އަސާސީގެ 215 ވަނަ މާއްދާއާ ތައާރަޒްވާ މައްދާއެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. އޮޑިޓާ ޖެނެރަލްގެ ދައުރަކީ ހަތް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވަނިކޮށް ގާނޫނަށް ގެންނަ އިސްލާހަކުން އެ މާއްދާއަށް ބަދަލު ނުގެނެވޭނެކަން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ފާހަގަކޮށްފައިވާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ. އޮޑިޓް ގާނޫނަށް އިސްލާހް ގެނައުމުން ރައީސް އަބްދުﷲ ޔާމީން އިއްޔެ ވަނީ އޮޑިޓަ ޖެނެރަލްގެ މަގާމަށް ހަސަން ޒިޔަތު އައްޔަން ކުރައްވާފަ އެވެ. އެއާއެކު ނިޔާޒުގެ މަގާމް ގެއްލުނެވެ.އޮޑިޓް ގާނޫނަށް ކުއްލި އިސްލާހެއް ގެނައީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އޮޑިޓް ރިޕޯޓް ނެރެން ތައްޔާރުކޮށްފައި ވަނިކޮށެވެ. އެ ރިޕޯޓުގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް އަދީބު ދޮގުކުރެއްވި ނަމަވެސް އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެފައި ވަނީ ކޮރަޕްޝަން ތުހުމަތުކުރެއްވީ ހެކި ހުރެގެން ކަމަށެވެ. އާ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތަކީ އެ ރިޕޯޓުގައި އަދީބުގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތު ރައްދުވާ އަބްދުﷲ ޒިޔަތުގެ ބޭބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ