ފޭދޫ ދާއިރާގެ ޕްރައިމަރީ ނަތީޖާ ބާތިލް ނުކުރަން ނިންމައިފި

އެމްޑީޕީގެ ޕްރައިމަރީގެ ފޭދޫ ދާއިރާގެ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ކަމެއް ހިނގާފައި ނުވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ވޯޓު ބާތިލް ނުކުރަން އެމްޑީޕީން ނިންމައިފި އެވެ.
އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒް މިއަދު ވިދާޅުވީ އެ ދާއިރާގެ ވޯޓުލާފައި ވަނީ ބާތިލް ލިސްޓަކަށް ކަމަށް ވިދާޅުވެ ކެންޑިޑޭޓަކު ހުށަހެޅި ޝަކުވާ ބެލިއިރު ނަތީޖާ އަށް ބަދަލު އަންނަވަރުގެ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އެމްޑީޕީ ވެބްސައިޓުގައި އޮތް ލިސްޓާއި ފޭދޫ ދާއިރާގައި ވޯޓުލީ ލިސްޓަށް ބަލާއިރު، 67 މީހެއްގެ ތަފާތު ހުރި ނަމަވެސް އެއީ ވޯޓުގެ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ ކުރިއަށް ގެންދިޔައީ އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން، ބާތިލް ލިސްޓަކަށް ކަމަށް ވިދާޅުވެ ޝަކުވާ ހުށަހެޅުއްވީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތް އެ ދާއިރާގެ މިހާރު ވެސް މެމްބަރު އަލްހާން ފަހުމީ އެވެ.
"ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓާ ދެ ވަނަ އަށް ދިޔަ ކެންޑިޑޭޓާ ދެމެދު 130 ވޯޓުގެ ތަފާތު އެބަހުރި. އަދި އަލްހާން ތިން ވަނަ އަށް ދިޔައީ އޭގެ ވެސް މާ ބޮޑު ތަފާތަކާ އެކު،" ނިޔާޒް ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީއާ އެކު ޖުމްލަ ނުވަ ކެންޑިޑޭޓަކު ވާދަކުރެއްވި ދާއިރާ ކާމިޔާބުކުރެއްވީ މުހައްމަދު ނިހާދެވެ. މިއީ ޕްރައިމަރީގައި އެންމެ ގިނަ މީހުން ވާދަކުރި ދާއިރާ ވެސް މެ އެވެ. ނިހާދު އެ ޕްރައިމަރީ ކާމިޔާބުކުރެއްވީ 316 ވޯޓުންނެވެ. ދެ ވަނަ އަށް ދިޔަ އަހުމަދު މިރުޒާދަށް 186 ވޯޓު އަދި އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެވެ.
ފޭދޫ ދާއިރާގެ ވޯޓާ ގުޅޭ ގޮތުން އެ ދާއިރާ އިން އެކުލަވާލި ރިޕޯޓްގައި ބުނެފައި ވަނީ އިންތިހާބު ކުރިއަށް ގެންދިޔައީ ޕްރައިމަރީގައި ވާދަކުރި ބައެއް ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރުގެ ސަބަބުން މުދަލާއި ނަފްސަށް ލިބިދާނެ ގެއްލުމަކަށްޓަކައި މަޖުބޫރީ ހާލަތުގައި ކަމަށެވެ. އަދި އިންތިހާބު ބޭއްވީ ބާތިލްކޮށްފައިވާ ލިސްޓަކަށް ވޯޓުލުން ކުރިއަށް ނުގެންދަން ބައެއް ކެންޑިޑޭޓުން އެދެމުން ދަނިކޮށް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
ބާތިލްކޮށްފައިވާ ލިސްޓަކަށް ޕްރައިމަރީ ބާއްވަން ޖެހުނީ ވޯޓުލުން ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތް، ޕާޓީގެ ވެބްސައިޓުގައިވާ ލިސްޓުގައި ބައެއް ކެންޑިޑޭޓުންނާއި މަންދޫބުންގެ ނަން ނެތް ކަމަށް ބުނެ ހަމަނުޖެހުން ހިންގުމުން ކަމަށް ރިޕޯޓުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ