ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލައާ ގުޅިގެން ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ ނަޝީދުގެ ފަރާތުން ހުޅުމާލޭ ކޯޓުގައި ނެގި އިޖްރާއީ ނުކުތާތަކާމެދު އެ ކޯޓުން ނިންމާގޮތާ މެދު ހިތްހަމަނުޖެހިގެން އެ ނުކުތާތައް އިސްތިއުނާފް ކުރުމަށެވެ. ނަޝީދުގެ ފަރާތުން ނެގި ނުކުތާތަކަކީ ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދާ ނެގި ނުކުތާއަކާއި އެ ކޯޓުގެ ޝަރީއަތެއް މާލޭގައި ބޭއްވިދާނެތޯ ސުވާލު އުފައްދާ ނެގި ނުކުތާއެއްގެ އިތުރުން ކޯޓަށް ހާޒިރުވުމުގެ އަމުރު ނަޝީދަށް ފޮނުވީ ގަވާއިދާ ހިލާފަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
އޭގެ ތެރެއިން ހުޅުމާލޭ ކޯޓުން ބަލައިގަތީ ކޯޓަށް ހާޒިރުވުމުގެ އަމުރާ ގުޅޭގޮތުން ހުށަހެޅި ނުކުތާ އެކަންޏެވެ. އެ ނުކުތާގައި ނިންމީ އެ އަމުރު ފޮނުވީ ރަނގަޅަށް ކަމަށެވެ. އަނެއް ދެ ނުކުތާއެއް ބަލައެއް ނުގަނެ އެވެ.
މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން އަންގާފައި މި ވަނީ ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދާ ނެގި އިޖްރާއީ ނުކުތާއެއްގެ މައްސަލަ ހައި ކޯޓުން ބަލަމުން ދާއިރު ހުޅުމާލޭ ކޯޓުގެ ސައްހަކަމުގެ މައްސަލަ ސުޕްރީމް ކޯޓުން ވެސް ބަލަން ފެށުމާ އެކުގަ އެވެ.
ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މަޑުޖައްސާލަން އެންގީ ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ ހުޅުމާލޭ ކޯޓުގެ ސައްހަކަމުގެ މައްސަލައިގެ މައުޟޫއާ ގުޅުންހުރި ނުކުތާތަކެއް ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ހިމެނޭތީ ކަމަށެވެ.
ނަޝީދު ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ބާއްވަން ހައި ކޯޓުގައި އޮތީ ތާވަލްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ކެންސަލްވި ކަމަށް ހައި ކޯޓުން ވަނީ އަންގާފަ އެވެ.
ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އެންގިއިރު ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ހިނގާ ޝަރީއަތް މަޑުޖައްސާލުމަށް ހައި ކޯޓުން ވަނީ މީގެ ކުރިން އަމުރުކޮށްފަ އެވެ.
ހައި ކޯޓުގެ އަމުރާ ގުޅިގެން ނަޝީދުގެ ޝަރީއަތުގެ އިތުރުން ހުޅުމާލޭ ކޯޓުގައި ހުރި ހުރިހާ މައްސަލަތަކެއް ބެލުން އެ ކޯޓުން މަޑުޖައްސާލި އެވެ. ނަމަވެސް ނަޝީދުގެ މައްސަލަ ފިޔަވައި އެހެން މައްސަލަތައް އެ ކޯޓުގައި އަދި ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުޅުމާލޭ ކޯޓަށް އަންގައިފަ އެވެ.
ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ