އިސްރާއީލުގެ އުދުވާނީ ސިފައިން ބޮޑުބަޑިން ހަމަލާދީ ފަލަސްތީނުގެ ޒުވާން ކުއްޖަކު ޝަހީދު ކޮށްލައިފި

ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި އިސްރާއީލުގެ އުދުވާނީ ސިފައިން ބޮޑުބަޑިން ހަމަލާދީ ފަލަސްތީނުގެ ޒުވާން ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.
މިހަމަލާގައި ޝަހީދުވެފައިވަނީ، އުމުރުން 17 އަހަރުގެ އަބްދުލް ފައްތާހް އަބޫ އަޒްއޫމް ނަމަކަށްކިޔާ ކުއްޖެއް ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްރާއީލު ސިފައިން ބޮޑުބަޑިން ފޮނުވާލި އުންޑަ އަރާފައިވަނީ އަޒްއޫމްގެ ބޮލަށް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްރާއީލު ސިފައިން މިހަމަލާ ދީފައިވަނީ ޣައްޒާގެ ދެކުނުގެ ރަފަހް ސަރަހައްދުގައެވެ.
އިސްރާއީލު ސިފައިން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަބްދުލް ފައްތާހް އަބޫ އަޒްއޫމްއާއި، އޭނާއެކު ހުރި އިތުރު މީހަކު މަސައްކަތްކުރީ ސަލާމަތީ ފެންސު ހުރަސްކޮށް އިސްރާއީލުގެ ތެރެއަށް ވަނުމަށް ކަމަށެވެ. ބޮޑުބަޑިން ހަމަލާދިނީ ރައްދުގައި ކަމަށްވެސް ބުނެފައި ވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، މިހަމަލާއިން ސަލާމަތްވި މީހާއަށް ކުދިކުދި އަނިޔާތައް ލިބިފައިވާ ކަމަށެވެ.
އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ އާންމުން މިއަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހުން ފެށިގެން ސަރަހައްދީ އިމުގައި ކުރަމުންދާ މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 135 މީހުން ޝަހީދު ކޮށްލާފައި ވާއިރު، ޒަޚަމްވެފައިވާ މީހުންގެ އަދަދު 14،000 އަށްވުރެ މައްޗަށް އަރާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ