މައުމޫން ގެއަށް ބަދަލު ނުކުރުމަކީ އަނިޔާވެރިވުން: އިދިކޮޅު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހާލުކޮޅު ގޯސްއިރު ވެސް އެމަނިކުފާނު ގެއަށް ބަދަލުކޮށް ނުދިނުމަކީ އަނިޔާވެރި ކަމެއް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި އެމަނިކުފާނު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. ޖަލުގައި ހުންނަވާތާ ތިން މަސް ވެފައިވާއިރު މިފަހުން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވަނީ ގޯސްވެފަ އެވެ.
އެކަމާ ގުޅިގެން މިއަދު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، މިހާތަނަށް ރައީސް މައުމޫންގެ މައްޗަށް ކުށެއް ސާބިތުވެފައިނުވާއިރު އެމަނިކުފާނު އެވަރަށް ބަންދުކޮށްގެން ގެންގުޅޭ ސަބަބެއް ނެތް ކަމަށެވެ. އަދި ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ހާއްސަ އިނާޔަތްތައް ލިބެންޖެހޭނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ، ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުން ވެސް އެމަނިކުފާނަށް ލުޔެއް ނުދެއްވައި އެންމެ ކުޑަމިނުން ގެއަށް ވެސް ބަދަލުކޮށްދީ ސަރުކާރުން އޮންނަ އޮތުމަކީ އަނިޔާވެރިކަން ކަމަށެވެ. އަދި އެކަމާ ޕާޓީތަކުން ނުހަނު ކަންބޮޑުވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަންފަތުގެ މައްސަލައަކުން ކުރިމަތިވާ ބައްޔެއް ކަމަށްވާ، ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ގެ ސަބަބުން ބައްޕާފުޅަށް ދޭތެރެއިން ބޮލަށް އެނބުރުން އަރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަނބުރައި ގަނެގެން ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި އެ ބަލީގެ އަލާމާތްތައް އިތުރަށް ބޮޑުވަމުން އަންނަ ކަމަށެވެ. އަދި އެ ކަންކަމަށް ރިއާޔަތް ކޮށް ބައްޕާފުޅުވެސް އަދި މަންމާފުޅު، ނަސްރީނާ އިބްރާހިމް ވެސް މައުމޫންގެ ބަންދަށް ލުޔެއް ދިނުމަށް އެޗްއާރުސީއެމް އާއި ކަރެކްޝަންފައި އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ ގޮތުން އެއްވެސް އިދާރާއަކުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ކޯޓްގައި ވެސް މައުމޫން ވަނީ އެކިފަހަރު މަތިން ގެއަށް ބަދަލުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް ކޯޓުން ބުނެފައި ވަނީ މައުމޫންގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ.
މައުމޫންގެ ސިއްހީ ހާލަތު ގޯސްވެފައިވާ ކަމުގެ ހަބަރުތައް ފެތުރިފައި ވަނިކޮށް، ޕީޕީއެމްއިން ރުމާލު2 ޖަގަހައިގައި ބޭއްވި ރެލީއެއްގައި ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ބަންދުގައި ތިބި މީހުން ގެއަށް ބަދަލު ނުކުރެވިގެން އުޅެނީ އަދި ބަންދަށް ލުޔެއް ނުދެވިގެން އުޅެނީ ހެކި ފޮރުވާފައިވާތީ ކަމަށެވެ. އަދި ހެކި ނުދޭހާ ހިނދަކު އެފަދަ ބޭފުޅުން ގެއަށް ބަދަލު ނުކުރެވޭނެ ކަމަށާއި އެފަދަ ކޯޓުން ނުނެރޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެފަދަ އަމަލެއް ކުރައްވާފައި ވާތީ އެބޭފުޅުންގެ މައްޗަށް ހުކުމެއް އަންނާނެ ކަމަށް ވެސް ރައީސް ޔާމީން އެރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ