ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ ހުޅުމާލެއާއި ވިލިމާލެއަކީ މާލޭގެ ބައެއް ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ހުޅުމާލެއަކީ ވެސް ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ގެންދާ ވަކި ރަށަކަށްވެފައި، އަދުލު އިންސާފު ލިބުމުގެ މަގު ފަހިވެފައި އޮންނައޮންނަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ސުޕްރިމް ކޯޓުގެ 4 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ހުޅުމާލެ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް.ފަނޑިޔާރުން ބެއްލެވި މިމައްސަލައިގައި އެއީ ސައްހަ ކޯޓެއް ކަމަށް ފެނިވަޑައިނުގަންނަވާތީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި އަބްދުﷲ އަރީފާއި މުއުތަސިމް އަދުނާން ވަނީ ތަފާތު ރައުޔު ނެރުއްވާފަ އެވެ. ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ރައުޔު ދެއްވާފައިވަނީ އަބުދުއްﷲ ސައީދާއި އަލީ ހަމީދު މުހައްމަދާއި،އާދަމް މުހައްމަދު އަބުދުއްﷲއާއި ޑރ.އަހުމަދު އަބުދުﷲ ދީދީއެވެ.
ހަތަރު ފަޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާ މިއަދު ކުރި ހުކުމުގައި ބުނަނީ ހުޅުމާލެއަކީ އިދާރީ ގޮތުން މާލޭގެ ބައެއް ކަމަށް ވީނަމަވެސް ހުޅުމާލެއަކީ މާލޭގެ ޖުޑީޝިއަލް ދާއިރާގައި ހިމެނޭ މީހުން ދިރިއުޅޭ ވަކިރަށެއް ކަމަށް ވާތީ އާއި މާލޭގައި ގާއިމްވެފައިވާ ސްޕީރިއާ ކޯޓުތަކުގެ ބްރާންޗްތައް ކޯޓުތަކާ ބެހޭ ގާނޫނުގައި ބަޔާންވެފައިވާ ގޮތުގެ މަތިން ހުޅުމާލޭގައި ގާއިމްވެފައި ނުވާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށެވެ.
ސްޕްރީމް ކޯޓުގެ ސައްހަކަމާމެދު ސުވާލު އުފައްދާފައިވަނީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކުރެވޭ ޖިނާއީ ދައުވާ އެކޯޓުން ބަލަން ފެށުމާއި ގުޅިގެން އުފެދުނު ސުވާލުތަކާއި ގުޅިގެންނެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ހުޅުމާލެ ކޯޓުގައި މިހާރު ކުރިއަށް ގެންދެވޭނެ އެވެ.
ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ރައުޔު ނެރުއްވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުއުތަސިމް ފާހަގަ ކުރެއްވި ނުކުތާގައި ވަނީ ހުޅުމާލޭ ކޯޓު އެންމެ ފުރަތަމަ އުފެދިފައިވަނީ މާލޭގައި ހުރި ކޯޓުތަކުގެ ގޮއްޕެއްގެ ގޮތުގައި ކަމަށާއި އެގޮތަށް ނިންމީ ކުރީގެ ގާނޫނު އަސާސީގެ ދުވަސްވަރު އޭރު ޖަސްޓިސް މިނިސްޓްރީގެ އެދުމަކަށް ރައީސް އޮފީހުގެ ހުއްދައެއްގެ ދަށުން އެނގޭ ކަމަށެވެ. އޭރު ކޯޓުތައް އުފެއްދުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށް ވެސް މުއުތަސިމް ވިދާޅުވި އެވެ.
ފަނޑިޔާރު މުއުތަސިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ޖޭއެސްސީން އެކުލަވާލި ނަމަވެސް މައްސަލައެއް ބަލާނެ ފަނޑިޔާރުންގެ ބެންޗު ކަނޑައެޅުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންނުވާ ކަމަށެވެ.
ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ