މައުމޫނު ފައިލްކުރަން އުޅުނު މައްސަލަ ކޯޓުން ބަލައެއް ނުގަތް

ޤައުމުގައި މިވަގުތު ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަމަލު ނުކުރާ ކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ހުށަހަޅުއްވަން މަސައްކަތް ކުރެއްވި، "ހެބިއަސް ކޯޕަސް" މައްސަލަ ކޯޓުން ބަލައެއް ނުގަތެވެ.
ބައެއް މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން، ރައީސް މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިވަގުތު ޤައުމުގައި އަމަލުކުރަމުން ނުދާތީކަމަށެވެ.
ހެބިއަސް ކޯޕަސްގެ މައްސަލަތަކަކީ ޤާނޫނާ ޚިލާފަށް ބަންދު ކޮށްފައިވާ މީހެއް ބަންދުން ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަ އެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުށަހެޅޭ މައްސަލައެކެވެ.
ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބާރުތައް ހަމައަކަށް އެޅުއްވުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ވިސްނުން ޤައުމީ ކަންތައްތަކުގައި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަން ފާހަގަކުރެވުމުން އެކަންއެކަންވެސް ތަޙްޤީގް ކުރުމަށާއި އެއްކޮށެވެ.
އެގޮތުން ކުއްލި ހާލަތުގެ މި ދަނޑިވަޅުގައި ފުލހުންވަނީ ސްޕުރީމް ކޯޓުގެ އުއްތަމަ ފަނޑިޔާޜާއި އަދި އެ ކޯޓުގެ އިސް ފަނޑިޔާރެއްގެ އިތުރުން ޑީޖޭއޭގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު އާއި ކުރީގެ ރައީސް މައުމޫނުވެސް ހައްޔަރުކޮށްފައެވެ.
މީގެ ތެރެއިން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖްލީހުގެ މެމަބރުންނަށް ރިޝްވަތުދީ ޤާނުނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އާއި އަދި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގެ އިތުރުން ސަލާމަތީ ބާރުތަކުގެ މެދުގައި ބައިބައވުން އުފައްދާ ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތަކަށް ހިތްވަރު ދީ އެކަމަށް ރޭވުންތަކެއް ރޭވިކަމުގެ ތުޙުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ