ރާއްޖޭގެ މިއަދުގެ ޙާލަތު ބަދަލުވެއްޖެ ކަމަށާއި، މިއަދު ރައްޔިތުން ބޭނުންވަނީ ތަރައްޤީކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ޅ.ހިންނަވަރުގައި ފެނުގެ ނިޒާމް އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަނާއި ޑިމޮކްރަސީގެ ވާހަކަދައްކައިގެން ރައްޔިތުންނަށް ލިބޭނެ އުފަލެއް މިއަދު ނެތްކަމަށާއި، ރައްޔިތުން ބޭނުންވަނީ ޤައުމު ތަރައްޤީކުރަން ކަމަށެވެ.
"ރައްޔިތުން ބޭނުންވަނީ މިރާއްޖޭގެ ޖީޑީޕީ މައްޗަށް ޖައްސަން. ރިސޯޓްތައް ހުޅުވަން. ތައުލީމާއި ސިއްހީ ކަންތައްތައް ކުރިއަރުވަން." މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހުށަހަޅާ ހުރިހާ ކަމަކަށް ދެކޮޅު ހަދާ އިދިކޮޅު ޕާޓީއެއް ރާއްޖެ ނޫން އެހެން ގައުމެއްގައި ނޯންނާނެ ކަމަށެވެ. އެއީ ސީދާ ރައްޔިތުންނަށް ފައިދާކުރާނެ ކަންކަމުގައިވިޔަސް އިދިކޮޅު ފަރާތްތަކުން ނޫނެކޭ ބުނާކަމަށް ނާޒިމް ވިދާޅުވިއެވެ.
ނަތީޖާއަކަށް ވެގެންދަނީ ރައްޔިތުން ކުރާ އިތުބާރު ގެއްލި އޮންނަ ތާޢީދުވެސް ކުޑަވެގެން ދިޔުންކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"ހިންނަވަރުގެ ކައުންސިލް އެމްޑީޕީ އަށް ލިބުނު. މަޖިލީހަށް އެމްޑީޕީ ބޭފުޅަކު ހޮވި. ނަމަވެސް ހިންނަވަރަށް ގެނުވީ މަޔޫސްކަން. ބިކަ ކުރުވި. ހާލުގައި ޖެއްސުވި." މިނިސްޓަރު ވިދާޅުވިއެވެ.
އެމްޑީޕީގެ ބޮޑު ތާއިދެއް ކުރިން އޮތް ހިންނަވަރުގެ ހާލަތައް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ 2013 ކުރިއަށް ބަލާއިރު ހިންނަވަރަކީ އެމްޑީޕީ އަށް ވަރަށް ބޮޑު ތާއިދެއް އޮތް ރަށެއް ކަމަށާއި ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ހިންނަވަރު އޮތީ ބޮއްސުންލާފައި ކަމަށެވެ.
އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ހިންނަވަރުގެ ޙާލަތުވެސް ބަދަލުކޮށްލިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޙާލަތު ބަދަލުވެއްޖެ، މިއަދު ރައްޔިތުން ބޭނުންވަނީ ތަރައްޤީ - މިނިސްޓަރު ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ