އުމަރު ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ފިޔަވަޅު އަޅާނަން: ގާޒީ

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރީއަތަށް ބުރާސްފަތި ދުވަހު ހާޒިރު ނުވެއްޖެ ނަމަ އޭނާއާ މެދު ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އެ މައްސަލައާ ގުޅިގެން މިއަދު ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީސް ވެސް ކެންސަލް ކޮށްފައި ވަނީ އުމަރު ކޯޓަށް ހާޒިރުވެވަޑައިނުގަންނަވާތީ އެވެ.
ޝަރީއަތް ކުރާ ކޮޓަރިއަށް އުމަރުގެ ވަކީލާއި ޝަރީއަތް އަޑުއަހަން ދިޔަ ނޫސްވެރިން ވެއްދުމަށްފަހު ގާޒީ ވިދާޅުވީ މިދިޔަ މަހު ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލީސް ވެސް ކެންސަލް ކޮށްފައި ވަނީ ރަސްމީ ދަތުރުފުޅެއްގައި އުމަރު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ކަމަށް އަންގައި ހޯމް މިނިސްޓްރީން ސިޓީއެއް ފޮނުވުމުން ކަމަށެވެ.
ގާޒީ ވިދާޅުވީ މިއަދު އަނެއްކާވެސް އެ މައްސަލަ ތާވަލް ކުރީ ކުރިން ފޮނުވި ސިޓީގައި ބުނެފައިވާ ފަދައިން، އުމަރު ރާއްޖެއިން ބޭރުގައި ހުންނަވާ މުއްދަތު ހަމަވުމުން ކަމަށެވެ. އަދި މިއަދު ވެސް އެފަދަ ސިޓީއެއް ހޯމް މިނިސްޓްރީން ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި އިއްޔެ އިން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދަތުރުފުޅެއްގައި އުމަރު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މިނިސްޓަރުންނަކީ ދައުލަތުގެ އެންމެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކަމަށާއި މިނިސްޓަރަކު ހައްޔަރު ކުރުމަށް ޝަރީއަތަށް މަޖުބޫރު ނުކުރުމަށް ގާޒީ ވަނީ އުމަރުގެ ވަކީލުގެ ކިބައިން އެދިވަޑައިގެންފައެވެ.
"ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ ލިބޭނެ އަދަބު ވަކީލުންނަށް އެނގިވަޑައިގަންނަވާނެ،" ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ، މިނިސްޓަރު އުމަރު އުޅުއްވަނީ ޝަރީއަތަށް ދަތިކުރުމަށް ކަމަށް ބެލެވޭ ކަމަށާއި ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވެވަޑައި ނުގެންފި ނަމަ ގަވާއިދުގައިވާ ގޮތުގެމަތިން އުމަރާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އުމަރުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ 50 ހަރުގަނޑު ބޭނުންކޮށްގެން ރާއްޖޭގެ ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް ވަނުމަށް ދޭހަވާ ގޮތަށް މުޒާހަރާއެއްގައި އޭނާ ވާހަކަދައްކަވާފައިވާ ކަމަށް ބުނެއެވެ.
ދައުލަތުން ދައުވާ އިއްވުމާ އެކު އުމަރު ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވައި އޭނާގެ މައްޗަށް ދައުވާ ކުރުމުގައި ހަވާލާދެއްވާފައިވާ މާއްދާ އަކީ ގާނޫނު އަސާސީއާ ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި ދެއްވައި އެ މާއްދާ ބާތިލްކުރުމަށް އެދިވަޑައިގެންފައެވެ.
ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އުމަރުގެ ފަރާތުން އިޖުރާއީ މައްސަލައާ ގުޅިގެން ޖަވާބުދާރީވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ