ފަލަސްތީނު ޕާލަމެންޓް މެމްބަރު ޚާލިދާ އަނެއްކާވެސް ހައްޔަރު ކޮށްފި

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޚާލިދާ ޖައްރާރް އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.
އިސްރާއީލު ސިފައިން ޚާލިދާ ޖައްރާރް އަލުން ހައްޔަރުކުރީ ހުޅަނގު އައްސޭރީގެ ރާމަﷲ ގައި އޭނާގެ ގޭގައި އުޅުއްވަނިކޮށް ރޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ޚަބަރު ލިބެއެވެ.
އިސްރާއީލު ސިފައިން އޭނާ ހައްޔަރުކުރީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޕޮޕިއުލަރ ފްރަންޓް ފޮރ ދަ ލިބަރޭޝަން އޮފްޕަލެސްތައިން، ޕީ.އެފް.އެލް.ޕީގައި އޭނާ އަދާކުރައްވާ ދައުރުގެ ސަބަބުން ކަމަށް ވެއެވެ.
ޕޮޕިއުލަރ ފްރަންޓް ފޮރ ދަ ލިބަރޭޝަން އޮފްޕަލެސްތައިން އަކީ އިސްރާއީލުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ޖަމާއަތެކެވެ. އިސްރާއީލުގެ އިތުރުން، އެމެރިކާ އަދި ޔޫރަޕްގެ އިއްތިހާދުންވެސް ވަނީ އެއީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައެވެ.
އުމުރުފުޅުން 54 އަހަރުގެ ޚާލިދާ ޖައްރާރްއަކީ ޕޮލިއުލަރ ފްރަންޓްގެ އިސް ބޭފުޅެކެވެ. ޕޮލިއުލަރ ފްރަންޓްގެ ގިނަ ލީޑަރުން މިހާރުވެސް ތިއްބެވީ އިސްރާއީލުން ހައްޔަރު ކޮށްފައެވެ.
ޚާލިދާ ޖައްރާރް މީގެކުރިންވެސް އިސްރާއީލުން އެތައްފަހަރަކު ހައްޔަރު ކޮށްފައި ވެއެވެ. އެއްވެސް ޝަރީއަތަކާ ނުލައި އިސްރާއީލުގެ ޖަލެއްގައި 14 މަސްދުވަހު ބަންދުގައި ހުންނެވުމަށްފަހު އިސްރާއީލުން ޚާލިދާ އެންމެފަހުން މިނިވަން ކޮށްފައިވަނީ މިދިޔަ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.
އިސްރާއީލު ސިފައިން ތުހުމަތުކުރަނީ، ޖަލުން މިނިވަން ކުރުމުން ޚާލިދާ ޖައްރާރް އަނެއްކާވެސް އެނބުރި ދިޔައީ ޕޮލިއުލަރ ފްރަންޓްގެ "ޓެރަރިސްޓް" ހަރަކާތްތައް ހިންގުމަށް ކަމަށެވެ. އަދި ޚާލިދާއަކީ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ އެ ޖަމާއަތުގެ އެންމެ އިސް ލީޑަރުކަމަށްވެސް އިސްރާއީލު ސިފައިން ތުހުމަތު ކުރެއެވެ.
"އޭނާ ހައްޔަރު ކުރެވުނީ ޕީ.އެފް.އެލް.ޕީގައި އޭނާ އަދާކުރައްވާ ދައުރުގެ ސަބަބުން. އެއީ މެމްބަރަކަށް (ފަލަސްތީނުގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރަކަށް) ވާތީއެއްނޫން" އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައި ވެއެވެ.
ޚާލިދާ ޖައްރާރްގެ އިތުރުން، ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޚާތިމް ޚާތިވް ނަމަކަށްކިޔާ މީހަކުވެސް އިސްރާއީލުން ރޭގައި ހައްޔަރު ކޮށްފައި ވެއެވެ. އިސްރާއީލުން ބުނެފައިވަނީ އޭނާއަކީވެސް ޕީ.އެފް.އެލް.ޕީގެ އިސް ވެރިއެއް ކަމަށެވެ.
2007 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ޕާލަމެންޓް ޖަލްސާއެއް ނުބާއްވައެވެ. ޖަލްސާތައް ހުއްޓިފައިވާއިރު ފަލަސްތީނު ޕާލަމެންޓްގެ އަޣުލަބިއްޔަތު އޮންނަނީ ހަމަސްއަށެވެ.
އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ޕާލަމެންޓްގެ އެތައް މެމްބަރުން މިހާރުވެސް އެބަ ތިއްބެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ