ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޖަލަށް ލައިގެން އަނިޔާ ލިބެނީ ހަމައެކަނި އެމަނިކުފާނަށް ނޫން ކަމަށާއި އެއީ ވަރަށް ގިނަ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް މިނިވަންކުރުމަށް ގޮވާލާ ވީޓީވީން ކުރިއަށްގެންދާ ލައިވް ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ ގާސިމް އިބްރާހީމް ހައްޔަރުކޮށް ޖަލަށްލާފައިވަނީ އެމަނިކުފާނުގެ އެއްވެސް ކުށެެއް އޮވެގެން ނޫން ކަމަށާއި އެމަނިކުފާނުގެ މައްޗަށް ކުށެއް ސާބިތުނުވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ހައްޔަރުކޮށް ޖަލަށްލައިގެން އުޅެނީ ސިޔާސީ ލީޑަރުންނަށް ބިރުދެއްކުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.
ޝިދާތާ ވިދާޅުވީ ގާސިމް އިބްރާހީމް ހައްޔަރުކުރުމަކީ ހަމައެކަނި އެމަނިކުފާނަށް ދެވޭ އަނިޔާއެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެކަމުން އަނިޔާ ލިބޭ ވަރަށް ގިނަ ރައްޔިތުން އެބަތިބި ކަމަށް އޭނަ ވިދާޅުވިއެވެ.
"ގާސިމް އިބްރާހީމަކީ އެކިގޮތްގޮތުން ވަރަށް ގިނަ ރައްޔިތުންތަކަކާ ގުޅުން އޮތް ބޭފުޅެއް. އެތައް ރައްޔިތުންތަކަކަށް އެހީތެރިކަން ދެއްވާ ބޭފުޅެއް. އެހެންވީމަ އެމަނިކުފާނު ހައްޔަރުކޮށްގެން އޭގެ އަނިޔާ ލިބެނީ ހަމައެކަނި އެމަނިކުފާނަކަށް ނޫން. އެކަމުން އަނިޔާ ލިބޭ ރައްޔިތުން ވަރަށް ގިނަ" ޝިދާތާ ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންހެން ޖަލަށްލައި ބަންދުކޮށްފައިވާއިރު ބޭރު ދުނިޔެއިންވެސް ދަނީ ރާއްޖޭގެ ޑިމޮކްރެސީގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރަމުންކަން ޝިދާތާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ޝިދާތާ ވިދާޅުވީ މިއީ ހަމައެކަނި އިދިކޮޅު ފަރާތްތަކުން ސިޔާސީގޮތުން ދައްކާ ވާހަކައެއް ނޫންކަން އެބަ އެނގޭ ކަމަށެވެ.
ޝިދާތާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެެ މަޝްވަރާއަށް ސަރުކާރުން ގޮވާލި ނަމަވެސް ސަރުކާރުގެ ނިޔަތް ރަގަޅު ނޫން ކަމަށާއި އިޚުލާސްތެރިކަމެއް ނެތް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް ގޮވާލީ ސިޔާސީގޮތުން ހައްލުކުރަންޖެހޭ ކަންކަން ގައުމުގައި ހުރެގެން ކަމަށާއި ނަމަވެސް އެކަންކަން ހައްލުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކަށް ނުފެނޭ ސަރުކާރުގެ އިޚުލާސްތެރިކަމެއް. ޑިމޮކްރެޓިކް ހަމަތައް ގައުމުން ގެއްލުމުން ޕާޓީތަކުގެެ މަޝްވަރާ ބޭއްވުމަށް ކޮމަންވެލްތުން ވެސް ގޮވާލައި އެކަމަށް މަސައްކަތްތަކެއް ކުރި. އެކަން ކުރީމަ ކޮމަންވެލްތުން ވަކިވީ ތަން ފެނުނީ. އިންސާނީ ހައްގުތަކާއި ޑިމޮކްރެސީގެ ސިފަތައް ދޫކޮށްލީމަ ގައުމުތަކުން ބެހޭނެ. ދުނިޔެއިން އެކަހެރިވެގެން ނޯވެވޭނެ ރާއްޖެއަކަށް ވެސް" ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ވެރިކަމުގެ ސިފަތައް ގެއްލި، ދައުލަތުގެ ގަދަރު ގެއްލިފައިވުމީ ހިތާމައެއް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ވަށައިގެން ތިބި ހުރިހާ ސިޔާސީ ލީޑަރުންގެ ސިޔާސީ މުސްތަގުބަލް ކަތިލައި އެބޭފުޅުންގެ ފިޔަ ކޮށައިލުމަށް ކަމަށެވެ. ނަމަވެސް އެކަންކަމުން އިތުރަށް ސާބިތުކޮށްދެނީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ ތެދުކަން ކަަމަށް ޝިދާތާ ވިދާޅުވިއެވެ.
ގާސިމް ހައްޔަރުކުރުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް: ޝިދާތާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ