ހައްގު ނޫން އެއްވެސް ފައިސާއެއް އެބޭފުޅާއާއި ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ މިހެން ވިދާޅުވީ، އިއްޔެ އެބޭފުޅާއާއި އެބެފުޅާގެ އާއިލާގެ މެމްބަރުންގެ ނަމަށް ހުތުރުވާފަދަ ގޮތަކަށް ރާއްޖެގެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ވާހަކަތަކާއި ގުޅިގެން އެކަމަށް ރައްދުދެއްވުމަށް ނެރުއްވި ނޫސްބަޔާނެއްގައެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ އާންމުކުރައްވާފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ކޮންމެ އިންސާނެއްގެ ރީތިނަމާއި އަބުރު ރައްކާތެރިކުރުމަކީ ދިވެހިރާއްޖެގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި އަނެކުންގެ އަސާސީ ހައްގުތަކަށް އިޚްތިރާމްކުރުމަކީ އެންމެންގެ މައްޗަށް އޮތް ދުސްތޫރީ ވާޖިބެއްކަމަށެވެ.
މި ނޫސްބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން އެއެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނީ ތޯތޯ ވަހަކަތަކަށް ބަރޯސާ ވުމުގެ ބަދަލުގައި އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެގެންކަމަށެވެ. އަދި މިހެން ކަންތަށް އޮތްއިރުވެސް ނޫސްތަކުގައި އެބޭފުޅާގެ އަބުރުކަތިލާއި ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ކަމުގެ ދެކޮޅު ނުބަލައި ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ވިދާލުވެފައިވެއެވެ. އަދި ބޭންކް އެކައުންޓްތަކަށް ފައިސާ ޖަމާކުރުންފަދަ މުއާމަލާތްތަކަކީ އެކަމުގެ ފުރިހަމަ މައުލޫމާތު ބޭންކްތަކުން ބަލަހައްޓާ ކަންކަން ކަމަށްވެފައި ދައުލަތުގެ ކަމާއިބެހޭ އެއްވެސް އިދާރާއަކުން މިފަދަ މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި އެމައުލޫމާތެއް ލިބޭނެކަންވެސް ބަޔާނުގައި ފަހަގަކުރައްވާފައިވެއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ އާންމުކުރައްވާފައިވާ ނޫސްބަޔަނުގައި އިތުރަށް ވިދާޅުވެފައި ވަނީ ކޮންމެ ފަރުދެއްގެ މައްޗަށްވެސް ކުރެވޭ ތުހުމަތުތަކުގައި ޖަވަބުދާރީވުމުގެ ފުރުސަތަކީވެސް ގާނޫނުން ލިބިދޭ ހައްގެއް ކަމަށެވެ. ނަމަވެސް އެއްވެސް ފުރުސަތެއް ލިބުމަކާއިނުލާ އެބޭފުޅާގެ އަބުރާއި ނަން ކިލަނބުކޮށްލުމަށް ހިންގި އަމަލަކީ، ގާއިމް ކުރެވިފައިވާ އިންސާނީ ހައްގުތަކުގެ އުސޫލުތަކާއި ނުބައްދަލު ހުތުރުކަންބޮޑު އަމަލެއްކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ހައްގު ނޫން އެއްވެސް ފައިސާއެއް އެކައުންޓުގަ ނުހުންނާނެ: ފަނޑިޔާރު އަބްދުﷲ ދީދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ