ވެނެޒުއެލާ އިން ކަރަންޓް ކެނޑި ރައްޔިތުން ބިކަވެފައި

ވެނެޒުއެލާގެ ބޮޑު ސަރަހައްދަކުން ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ކެނޑި، ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއެލާއިން ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް ކެނޑުނީ ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.
އިންޖިނޭރުންގެ މަސައްކަތުން ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފައިވީ ނަމަވެސް ކަރަންޓު ކެނޑުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.
ކަރަންޓާއި މުވާސަލާތީ ޚިދުމަތްތަކާއި ނުލާ، ވެނެޒުއެލާގެ ރައްޔިތުން މިހާރު ވަނީ ބިކަވެފަ އެވެ. ހާލުގައި ޖެހިފަ އެވެ. ހުޅުވާފައި ހުރީ މަދު ފިހާރަ އެކެވެ. ކާނާއާއި ސާފު ބޯފެން ހޯދުމަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފަ އެވެ. ވެރިރަށް ކަރާކަސްގެ ރައްޔިތުން ބޯފެން ހޯދަން މިހާރު ޖެހެނީ ރަށްބޭރު ސަރަހައްދުތަކުގައިވާ މީރު ފެންގަނޑުތަކުންނެވެ. ސަބަބަކީ ފުޅީގައި ބަންދުކޮށްފައިވާ ފެނުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމެވެ. މީގެ އިތުރުން ކާނާއާއި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ވަނީ މުޅިންހެން ހުސްވެފަ އެވެ.
މިކަމުގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށެވެ. ގިނަ އަދަދެއްގެ ހޮސްޕިޓަލްތަކުގައި ކަރަންޓު ނެތް އިރު، ކަރަންޓު ބޭނުންކުރަން ޖެހޭ އާލާތްތަކުގެ ޚިދުމަތްވަނީ ހުއްޓުމަށް އައިސްފަ އެވެ. މަގުތަކަށް ބަލާލާއިރު ކާރުތަކާއި އެހެނިހެން ދުއްވާ އުޅަނދުތައް ވަނީ ޕާކްކޮށްފަ އެވެ. ސަބަބަކީ ކަރަންޓުގެ ޚިދުމަތް ނެތުމުން ޕެޓްރޯލް އަޅާނެ ގޮތެއް ނެތުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ