ފެންބިލާއި ކަރަންޓު ބިލުން ޑިސްކައުންޓުގެ ގޮތުގައި 60 މިލިޔަނަށްވުރެ ގިނަ ރުފިޔާ

އިކޮނޮމިކް ރިލީފްޕެކޭޖުގެ ތެރެއިން ފެންބިލާއި ކަރަންޓު ބިލުން، 60 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޑިސްކައުންޓުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއު ގުޅިގެން ތައާރަފްކުރި އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން 2.5 ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެ ޕެކޭޖްގެތެރެއިން ފެނާއި ކަރަންޓް ބިލުން ޔޫޓިލިޓީސް ޑިސްކައުންޓްގެ ގޮތުގައިވެސް ބޮޑު އަދަދެއް ޚަރަދުކޮށްފައިވާކަމަށެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނާއި، އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ މެދުވެރިކޮށް، 46،417 ގޭބިސީއެއްގެ ފެންބިލްތަކަށް 10.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި ހަމަ އެކުންފުނިތައް މެދުވެރިކޮށް ދޭ ކަރަންޓުގެ ޚިދުމަތުން 92،599 ގޭބިސީއެއްގެ ކަރަންޓް ބިލަށް 49.7 މިލިޔަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
"ކޯވިޑް19އާ ގުޅިގެން ސަރުކާރުން ތާރަފްކުރި އިކޮނަމިކް ރިލީފް ޕެކޭޖްގެތެރެއިން އެވްރެޖްކޮށް ކޮންމެ ގޭބިސީއެއްގެ ފެންބިލުން 235 ރުފިޔާ އަދި އަދި ކަރަންޓް ބިލުން 500 ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާނެ" ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އާއްމު ދިރިއުޅުމުގައި ދިމާވާ މާލީ ދަތިތަކަށް ލުޔެއްދިނުމަށް ސަރުކާރުންވަނީ ކަރަންޓު ބިލުން %40 އަދި ފެން ބިލުން %30 އުނިކުރުމަށް ނިންމާފައެވެ.
ސަރުކާރުން ސަބްސިޑައިޒްކޮށް އަގުހެޔޮ ބިލް ގޭގެއަށް ފޮނުވުމަށް ނިންމީ މޭމަހާއި ޖޫންމަހުގެ ބިލުންނެވެ. ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭ ދެ ކުންފުނިންކަމަށްވާ ފެނަކަ އާއި ސްޓެލްކޯއިންވެސްވަނީ ބިލްތަކުގެ އަގުން ސަރުކާރުން ކަނޑައެޅި އިންސައްތަ އުނިކޮށްފައެވެ.
ސަރުކާރުން ކަރަންޓު އަގުހެޔޮކޮށްފައިވަނީ އާއްމުން ދިރިއުޅޭ ގޭބިސީތަކަށް ދޫކުރާ ޑޮމެސްޓިކް ކަސްޓަމަރުގެ ބޭންޑުތަކުންނެވެ. މި ބަދަލުގައި ވިޔަފާރިކުރާ ތަންތަން ނުހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ