ދަރިންނަށް ޖިންސީ ގޯނާ ކުރި މީހަކު ދޫވެފައި ހުއްޓާ ސުޕްރީމް ކޯޓުގެ ހުކުމަކުން 20 އަހަރަށް ޖަލަށް

ތުއްތު ދެ އަންހެން ދަރިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި މީހެއްގެ މައްޗަށް ދަށު ކޯޓުންނާއި ހައި ކޯޓުން ވެސް ކުށް ސާބިތުނުވި ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި އޭނާ ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަނިޔާ ލިބުނު ދެ ކުދިންގެ މަންމަ ބަލިވެގެން މާލެ ގޮސް ހުއްޓައި، އެ ކުދިންގެ ބައްޕަ ވަނީ އެ ކުދިންނަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށްފަ އެވެ. އެ މަންޒަރު އެ ކުދިންގެ މަންމަ ފަރާތު ބޮޑު ދައިތައެއްގެ އިތުރުން އެހެން މީހަކަށް ވެސް ފެނުނެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ޕީޖީއިން އުފުލި ދައުވާތަކަކީ:
އާއިލާގެ މީހަކާ މެދު ޖިންސީ ގުޅުން ހިންގިކަމުގެ ދައުވާ
ނަމަވެސް، އެ މައްސަލަ ބެލިި މެޖިސްޓްރޭޓު ކޯޓުން ނިންމީ އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކުށް ސާބިތު ނުވާ ކަމަށް
ރައުޔު ތަފާތުވި ހުކުމެއްގައި ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓަން
ވީ ކިހިނެއް؟ - ދައުލަތުން ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި މިއަދު ސުޕްރީމް ކޯޓުން ނިންމީ، އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ވަރަށް ހެކި އެބަ ހުރި ކަމަށެވެ.
އަނިޔާ ލިބުނު ކުދިންގެ މަންމަ ފަރާތުގެ ބޮޑުދައިތައަށް ދެ ފަހަރެއްގެ މަތިން ބައްޕަ އެ ކުދިންނަށް ޖިންސީ ގޯނާ ކުރަނިކޮށް ފެނުނަސް އޭނާ އަކީ  ސިކުނޑީގެ މައްސަލައަކަށް ފަރުވާ ހޯދާ މީހަކަށް ވާތީ އޭނާގެ ހެކިބަހަށް ބުރަަދަން ނުދިނުމަށް ހައި ކޯޓުން ނިންމާފައިވެ އެވެ.
އެކަމަކު، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ހެކިވެރިޔާ ތަހުގީގަށް އޭނާއަށް ފެނުނު މަންޒަރުތައް ކިޔައިދިންތާ ހަތަރު އަހަރު ފަހުން އެ އަމަލުތައް އެ ތަފްސީލާއެކު ޝަރީއަތަށް ކިޔައިދީފައިވުމުުން އޭނާގެ ބަލި ހާލަތަކީ އޭނާގެ ވިސްނުމާއި އޭނާއަށް ފެނުނު މަންޒަރު ސިފަކުރުމަށް ހުރަސް އަޅާ ކަމެއް ނޫންކަން އެނގޭ ކަމަށެވެ. އެހެންވެ، އޭނާގެ ހެކިބަހަށް ބުރަދަން ނުދޭން ނިންމާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.
މަންޒަރު ދުށް ކަމަށް ބުނާ ދެވަނަ މީހާގެ ހެކިބަހާ މެދު ސުވާލު އުފެދުނީ ދައުވާ ލިބުނު މީހާ ސޯފާއެއްގައި އިނީ ކުއްޖާގެ ހެނދުމުން ނިވާވާ ގޮތަށް ކުއްޖާގެ ކުރިމަތިފަރާތުގައި އަތް އަޅައިގެން ކަމަށް ތަހުގީގުގައި ބުނުމަށްފަހު އޭނާގެ އަތް އޮތީ ހެނދުމުގެ މަތިން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާތީ އެވެ.
މަންޒަރު ފެނުނު ދެވަނަ މީހާ ބުނެފައި ވަނީ ދައުވާ ލިބޭ މީހާ އަތް ބަހައްޓައިގެން އިން ގޮތުން އޭނާގެ ނިޔަތް ރަނގަޅު ނޫންކަން އެނގޭ ކަމަށެވެ. އޭނާގެ އެ ބުނުމުން އެނގެނީ ދައުވާ ލިބޭ މީހާ ހުރީ އާދައިގެ މީހަކު އާންމު އުސޫލުން އަމިއްލަ ދަރިއަކާ މެދު އަމަލު ބަހައްޓާ އިމުން ބޭރުން ކަމަށް ބެލެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އެހެންވެ، އޭނާގެ ހެކިބަހަށް އެހެން ހެކިތަކުން ބުރަދަންދެވޭތޯ ބަލަން ޖެހޭ ކަމަށް ހުކުމުގައި ފާހަގަ ކުރި އެވެ.
ޝަކުވާ ކުރި ކުޑަ ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި ގޮތް އެ ކުދިން ތިން މީހަކަށް ކިޔައިދީފައިވާ ގޮތް އެ ވާހަކަތައް ކިޔައިދިން މީހުން ޝަރީއަތުގެ މަޖިލީހުގައި ކިޔައިދިން އިރު އެއްގޮަތް ކަމަށް ހުުކުމުގައި ފާހަގަ ކުރި އެވެ. އެހެންވެ، އެ ކުދިން ދެއްކި ވާހަކަތަކަކީ އާދައާ ހިލާފަށް ތެދު ކަމަށް ގަބޫލު ކުރެވޭ ކަމަށް ހުކުމުގައިވެ އެވެ.
އަނިޔާ ލިބުނު ދެ ކުދިންނާ ގުޅޭ ރިޕޯޓުތަކެއް ޖެންޑާ މިނިސްޓްރީގެ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރުން ތައްޔާރުކޮށްފައިވެ އެވެ. ހަނގު ކުއްޖާއަށް ބައްޕަ އެ ކުއްޖާއަށް އޮޅުވާލައިގެން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އެ ކުއްޖާގެ ރިޕޯޓުގައިވެ އެވެ. ދޮށީ ކުއްޖާއަށް ނުރުހުމުގައި އެކި ދުވަސްމަތިން ޖިންސީ ގޯނާކޮށްފައިވާ ކަމަށް ވެސް އެ ކުއްޖާއާ ބެހޭ ރިޕޯޓުގައި ވެ އެވެ.
ދެ ކުދިންގެ މެޑިކަލް ރިޕޯޓުގެ ތެރެއިން ހަނގު ކުއްޖާގެ ރިޕޯޓުގައި ކުއްޖާގެ ޖިންސީ ގުނަވަނުގައި ކަނޑައިގެން ގޮސްފައި ހުރި ތަނެއް ހުރުމުން އެއީ ދައުވާ ލިބޭ މީހާގެ ފަރާތުން ކުއްޖާއަށް ލިބުނު ގޯނާގެ އަނިޔާގެ ސަބަބުން ލިބުނު ޒަހަމެއް ކަމަށް ބުރަވެވޭ ކަމަށް ވެސް ވެ އެވެ.
އެ ކުދިންގެ ހާލަތު ދެނެގަތުމަށް ހެދި ރިޕޯޓުތަކުންނާއި މެޑިކަލް ރިޕޯޓުން އެކި ޒާތުގެ ޖިންސީ އަނިޔާ ލިބިފައިވާކަން އެނގޭއިރު، ޝަފަވީ ހެކިންގެ ހެކިބަހުން ރިޕޯޓުތަކުގައި ބުނާ ބުނުމަށް ބާރު ލިބޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ ވެ. އަދި ހެކިންގެ ހެކިބަހާއި އެ ކުދިން ކިޔައިދީފައިވާ ގޮތާ އެއްވެސް ތަފާތެއް ނެތް ކަމަށް ވެ އެވެ.
އެހެންވެ، މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރީ، ދައުވާ ލިބޭ މީހާ އޭނާގެ ދެ ދަރިންނާ މެދު ޖިންސީ ގޯނާ ކުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 20 އަހަރަށް ޖަލަށްލާށެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ