މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފަންޑުކުރަން އުޅެނިކޮށް އަތުލާ ފައިސާ ބަހައްޓަންޖެހޭނީ އެމްއެމްއޭގަ

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ގަވާއިދާ ހިލާފަށް އެކި ފަރާތްތަކުން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލާ ފައިސާ ޖަމާކުރަން ޖެހޭނީ އެމްއެމްއޭގެ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ އެފަދަ މައްސަލަތަކުގައި އެކި ފަހަރު މަތިން އަތުލެވިފައިވާ ގިނަ އަދަދެއްގެ ފައިސާ ހަވާލުކުރާނެ އިދާރާއެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ކަސްޓަމްސްއަށް ދަތިތަކާ ދިމާވަމުންދާކަމަށް އެފަރާތުން މައުލޫމާތުދޭ ކަމަށެވެ.
އެ ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖެއަށް އަންނަ ނުވަތަ ރާއްޖެއިން ބޭރަށްދާ އެއްވެސް ފަރުދަކު އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި އެމްއެމްއޭއިން ކަނޑައަޅާ އަދަދެއްގެ ރުފިޔާ ނުވަތަ އެ އަދަދަށްވާ ބޭރު ފައިސާ ނުވަތަ ބޭރާ ނެގޯޝިއަބަލް އިންސްޓްރްމަންޓެއް ރާއްޖެއަށް އެތެރެކުރާނަމަ ނުވަތަ ބޭރުކުރާނަމަ އެ ފައިސާގެ އަދަދު ކަސްޓަމްސް ސާވިސްއަށް ރިޕޯޓުކުރަންވާނެ ކަމަށް ގަނޫނުގައި ބަޔާންކުރާ ކަމަށެވެ.
ގާނޫނުގެ ދަށުން ރިޕޯޓުކުރަންޖެހޭ، ނަމަވެސް ރިޕޯޓުކޮށްފައި ނުވާ ނަގުދު ފައިސާއަކީ ނުވަތަ ބޭރާ ނެގޯޝިއަބަލް އިންސްޓްރްމަންޓް އަކީ މަނީ ލޯންޑަރިންގެ އަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާއެއް، ނުވަތަ ބޭރާ ނެގޯޝިއަބަލް އިންސްޓްރުމަންޓެއް ކަމަށް ޝައްކުކުރެވޭ ނަމަ ނުވަތަ ފައިސާގެ އަދަދު ރިޕޯޓުކުރުމުގައި ނުރަނގަޅު މައުލޫމާތު ދީފައިވާނަމަ އެތަކެތި އެކުގައި ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވާ ކަމަށެވެ.
"އެގޮތުން ފުލުހުންނާ ހަވާލުކުރެވޭ ފައިސާ ބަލައިގަނެ ޖަމާކުރަންވާނީ ނުވަތަ ބަލަހައްޓަންވާނީ އެމްއެމްއޭގައި ހުޅުވައި ބަލަހައްޓަމުންދާ ޕަބްލިކް ބޭންކު އެކައުންޓުގައިކަން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބުނެފައިވެ އެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ