ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައްދާގޮތުން އެއީ ރައްޔިތުންގެ މަޖިލީހެއްތޯ ނުވަތަ ސަރުކާރުން ބޭނުންގޮތަކަށް ހިންގާ މަޖިލީހެއްތޯ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ސުވާލު އުފައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ މަސައްކަތަކަށް އޮތީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހެޅުމެވެ.
އެހެންނަމަވެސް އާދަމް ޝަރީފް މައްސަލަ ހުށަހަޅަން މަސައްކަތް ކުރައްވަނިކޮށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގެ 64 އިންސައްތަ އެމްޑީޕީ އަށް ދިނުމާއި އެކަމާ ގުޅޭ ގޮތުން ޕާޓީތަކުގެ މެދުގައި މަޝްވަރާ ނުކޮށް އެޖެންޑާގައި ހިމެނުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައި މަޖިލީހުގައި އަޑުގަދަ ކުރައްވަމުންނެވެ.
މި ހަމަނުޖެހުމުގެ ތެރެއިން ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންވެސް އަޑުގަދަކުރަމުން ގެންދިޔައިރު މެމްބަރު ވަހީދު ވިދާޅުވީ އަންގާރަ ދުވަހުގެ ޖަލްސާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެން ކުރިއަށްގެންދިއުމަށް ސަރުކާރުން ހުރަސްއެޅިއިރު މިއަދުގެ ޖަލްސާ ހަމަ އެމަނިކުފާނު އިންނަވައިގެން ކުރިއަށްގެންދިއުމަށް ސަރުކާރުން ރުހެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
މަޖިލީހުގެ ނިޒާމް ގެއްލި ހުއްޓުމަކަށް އައިސްފައި ވަނީ ކޮމިޓީތައް އެކުލަވާނުލެވޭތީއެވެ. މިއަދު ސަރުކާރު މެންބަރުން ބޭނުންވާ ގޮތަށް އެ މަސައްކަތް ތާވަލުކުރިނަމަވެސް ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.
މިއީ ރައްޔިތުންގެ މަޖިލީހެއްތޯ؟ ނުވަތަ ސަރުކާރު އޮޕަރޭޓް ކުރާ މަޖިލީހެއްތޯ؟: މެމްބަރު ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ