ޓީޗިން ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ދޭން ހައި ކޯޓުން ވަގުތީ އަމުރެއް

ޓީޗީން ދާއިރާގެ ކޯސްތައް އޮންލައިންކޮށް ނުކިޔެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ނިންމާފައި އޮތްއޮތުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެމްކިއުއޭއިން މިދިޔަ އަހަރު ހެދި އީ ލާނިން ގައިޑްލައިން އޮތްގޮތް އަށް ދާއިރާއެއްގެ ކޯސްތައް އޮންލައިންކޮށް ކިޔަވައި ނުދެވެ އެވެ. އެ ގައިޑްލައިންގެ އެ މާއްދާ ގާނޫނާ ހިލާފް ކަމަށް ބުނެ ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިންނެވެ.
އެ މައްސަލަ ނިމެންދެން، މަންދު ކޮލެޖްގެ އީ ލާނިން މޮޑަލިޓީގެ ކޯސްތައް ނުހުއްޓުވުމުގެ ވަގުތީ އަމުރަކަށް މާލެ ހައި ކުންފުނިން އެދުމުން ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލާގައި އެންމެ ބޮޑަށް ހިމެނެނީ ކިޔަވާ ދަރިވަރުންގެ މަސްލަހަތު ކަމަށެވެ. އަދި އަމުރެއް ނުނެރެ އޮއްވާ، މާލެ ހައި ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ، ޓީޗީންގެ ދާއިރާގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ނުލިބި ތިބި އެތައް ދަރިވަރުންނެއްގެ ވަގުތު ބޭކާރުވެގެން ދާނެ ކަމަށް އެ އަމުރުގައިވެ އެވެ.
އެ އަމުރުގައިވަނީ ދެ ފަރާތުގެ މަސްލަހަތާއި އާންމު މަސްލަހަތަށް ބެލިޔަސް، މައްސަލަ ނުނިމި އޮންނަ މުއްދަތުގައި ޓީޗިން ދާއިރާގެ އޮންލައިން ކޯސްތަކަށް ނުވަދެވި ދަރިވަރުން ތިބެން ޖެހުމަކީ އެ މީހުންނަށް ދެވޭ ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އެހެންވެ، ޓީޗިން ދާއިރާގެ ކޯސްތައް އޮންލައިންކޮށް ނުކިޔެވޭނެ ކަމަށް ގައިޑްލައިންގައި އޮތްއޮތުމަށް އަމަލުކުރުން މަޑުޖައްސާލަން އެންގީ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އެ އަމުރުގައިވެ އެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލް ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ