ނިލަންދޫ ރައްޔިތުން ބޭނުންވާ ހަތް ކަމެއް ރައީސްއާ ހިއްސާ ކޮށްފި

ފ. ނިލަންދޫ ކައުންސިލުން ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ހަތް ކަމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާ މިއަދު ހިއްސާކުރައްވައިފިއެވެ. ރައީސް ޞާލިހް ވަނީ ނިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވަފައެވެ. މިބައްދަލު ކުރެއްވުން އޮތީ، މިއަދު ހެނދުނު ނިލަންދޫ ކައުންސިލް އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ނިލަންދޫ ކައުންސިލުން ވަނީ، ރައްޔިތުންނަށް ބޭނުންވެފައިވާ ހަތް ކަމެއް ރައީސްއާ ހިއްސާކުރައްވާފައެވެ. ނިލަންދޫ ރައްޔިތުންގެ އެދިފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ: ފަތުރުވެރިކަން ތަރައްގީކުރުމަށް ހުރި ދަތިތައް ނައްތައިލުން ގިރާ ސަރަހައްދު ހިމާޔަތް ކުރުން ކައުންސިލް އިދާރާގެ އައު އިމާރާތެއް އެޅުން ފުލުހުންގެ މަރުކަޒެއް ބިނާކުރުނުް ފ. އަތޮޅު ހޮސްޕިޓަލުން ޑަޔަލަސިސް ހެދޭނެ ގޮތާއި، އައިސީޔޫއެއް ޤާއިމްކުރުން އިންޖީނުގެ ރީލޮކޭޓްކުރުން ފެރީގެ ނިޒާމްގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުން ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި ހިންގުމުގައި ދިމާވެފައިވާ އިމާރާތުގެ ދަތިކަން ހައްލުކުރުން ރައީސްއާ އެކީ ބޭއްވި ބައްދަލުކުރެއްވުމުގައި ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ، ކޮމިޓީ އެކުލެވިފައި އޮންނަ ގޮތުން، ކޮމިޓީ ހިންގުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެނދިޔުމަށް ޓަކައި އެމައްސަލަތައް ހައްލުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއްސަސާތަކާއި ގުޅިގެން އަވަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިގޮތުން ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގައި އިސްކަންދެއްވައި، ބަނދަރާއި، އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ނިލަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓިއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައި، ރައީސް އާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ، ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ފަޒްނާ ވަނީ އެ ހޮސްޕިޓަލްގެ ވެރިންނާއި މުވައްޒަފުންނާއި އަދި ހޮސްޕިޓަލުން ޚިދުމަތް ހޯދަމުންގެންދާ އާއްމުންނާއި، ބައްދަލުކޮށްލައްވައި، ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުއްވަވާފައެވެ. ފ.އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތަށް ފަހުގައި، ރައީސް ވަނީ، ނިލަންދޫގައި، އަމިއްލަ ފަރާތަކުން ހިންގާ، "ތަދްރީސުލް ޤުރުއާނުލްކަރީމް" ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ. "ތަދްރީސުލް ޤުރުއާނުލްކަރީމް" ކުލާހަކީ، ހެނދުނު ކުލާހުގެ ނަމުގައި، 1969 ވަނަ އަހަރު ފެށުނު ޤުރުއާން ކުލާހެކެވެ. މިއަދު ރަސްމީކޮށް ހުޅުވި މި ޤުރުއާން ކުލާހުގެ އައު އިމާރާތުގައި ދެ ކުލާސްރޫމް ހިމެނޭއިރު، މިހާރު މިޤުރުއާން ކުލާހުގައި 100 ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ