ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތަށް ވީޑިއޯ ހުށަހެޅުމުގެ ފަހު ފުރުސަތު މާދަމާގެ ނިޔަލަށް

މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްއެސްޓީވީއިން ބާއްވާ ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތަށް ކިޔެވުމުގެ ވީޑިއޯ ހުށަހެޅުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާއިރު މުބާރާތަށް ކުދީންގެ ކިޔެވުން ވީޑިއޯކޮށް ފޮނުވުމުގައި ސަމާލުވާންވީ ކަންކަން މުބާރާތް އިންތިޒާމު ކުރެއްވުމުގައި އިސްކޮށް ޙަރަކާތްތެރިވާ އެސްއެސްޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީން ކިޔައިދެއްވައިފިއެވެ. ޒަހީން ވިދާޅުވީ މުބާރާތުގައި ބައިވެރިވާން ހުޅުވައިލި މުއްދަތުގައި 700 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާކަމަށެވެ. "އަޅުގަނޑުމެންނަށް ބައިވެރިންނަށް މުއްދަތު ދެވުނީ ކުރު މުއްދަތެއްކަމަށް ގަބޫލުކުރަން. އެއީ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ދެވުނީ. އެހެންނަމަވެސް މި މަހު 15އާ ހަމައަށް ބައިވެރިވުމަށް މުއްދަތު ހަަމަވީ އިރުގައި 700 އަށްވުރެ ގިނަ ކުދިންވަނީ ބައިވެރިވެފައި. އޭގެ މާނައަކީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބިއްޖޭ،" ޒަހީން ވިދާޅުވިއެވެ. އެސްއެސްޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީން -- ސަން ފޮޓޯ މިހާރު މުބާރާތުގައި ބައިވެރިވުމަށް އެސްއެމްއެސް ކުރި ކުދީންނަށް އެސްއެމްއެސް ކުރި ފޯނު ނަމްބަރުތަކަށް ކިޔެވުމުގެ ވީޑިއޯ ފޮނުވުމުގައި އަމަލުކުރަންވީ ގޮތުގެ މެސެޖު ވެސް ފޮނުވަމުން އަންނަކަމަށް ޒަހީން ވިދާޅުވިއެވެ. އޭނާވަނީ މުބާރާތަށް ވީޑިއޯ ހުށަހަޅާއިރު ބެލެނިވެރިންގެ ސަމާލުވާންވީ ބައެއް ކަންކަން ކިޔައިދެއްވައިފައެވެ. އެ ކަންކަމަކީ: މުބާރާތަށް ފޮނުވާ ވީޑިއޯގެ އަޑާއި މަންޒަރު ސާފުވުން މުބާރާތަށް ފޮނުވާ ވީޑިއޯ ލޭންޑްސްކޭޕްކޮށް ހުރުން ހަ ފޮޅުވަތު ކިޔެވުން ރެކޯޑްކުރުން (އާޔަތް ނިމެން އިތުރު ފޮޅުވަތެއް ކިޔަންޖެހޭނަމަ ކިޔެވުމުގައި މައްސަލައެއް ނެތް) ކުއްޖާ ކިޔަވަން އިންނަ ތަނުގައި ފެންނަން ހުރި ފަހަތް ރީތިވުން އެކަށީގެންވާ ގޮތަށް ހެދުން އެޅުން ޒަހީން ވިދާޅުވީ އެ ކުއްޖަކަށް ފަރިތަ ހިސާބަކުން ޤުރުއާން ކިޔަވައި މުބާރާތަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ. "ގިނައިން ކިޔެވި ކަމަކު ފަނޑިޔާރުން މާކްސް ދެއްވާނީ ހަ ފޮޅުވަތަށް. މާކްސް ދޭއިރު ދެން އިތުރަށް ހުރުމަކީ މައްސަލައެއް ނޫން. މިހާ ބައިވަރު ކުދިން ތިބީމާ މާ ދިގުކޮށް ވެސް ނޯންނާނެ ދެވޭކަށް. އެ ހުރިހާ ކުދިންނަށް ވެސް ފުރުސަތު ދޭންޖެހޭ. ހުރިހާ ކުދިން ވެސް ޓީވީން ދައްކަން ޖެހޭ،" ޒަހީން ވިދާޅުވިއެވެ. މުބާރާތުގެ އުމުރުފުރާތަކަކީ ހަތް އަހަރުން ދަށާއި ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށުގެ އުމުރު ފުރާގެ އިތުރުން 13 އަހަރުން ދަށުގެ އުމުރުފުރާއެވެ. އުމުރުފުރާއަށް ނުފެތޭނަމަ އެސްއެމްއެސް ކުރި ނަމަވެސް މުބާރާތުގައި ބައިވެރިއެއް ނުވާނެއެވެ. މުބާރާތުގައި ކޮންމެ އުމުރު ފުރާއަކުން ގަދަ ފަސް ބައިވެރިން ހޮވާނެއެވެ. ކޮންމެ އުމުރުފުރައެއްގެ އެއްވަނައަށް އިނާމެއް ލިބޭނެއެވެ. މުޅި މުބާރާތުގެ ވަނަ ހޮވާނީ އެކި އުމުރުފުރާތަކުން ގަދަ ފަހެއްގައި ކުދިންގެ ތެރެއިންނެވެ. މި މުބާރާތުގެ އެއްވަނައަށް ދާ ކުއްޖަކަށް 25،000 ރުފިޔާ، ދެވަނައަށް ދާ ކުއްޖަކަށް 15،000 ރުފިޔާ އަދި ތިންވަނައަށް ދާ ކުއްޖަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ކަނޑައަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ