ރައީސް ސޯލިހާއި މައުމޫން މިއަދު ބައްދަލުކުރައްވަނީ

ކޯލިޝަން އާކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއާރްއެމްގެ ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުއާ މިއަދު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
"ދަ ޕްރެސް" އަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް މިއުވާން ހިއްސާކުރައްވާފައެއް ނުވެއެވެ.
ދެމަސް ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު މައުމޫނު ރާއްޖެ ވަޑައިގެންނެވީ މިމަހު 15 ވަނަ ދުވަހުއެވެ.
2 މަހަަށް ފަހު މައުމޫން އެނބުރި ވަޑައިގެންފައި ވާ މި ވަގުތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސަރުކާރު ކޯލީޝަނާއި އިދިކޮޅު ފަރާތްތަކުން ތައްޔާރުވަމުން ދާ ވަގުތަށް ވާއިރު، އެމްއާރުއެމް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަންގައި އޮތް ޕާޓީއެވެ. ކިރިޔާ 3000 މެންބަރުން ހަމަވާ އެ ޕާޓީއަށް ވެސް ކޯލިޝަން ސަރުކާރުގެ ވަޒީފާތައް ލިބިފައި ވާ އިރު، އަންން އިންތިހާބުގައިވެސް އެމްއާރުއެމް އިން ބައިވެރިވާނެއެވެ.
އެމްއާރްއެމް އިން ވަނީ، ރައީސް މައުމޫން ރާއްޖޭގައި ވަޑައިގެން ނެތުމުން ކޯލިޝަނާ ގުޅޭ ގޮތުން ވަކި ގޮތެއް އެ ޕާޓީން ނިންމާފައި ނުވި ނަމަވެސް މައުމޫން ވަޑައިގަތުމުން އެހެން ޕާޓީތަކާއެކު މަޝްވަރާތައް ފެށޭނެ ކަމަށެވެ. އަދި މަޝްވަރާތަކާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ކުރިއަށް ދާ ގޮތް މީޑިއާ އާ ހިއްސާ ކުރަމުން ގެންދާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާ އެކު، އަދާލަތާއި އެމްޑީއެން އިން ވަނީ ކޯލިޝަން ހަދާފައެވެ. ނަމަވެސް ސަރުކާގެ ބޮޑު ހިއްސާއެއް (33 ޕަސަންޓް) ނަގައިގެން ތިބި ޖޭޕީން ވަނީ ސޯލިހު ދޫކޮށްލައި ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ، ރައީސް މައުމޫންގެ އާއިލާއާ ގާތް ބޭފުޅެއް ކަމުންނާއި އަދި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ތުއްތޮންބެ އަށް ވުމުގެ އިތުރުން އެ ޕާޓީގައި ހުންނެވި ގުރައިދޫ ދާއިރާއިގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންގެ ބައްޕާފުޅު ކަމަށް ވާއިރު އެމްއާރުއެމް އިން ހަދާގޮތެއް ބެލުމަކީ ގިނަ ބަޔަކު ޝައުގުވެރިވާ ކަމެކެވެ.
އެމްއާރުއެމް އިން ނިންމާނީ ގާސިމް އާ އެކުގައި ދާން ކަމަށް ބައެއް މީހުން ބުނާ އިރު ދާދި ފަހުން ގާސިމް އާއި މައުމޫންގެ ދޮށީ ދަރުކަލުން އަހުމަދު ފާރިސް މައުމޫން ސަން އައިލޭންޑްގައި ބައްދަލު ކުރައްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ