އޮޔާޒަބާލް އާއި ޔަމާލް ތަފާތު ދައްކައި ސްޕެއިނަށް ބޮޑު މޮޅެއް ހޯދައިދީފި

އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 21) - ލަމީން ޔަމާލް، ފުރަތަމަ އެގާރައިގައި ހިމެނިގެން ދެއްކި ތަފާތު ކުޅުމާ އެކު، ސައުދީ އަރަބިއްޔާ 4-0 އިން ބަލިކޮށް ސްޕެއިނުން މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ހޯދައިފި އެވެ. 
މި ފަހަރު 48 ގައުމު ވާދަކުރާ ވޯލްޑް ކަޕްގެ، ގްރޫޕް އެޗްގައި ހިމެނޭ ސްޕެއިނުން ފުރަތަމަ މެޗުގައި ވަނީ މުޅިން އަލަށް މި މުބާރާތުގައި ކުޅޭ ކޭޕް ވާޑްއާ އެއްވަރުވެފަ އެވެ. އަދި، ސައުދީ އަރަބިއްޔާ އިން ވަނީ 1-1 އިން އުރުގުއޭއާ އެއްވަރުވެފަ އެވެ. މި ނަތީޖާތަކާ އެކު، ސައުދީއާ ދެކޮޅަށް ސްޕެއިނުން މިރޭގެ މެޗުގައި ނަތީޖާއެއް ނެރުން އޮތީ މަޖުބޫރުވެފަ އެވެ. 
އެޓަލަންޓާ ސްޓޭޑިއަމްގައި ކުުުޅުނު މިރޭގެ މެޗު، ސްޕެއިނުން ފެށީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެއް ބަދަލަކީ، 18 އަހަރުގެ ޔަމާލަށް ފުރުސަތު ދިނުމެވެ. ޔަމާލް ވަނީ ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ ދެކޮޅަށް ބަދަލަކަށް ކުޅެން ނުކުމެފަ އެވެ. 
އަނިޔާ އަކުން ރިކަވާވެގެން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅެމުން އަންނަ ޔަމާލް ވަނީ ފުރަތަމަ މިނިޓުން ފެށިގެން ތަފާތު ދައްކަން ފަށައި، 10 މިނިޓް ތެރޭ ސްޕެއިނަށް ލީޑުނަގައިދީފަ އެވެ. މިކޭލް އޮޔާޒަބާލް ދިން ބޯޅައަކުން ޔަމާލް މި ލަނޑު ޖެހިއިރު، އޭނާ އަކީ ޕެލޭ އަށް ފަހު ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އަދި، ޔޫރޯ އާއި ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އެވެ. 
ލީޑު ލިބުމާ އެކު، ސްޕެއިނުން މެޗުގެ ކޮންޓްރޯލް ނަަގައިގެން ކުޅެ، 24 މިނިޓް ވުމުގެ ކުރިން އިތުރު ދެ ލަނޑު ޖަހައި، ތިން ގޯލުގެ ލީޑެއްނެގި އެވެ. އެ ގޮތުން، މެޗުގެ 21 އާއި 24 ވަަނަަ މިިނިޓްގައި މި ލަނޑުތައް ޖެހީ އޮޔާޒަބާލް އެވެ. މިއާ އެކު، އޮޔާޒަބާލަށް ވަނީ ވޯލްޑް ކަޕްގެ 96 އަހަރުވީ ތާރީހުގައި ރެކޯޑެއް ގާއިމްކުރެވިފަ އެވެ. އެންމެ މަދުވަގުތުގެ ތެރޭގައި، ދެ ގޯލު ޖަހައި، ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެންނެވެ. އޮޔާޒަބާލްގެ ލަނޑުތަކަށް ފުރުސަތު ހޯދައިދިނީ، އައިމެރިކް ލަޕޯޓް އާއި ޑެނީ އޮލްމޯ އެވެ. 
ސައުދީން ކޮންމެ ވެސް ވަރަކަށް ފުރަތަމަ ހާފުގައި ކައުންޓަ އެޓޭކުގައި ކުރިއަށް ޖެހިގެން އެޓޭކްތަކެއް ކުރެވޭތޯ ބެލި ނަމަވެސް، ސްޕެއިނުގެ ކީޕަރު އުނާއި ސިމޯން ޓެސްޓް ކޮށްލެވޭނެ މާ ރަނގަޅު ހަމަލާތަކެއް ފޮނުވާނުލެވުނެވެ. 
މިއަދު 65 ވަނަ އުފަން ދުވަސް ފާހަގަކުރާ ސްޕެއިނުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ވަނީ ދެ ވަނަ ހާފު ފެށުނު ތަނުން ދެ ބަދަލު ގެނެސްފަ އެވެ. އެއީ، ޔެރެމީ ޕީނޯ އާއި ފެރާން ޓޮރޭޒް ކުޅެން އަރުވައިގެންނެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭ ސްޕެއިނުން ހަތަރު ވަނަ ލަނޑު ޖެހި އެވެ. އެއީ، ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ސްޕެއިނުގެ ފުލްބެކް، މާކް ކުކުރޭއާ ފޮނުވާލި ޝޮޓް ސައުދީގެ ކީޕަރު، މުހައްމަދު އަލްއޮވައިސް މަތަކުރިއިރު، ރީބައުންސް ބޯޅަ ގޯލަށް ވަނީ އެ ޓީމުގެ ޑިފެންޑަރު، އަލް ތަމްބަކްތީ ގައިގައި ޖެހިފަ އެވެ. 
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސްޕެއިންގެ ފެރާން ވަނީ ގޯލެއް ޖަހައިފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން މި ގޯލު ބަލަން ގިނަ ވަގުތުތަކެއް ނެގުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ. 
ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ސްޕެއިނަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އުރުގުއޭ އާއި ތިން ވަނައިގައި އޮތް ކޭޕް ވާޑް އަދި ހަތަރެއްގައި އޮތް ސައުދީ އަރަބިއްޔާ އަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މީގެ ތެެރެެއިން ކޭޕް ވާޑް އާއި އުރުގުއޭ އިން އެއް މެޗު ކުޅުނުއިރު، ސައުދިން ވަނީ ދެ މެޗު ކުޅެފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ