އެމްޑީޕީ ނުހިމެނޭހެން ކޯލިޝަނެއް ހެދުމަށް އެމްއާރްއެމް އަށް ގާސިމު ދައުވަތު ދީފި

މިހާރު މިއޮތް ކޯލިޝަން އަންނަ ރިޔާސީ އިންތިޚާބުގައި އުވާލައި އާ ކޯލިޝަނެއް އެމްޑީޕީ ނުހިމެނޭހެން ހެދުމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެމްއާރުއެމްއަށް ދައުވަތު ދެއްވާފައިވާ ކަމަށް އެމްއާރްއެމްއިން ބުނެފިއެވެ.
އެމްއާރުއެމްގެ އިސްވެރިން މިއަދު ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދައުވަތަކަށް އެމަނިކުފާނާ ބައްދަލުކުރައްވާފައިވާއިރު، އެމްއާރްއެމްއިން ބުނީ މިއަދުގެ ބައްދަލުވުމުގައި ގާސިމް ވަނީ މި މަހުގެ ތެރޭގައި ޖޭޕީގެ ކައުންސިލުން ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރެން ނިންމި ނިންމުން ހިއްސާކުރައްވާފައި ކަމަށެވެ.
އެނިންމެވުން އެގޮތަށް ނިންމަވާފައިވާތީ، ގާސިމްގެ ދައުވަތު ގަބޫލުކޮށް އެމްއާރުއެމްއިން އެމަނިކުފާނާ ބައްދަލުކުރީ ރިޔާސީ އިންތިހާބުގައި ޖޭޕީއާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް އޮތްތޯ ބެލުމަށް ކަމަށްވެސް އެމްއާރްއެމް އިން ބުންޏެވެ.
އެމްއާރް އެމްއިން ބުނީ ޖޭޕީއާއެކު އެ ޕާޓީއިން އިތުރު މަޝްވަރާތަކެއް ކުރާނެ ކަމަށާއި، އެގޮތުން ދެ ޕާޓީގެ ވިސްނުން ހުރި ގޮތް ބަލާ، ގައުމަށް ގެންނަންޖެހޭ އިސްލާހުތަކާ މެދު ތަފުސީލުކޮށް މަޝްވަރާކޮށްފައި އެ ދެ ޕާޓީއިން އެކުގައި މަސައްކަތް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
އެމްއާރްއެމް އިން ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޕާޓީގެ އިސްވެރިންނާ ވެސް އިއްޔެ ބައްދަލުކޮށްފަ އެވެ.
އެގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެދި ރައީސް ސޯލިހު، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސިޓީފުޅެއް ފޮނުއްވާފައި ވީ ނަމަވެސް އިއްޔެގެ ބައްދަލުވުމުގައި އެކަމާ މެދު އެ ޕާޓީން ގޮތެއް ނިންމާފައި ނުވެ އެވެ.
އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ އެމްއާރްއެމްއިން އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ބޭނުން ނުވާނަމަ ހުރިހާ ހާސަރެއްނުދަމައި ގޮތް ނިންމުމަށް ގޮވައިލައިފައެވެ.
ގާސިމާއެކު ކޯލިޝަން އެމްއާރްއެމް އިން ހަދައިފިނަމަ އެޕާޓީގެ ރައީސް ފާރިސް މައުމޫން، ގާސިމްގެ ރަނިންމޭޓަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ