އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އެޖެންޑާއިން ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަޤާމުން ވަކިކުރުމުގެ ގަރާރު 11 ޖޫން 2023 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު، މިހާރު އެދުވަހުގެ އެޖެންޑާއިން އެ މައްސަލަ ނަގައިފިއެވެ.
މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާ، މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވަނީ މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކަށައި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ނިސްބަތަށް އައިސްފައިވާ ބަދަލާއި ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެމްބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތް އަދި ފާސްކުރެވިފައި ނުވާތީ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރާ ގުޅިގެން ކުރެވޭ ބަހުސްގައި މެމްބަރުން ވާހަކަދެއްކުމަށް ދެވޭ ވަގުތު މަޖިލީހުގެ 108 ވަނަ މާއްދާގެ ދަށުން އަދި ކަނޑައެޅިފައި ނުވާތީ، އެ ވަގުތު ކަނޑައަޅައި ނިމުމުން އެ މައްސަލަ ފަހުން އެޖެންޑާކުރުމަށް ފަހު އަންގަވާނެ ކަމަށް ވިދާޅުވެފައެވެ.
އީވާގެ އިތުބާރު ނެތްކަމަށް 50 މެމްބަރުންގެ ސޮޔާއި އެކު އެމްޑީޕީ މެމްބަރުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާއިރު، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިނިވަން މެމްބަރުންނާއި، އެމްޑީއޭގެ ރައީސް ސިޔާމު ހިމެނޭހެން 54 މެމްބަރަކު ސޮއިކުރެއްވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ 5 މެމްބަރުން އެ ގަރާރުގައި ސޮއި ނުކުރައްވައެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދި އެޖެންޑާ ކުރެވިފައިނުވާއިރު އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލީސް މެމްބަރުން ވަނީ އެ މައްސަލަ ކުރިއަށް ނުދާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ