އިސްރާއީލަށް ޖާސޫސް ކުރި މީހަކަށް އީރާނުން މަރުގެ އަދަބު ތަންފީޒުކޮށްފައިވާކަމަށް އީރާންގެ ސަރުކާރުގެ މީޑިއާ އިން ބުނެފިއެވެ.
އީރާނުގެ ޝަރުއީ ނިއުސް އައުޓްލެޓް މިޒާން އިން ބުނެފައިވާ ގޮތުގައި ރޫޒްބެހް ވަދީ ނަމަކަށް ކިޔާ މީހެއްގެ މައްޗަށް އިސްރާއީލަށް ޖާސޫސްކޮށްދިންކަމުގެ ކުށް ސާބިތުވުމުން ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ. އޭނާ އަކީ ޖޫން މަހު އިސްރާއީލުން އީރާނަށް ދިން ހަމަލާގައި މަރާލި ނިއުކްލިއަރ ސައިންޓިސްޓަކާ ބެހޭ މައުލޫމާތު އިސްރާއީލަށް ހިއްސާކުރި މީހެއްކަމަށް ވަނީ ސާބިތުވެފައެވެ.
މިޒާން އިން ބުނެފައިވާ ގޮތުގައި އޭނާއަކީ އީރާނުގެ "މުހިންމު އަދި ސެންސިޓިވް" އޮފީހެއްގައި މަސައްކަތްކުރި މީހެކެވެ. އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ ބުދަ ދުވަހު އެވެ.
މިޒާން އިން ބުނެފައިވާ ގޮތުގައި ވަދީ އަކީ ގައުމުގެ އެތެރެއާއި ބޭރުގެ ސަލާމަތަށް ނުރައްކާވާ ފަދަ ގިނަ ކުށްތަކެއް ކޮށްފައިވާ މީހެކެވެ. އަދި މިކަމުގެ ސަބަބުން އާންމު ނިޒާމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.
ވަދީ އަކީ އޮންލައިންކޮށް ރެކްރޫޓްކުރެވުނު މީހެއް ކަމަށާއި، އޮސްޓްރިއާގެ ވިއެނާގައި އިސްރާއީލުގެ އިންޓެލިޖެންސް ސަރވިސް މޮސާޑްގެ އޮފިސަރުންނާ އޭނާ 5 ފަހަރު ބައްދަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
މީގެ އިތުރުން، ބުދަ ދުވަހު އައިސިސް ޖަމާއަތުގެ މެންބަރަކު ވެސް އީރާނުން ވަނީ މަރައިލާފައެވެ. މިޒާން އިން ބުނެފައިވާ ގޮތުގައި މެހްދީ އަސްގަރްޒާދެހް އަކީ ސީރިއާ އާއި އިރާގުގައި އަސްކަރީ ތަމްރީނު ހޯދުމަށްފަހު 4 މެންބަރުންގެ ޓީމަކާ އެކު އީރާނަށް ވަދެ، އީރާނުގެ ސެކިއުރިޓީ ބާރުތަކާ ހަނގުރާމަކުރުމުގައި މަރުވި މީހެކެވެ.
މިޒާން އިން ބުނެފައިވާ ގޮތުގައި ދެ މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން އީރާނުގެ ސުޕްރީމް ކޯޓުން ދަށު ކޯޓުތަކުގެ ޙުކުމްތައް ދަމަހައްޓައި، ޤާނޫނީ އެންމެހައި އިޖުރާއަތުތައް ފުރިހަމަކޮށްފައިވެއެވެ.
އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށް ފަހު އިސްރާއީލަށް ޖާސޫސްކަން ކުރުމުގެ ކުށުގައި އީރާނުގައި މަރުގެ އަދަބު ތަންފީޒުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ފާއިތުވި މަސްތަކުގައި މަދުވެގެން 8 މީހަކަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވެއެވެ.
ޖޫން މަހު އިސްރާއީލުން ދިން ހަމަލާތަކުގައި 12 ދުވަހުގެ މުއްދަތަކަށް ވައިގެ ހަމަލާތައް ދިނެވެ. މީގެ ތެރޭގައި އީރާނުގެ އިސް ޖެނެރަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުންނަށް އަމާޒުކޮށް ދިން ހަމަލާތައް ހިމެނެއެވެ. މިކަމަށް އީރާނުން ބަދަލު ހިފީ މިސައިލްތަކާއި ޑްރޯންތަކުން ހަމަލާ ދީގެންނެވެ. އިސްރާއީލާ އެކު މަސައްކަތްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް އަވަސް މުއްދަތެއްގައި ޝަރީއަތް ހިންގުމަށް އީރާނުން ވަނީ އެއްބަސްވެފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އިސްރާއީލަށް ޖާސޫސް ކޮށްދިން މީހެއްގެ މައްޗަށް އީރާނުން އަދަބު ތަންފީޒު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ