ނެގީ ނުނަގާ ވާން އޮތް ރިސްކެއް؟ އޮތީ ހުސް ކަންބޮޑުވުން
ކޭވް ޑައިވިންއަކީ އާދައިގެ ޑައިވްކުރުމާ ވަރަށް ތަފާތު ކަމެކެވެ. ޚާއްސަކޮށް އެހާ ފުނުގައި ހުންނަ، ހޮހޮޅަތަކުގެ ތެރެއަށް ވަދެގެން ޑައިވްކުރުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެކެވެ. ވަރަށް ޓެކްނިކަލް ކަމެކެވެ. ކޮންމެކޮންމެ ޑައިވަރަކަށް ވެސް ކުރަން ހުއްދަ އޮންނަ ކަމެއް ނޫނެވެ. އެ ކަން ކުރަނީ އެ ދާއިރާގެ ޚަބީރުން ނުވަތަ އެކްސްޕާޓުން އެކަންޏެވެ. ވިސްނާލާށެވެ. ކަނޑުގެ 60 މީޓަރު ނުވަތަ ގާތްގަނޑަކަށް 196 ފޫޓު އަޑީގައި އޮތް ހިމަ ހޮހޮޅައެކެވެ. އެ ފަދަ ޑައިވްތައް ކުރަން ޖެހެނީ އެ ކަމަށް ޚާއްސަ އާލަތްތައް ބޭނުންކޮށްގެންނެވެ. އަމަލުކުރަންޖެހޭ ހަރުކަށި އުސޫލުތަކެއް ހުރެއެވެ. އާދައިގެ ގޭސްފުޅި އަޅައިގެން އެ ވަރުގެ ޑައިވެއް ނުކުރެވޭނެއެވެ. ޚާއްސަ އާލަތްތަކާ ނުލާ އެއީ ނަގާވަރުގެ ރިސްކެއް ނޫނެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި އަމަލުކުރާ އުސޫލެވެ. މިހާރު އުފައްދަންޖެހޭ އެންމެ ބޮޑު ސުވާލަކީ އެމްއެންޑީއެފްގައި އެ ވަރުގެ ގާބިލުކަން އެބަހުރި ހެއްޔެވެ؟ ވާވު އަތޮޅުގައި ކޭވް ޑައިވްކުރަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގެ ފަސް ފަތުރުވެރިން ގެއްލުނެވެ. އެ މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ. އެކަކުގެ ހަށިގަނޑު ވަނީ ހޯދިފައެވެ. އެ ދުވަހު މަރުވީ އިޓަލީގެ ޖެނޯވާ ޔުނިވާސިޓީގެ މެރިން ބަޔަޔޮލޮޖީ ޕްރޮފެސަރަކާއި އޭނާގެ ދަރިފުޅުގެ އިތުރުން، އިތުރު ދެ ރިސާޗަރުންނާއި ޑައިވިން އިންސްޓްރަކްޓަރެކެވެ. އެ މީހުން އެ ޑައިވްކުރީ ހުއްދަ ނުނަގާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާރު އުފެދިގެން އުޅޭ ކަންބޮޑުވުމަކީ އަދި އެޔެއް ނޫނެވެ. އެ މީހުންގެ ހަށިގަނޑު ހޯދަން ޑައިވްކުރި އެމްއެންޑީއެފްގެ ކުޅަދާނަ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ މަރުވުމެވެ. މިއީ ކޮންމެހެން ނަގަންޖެހޭ ރިސްކެއްތޯ މިއީ މިއަދު ކުރަންޖެހޭނެ ސުވާލެކެވެ. ބަޔަކު ގެއްލިގެން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު މިޝަންއަކާއި ބޮޑީ ރިކަވަރީ އޮޕަރޭޝަންއަކާ ވަރަށް ތަފާތުވާނެއެވެ. ސަބަބަކީ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންއަކީ ގެއްލިފައިވާ ބައެއްގެ ފުރާނަ ސަލާމަތްކުރަން ލަސްނުކޮށް ފަށާ އޮޕަރޭޝަނެކެވެ. އެކަމަކު، ބޮޑީ ރިކަވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ މަރުވެފައި ތިބި ބައެއްގެ ހަށިގަނޑު ނަގާށެވެ. އެ އަމާނާތް އާއިލާއަށް ރައްދު ކުރާށެވެ. ދުނިޔޭގެ ހުރިހާ ގައުމަކުންހެން މި ފަދަ އޮޕަރޭޝަންތަކުގައި ގެންގުޅޭ ހަރުކަށި އުސޫލެއް އޮވެއެވެ. އެއީ، އިތުރު މަރެއް ނުހިނގާނެކަން ޔަގީން ކުރުމެވެ. މާނައަކީ، ރިސްކު ވީހާ ވެސް ކުޑަކުރުމެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑު ނަގަން، ދިރިހުރި މީހެއްގެ ފުރާނަ ރިސްކަކަށް ނުލުމެވެ. އެއީ، އެންމެން އިއްތިފާގުވާނެ އުސޫލެކެވެ. ސުވާލަކީ، އެމްއެންޑީއެފްގެ ޑައިވަރު މަހުދީ މަރުވީ އެ ފަދަ ނުނަގާ ވާން އޮތް ރިސްކެއްގެ ސަބަބުން ހެއްޔެވެ؟ މިއީ ތަހުގީގުކުރަންޖެހޭނެ މައްސަލައެކެވެ. އެމްއެންޑީއެފް އެ ގާބިލުކަން އެބަހުރިތަ؟ ހޮހޮޅައެއްގައި ޑައިވްކުރާއިރު، އެންމެ ނުރައްކާތެރި ކަމަކީ ހޮހޮޅައަށް ވަނުމަށް ފަހު، ސީދާ މައްޗަށް އެރޭނެ ގޮތެއް ނޯންނާތީއެވެ. އެ ހިމަ ހޮހޮޅައިން ނުކުންނަން ޖެހޭނީ ވެސް ވަތް މަގުންނެވެ. ކަނޑުގެ 50 މީޓަރަށްވުރެ ފުންމިނަށް ދިއުމުން އިންސާނާގެ ހަށިގަނޑަށް ކުރިމަތިވާ ފިޒިއޮލޮޖިކަލް ނުރައްކާތައް ވަރަށް ބޮޑެވެ. އޭގެ ތެރޭގައި ނައިޓްރޮޖެން ނާކޯސިސް، އޮކްސިޖަން ޓޮކްސިސިޓީ، އަދި ޑީކޮމްޕްރެޝަން ހިމެނެއެވެ. ނައިޓްރޮޖެން ނާކޯސިސްގެ ސަބަބުން ޑައިވަރުގެ ސިކުނޑިއަށް އަސަރުކޮށް، ރަނގަޅު ނިންމުންތައް ނިންމުމުގެ ބާރު ގެއްލެއެވެ. އަދި، އޮކްސިޖަން ޓޮކްސިސިޓީގެ ސަބަބުން ފިޓުޖެހުން ފަދަ ކަންކަން މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. ސްޓާފް ސާޖަންޓް މަހުދީ މަރުވީ ޑީކޮމްޕްރެޝަން ސިކްނެސްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ފުންމިނުން މައްޗަށް އަރާއިރު ލޭގައި ގޭސް ބޮކިތަކެއް އުފެދުމުގެ ސަބަބުން ދިމާވާ ނުރައްކާތެރި ހާލަތެކެވެ. މިފަދަ ފުންމިނެއްގައި، އަނދިރި އަދި ޖާގަ ހަނި ހޮހަޅައެއްގެ ތެރޭގައި އޮޕަރޭޝަނެއް ހިންގުމަކީ އާދައިގެ ރެސްކިއު ޑައިވަރުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ، ޚާއްސަ ކޭވް ޑައިވިން ތަމުރީނާއި، މަތީ ފެންވަރުގެ ޓެކްނިކަލް އާލާތްތައް ބޭނުންވާ ހާލަތެކެވެ. އެއިން އެއްވެސް ކަމެއް އެމްއެންޑީއެފްގައި އެބަހުރި ހެއްޔެވެ؟ https://sun.mv/222070 އިއްޔެ މަހުދީ މަރުވި ހިތާމަވެރި ހާދިސާ ހިނގުމުގެ ކުރީގައި އެމްއެންޑީއެފުން އޮތީ މި ސުވާލުތަކަށް ޖަވާބު ދީފައެވެ. "މިހާރު އަޅުގަނޑުމެން މި ތިބެނީ ޓެކްނިކަލް ޑައިވިންއަށް އަދި މުޅިއަކުން ތައްޔާރުވެފައެކޭ ނުދެންނެވޭނެ. އަޅުގަނޑުމެންގެ ޑައިވާސް މިހާރު ކޮލިފައިވެފައި މި ތިބެނީ 50 މީޓާސްއަށް ޓެކްނިކަލް ޑައިވްކުރަން،" ބްރިގޭޑިއާ ޖެނެރަލް، ކޮމާންޑް އެންޑް ކޯސްޓްގާޑް މުހައްމަދު ސަލީމް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ހުކުރު ދުވަހު ވިދާޅުވިއެވެ. "މިހާރު އަޅުގަނޑުމެން މި ކުރަނީ ނޯމަލް އެއާގައި. އަޅުގަނޑުމެންގެ ޑައިވަރުން ރިސްކަކަށް ވެސް ކޮންމެ ވެސް ވަރަކަށް ލައިގެން ކުރާ ޑައިވްތަކެއް. އާންމުކޮށް މި ކަހަލަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޓެކްނިކަލް އިކުއިޕްމަންޓް ބޭނުންކޮށްގެންނެއް ނޫން،" ސުބުހާނަﷲއެވެ! މަރުވެފައި ތިބި ބައެއްގެ ހަށިގަނޑު ނަގަން ދިވެހި ސިފައިން ދެން ފޮނުވީ ކީއްވެބާއެވެ؟ އެ ވަރުގެ ރިސްކެއް ނެގީ ކީއްވެ ހެއްޔެވެ؟ ނުނަގާ ވާން އޮތް ރިސްކެއް؟ މި ފަދަ ޑައިވްތައް ނޯމަލް އެއާގައެއް ނުކުރާނެއެވެ. ބައިނަލްއަގުވާމީ ކޭވް ޑައިވިން އުސޫލުތަކުގައި ވަރަށް ސާފުކޮށް އެކަން އެބަ ބަޔާންކުރެއެވެ. އެއީ ޓެކްނިކަލް ޑައިވެކެވެ. ޚާއްސަ ގޭސް މިކްސްޗަރުތައް ބޭނުންކުރުމަކީ މަޖުބޫރު ކަމެކެވެ. ދެން، އެމްއެންޑީއެފްގެ ޑައިވަރުން ނޯމަލް އެއާގައި ފޮނުވީ ކީއްވެހެއްޔެވެ؟ މިއީ ޖަވާބު ދޭންޖެހޭ ސުވާލެކެވެ. އިންޓަރނޭޝަނަލް އަންޑަ ވޯޓާ ކޭވް ރެސްކިއު އެންޑް ރިކަވަރީ (އައިޔޫސީއާރުއާރު) ފަދަ ޖަމާއަތްތަކުގެ މިންގަނޑުތައް ބުނާގޮތުން، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ނެގުމަށްޓަކައި ރިކަވަރީ ޑައިވަރެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލައިގެން ނުވާނެއެވެ. އެ ޖަމާއަތުގެ މެނުއަލްގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް ހަށިގަނޑެއް ނެގުމަކީ ރިކަވަރީ ޑައިވަރެއްގެ ފުރާނަ ގުރުބާންކުރަންޖެހޭ ވަރުގެ ކަމެއް ނޫނެވެ. https://x.com/sunbrk/status/2055728243903480071 މި ހާދިސާގެ ރިސްކް އެސެސްމަންޓް ހެދީ ކިހިނެއް ހެއްޔެވެ؟ ހޮހޮޅައިގެ ތެރެއަށް ވަންނަން ސިފައިން ފޮނުވީ ކާކު ހެއްޔެވެ؟ އެ އަމުރުކުރީ ކީއްވެ ހެއްޔެވެ؟ މިއީ ތަހުގީގުކުރަން ޖެހޭނެ ކަންކަމެވެ. ދުނިޔޭގެ އެހެން ގައުމެއް ނަމަ، ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮންނާނީ މި ހާދިސާގެ އިންކުއަރީއެވެ. އެމްއެންޑީއެފްގެ އެންމެ ކުޅަދާނަ އެއް ޑައިވަރު، ކުދިންތަކެއްގެ ބައްޕަ، އާއިލާއެއްގެ މުހިންމު ބައިވެރިޔާ މަހުދީ އެ އޮތީ އާސަހަރާގައެވެ. މިއީ ކިހާ ހިތާމަވެރި ކަމެއް ހެއްޔެވެ؟ ކޭވް ރިކަވަރީ އޮޕަރޭޝަންތަކަކީ އާންމު ރެސްކިއު ޔުނިޓުތަކަށްވުރެ ބޮޑަށް، އެ ކަމަށް ޚާއްސަވެފައިވާ މަދު ތަޖުރިބާކާރުންގެ ޓީމުތަކުން ކުރާ ކަމެކެވެ. ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގެ ހާދިސާއިން ފެށިގެން ނޯވޭގެ ޕްލޫރާ ހޮހަޅައިގެ ހާދިސާއާ ހަމައަށް ބަލާއިރު ވެސް، މި ފަދަ ކަންކަމުގައި ބައިނަލްއަގުވާމީ ޚާއްސަ މާހިރުންގެ އެހީތެރިކަން ހޯދުމަކީ އާންމުކޮށް ކުރާ ކަމެކެވެ. އެއީ، ދެރަވާން ޖެހޭ ކަމެއް ނޫނެވެ. އެމްއެންޑީއެފްގެ އޮޕަރޭޝަން މިހާރު ހުއްޓާލައިފިއެވެ. އެ އޮޕަރޭޝަން ކުރިއަށްގެންދަން އިޓަލީ ސަރުކާރުގެ އެދުމަށް ފިންލޭންޑުން ޓެކްނިކަލް ޑައިވިންގެ ތިން އެކްސްޕާޓުން މިއަދު ރާއްޖެ އަތުވެއްޖެއެވެ. މަރުވި ފަތުރުވެރިންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ އެ މީހުންނެވެ. https://sun.mv/222095 ހަގީގަތުގައި ފުރަތަމައިނުން ވެސް ކަން ކުރަންޖެހޭނެ ގޮތަކީ އެއީ ނޫން ހެއްޔެވެ؟ އިންކުއަރީއެއް ހިންގަން ޖެހޭ އެމްއެންޑީއެފުން އެ ވަރުގެ ގާބިލުކަން ނެތި، އެ ޓެކްނިކަލް ޑައިވަށް ބޭނުންވާ އާލާތްތައް ވެސް ނެތި، އެ ޑައިވްކުރަން ނިންމީ ދާއިރާގެ ތަޖުރިބާކާރުންނާއި އެކްސްޕާޓުން ވެސް އެހީތެރިކަން ދޭން ތައްޔާރަށް ތިއްބައެވެ. ފަތުރުވެރިން މަރުވި ކޭވް ދިރާސާކުރުމުގައި 14 އަހަރު ހޭދަކުރި ރަޝިއާގެ ތަޖުރިބާކާރު ޑައިވަރު ވްލަޑީމިއާ ޓަޗީލަވް ވަނީ ރާއްޖެ އައިސް، ބޮޑީ ރިކަވަރީ މިޝަންގައި އެހީވާން ތައްޔާރަށް ހުރިކަން، ފަތުރުވެރިން މަރުވި ދުވަހު ހާމަކޮށްފައެވެ. އެހީވާން ތައްޔާރުކަން އެމްއެންޑީއެފާއި، ސަރުކާރަށް ވެސް އަންގާފައެވެ. އެ ކޭވްގެ ތަޖުރިބާކާރުން އެހީވާން ތިއްބާ އެމްއެންޑީއެފްގެ ޑައިވަރުން ފޮނުވީ ކީއްވެތޯ އެއީ ތަހުގީގުކުރަންޖެހޭނެ ކަމެކެވެ. https://sun.mv/222091 މިހާރު އެ އަމަލުކުރާ ގޮތަށް ބޭރުގެ ޓެކްނިކަލް ޑައިވިން އެކްސްޕާޓުން ގެނެސްގެން މިކަން ނުކޮށް، އެ ކަމަށް ތައްޔާރުވެފައި ނުވާ، އެ ވަރުގެ ގާބިލުކަން ނެތް ޑައިވަރުން ފޮނުވަން ހެޔޮވާނެ ހެއްޔެވެ؟ މި މައްސަލައިގެ މައުލޫމާތު ދެނީ ސީދާ ރައީސް އޮފީހުންނެވެ. އެހެންވެ، ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)އާ މިއަދު ވަރަށް ބައިވަރު ސުވާލުކުރީމެވެ. އެކަމަކު، މި ރިޕޯޓް ޕަބްލިޝްކުރުމާ ހަމައަށް ވެސް އޭނާގެ ބަހެއް މި ކަމުގައި ލިބިފައެއް ނުވެއެވެ. އިހުމާލެއް އޮތްތޯ ބަލަން ޖެހޭނެއެވެ. އެމްއެންޑީއެފުން އަމަލުކުރީ އުސޫލުތަކާ އެއްގޮތަށްތޯ ބަލަން ޖެހޭނެއެވެ. އުސޫލުތަކުގައި ވެސް ގޯހެއް އޮތްތޯ ތަހުގީގުކުރަން ޖެހޭނެއެވެ. މައްސަލަ ބަލައި، ފިޔަވަޅު އަޅަންޖެހޭނެއެވެ. އިހުމާލެއް އޮތް ނަމަ، އަޅައިނުލާ ދޫކޮށްލައިގެން ނުވާނެއެވެ. މަރުވެފައި ތިބި ހަތަރު މީހުންގެ ހަށިގަނޑު ހޯދަނިކޮށް، އެ ގެއްލުނީ ދިވެހިރާއްޖޭގައި ހުރި އެންމެ މޮޅު އެއް ޑައިވަރެވެ. ހިތްވަރުގަދަ ސިފައިންގެ ބޭކަލެކެވެ. އިތުރު ފުރާނައެކެވެ. މިއީ ނުނަގާ ވާން އޮތް ރިސްކެކެވެ. މި މައްސަލައިގެ ވަށައިގެން ވަނީ މުޅިން ކަންބޮޑުވުމެވެ. ފުރިހަމަ ތަހުގީގެއްކުރަން ޖެހެއެވެ. ތަކުރާރު ނުވާނެކަން ޔަގީންކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ