މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރުން ނިންމާފައި އޮތީ އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ކަމަށެވެ. އެކަން އެގޮތަށް ނިންމާފައިވަނީ، މަސްވެރިންގެވެސް ވަރަށް ބޮޑު އެދުމެއްގެ މަތިން ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަބަބަކީ، ތެޔޮ ފޯރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް މަސްވެރިންނަށް ލުއިފަސޭހަކޮށް ތެޔޮ ފޯރުކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ތެޔޮ ފޯރުކޮށްދެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަކީ، ރައީސްގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އެންމެ ބޮޑު ފައިދާއެއް ކުރަނީ، މަސްވެރިންނަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، މިހާތަނަށް މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާ ކަމަށެވެ.
"ފެބްރުއަރީން ފެށިގެން މިއަދާއި ހަމައަށް ބަލާއިރުގައި 1832 ވެސަލްއެއް. ވެސަލްއެކޭ މި ދެންނެވީ ރިޕީޑެޓްލީވެސް ބައެއް ވެސަލް އަންނާނެތާދެއްތޯ. ކުރިން ދެންނެވި ސްކިޑްތަކުން އެބަހުރި ގާތްގަނޑަކަށް 2.5 މިލިޔަން ލީޓަރގެ ތެޔޮ އެބަހުރި އިޝޫކުރެވިފައި. މިދެންނެވި ލުޔާއިއެކީގައި. މިއީ މަސްވެރިންނަށް ސަރުކާރުން ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސް ކަނޑުތަކަށް މަސްވެރިން ނިކުތުމަށް ތެލަށް ލުއި ދެއްވުމަށް ވަރަށް ޚާއްސަކޮށް ކުރައްވާ ކަމަކަށްވާތީއާއިއެކީގައި އަޅުގަނޑުމެންވެސް އެންޝުއަރކުރަން އެކަންތައް ބަރާބަރަށް." ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދާއިރު، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު ދަނީ ދޫކުރަމުންނެވެ. 50 ފޫޓާއި، 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯއިން ދޫކުރަމުންދާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ