ނުހަނު ބޮޑު ގުރުބާނީތަކެއް ވެގެންވެސް، "މުޅިން ހިލޭ" ދިވެހި ރައްޔިތުންނާ ހަމައަށް ފީފާ ވޯލްޑް ކަޕްގެ މެޗުތައް ގެނެސްދޭން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމީ، ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަމަކަށްވާތީ ކަމަށް، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވެއްޖެއެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ ޕީއެސްއެމްގެ ކަވަރޭޖް ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ވަނީ، މި ފަހަރުގެ ވޯލްޑް ކަޕަކީ ދުނިޔޭގެ ހަ ބިލިއަނެއްހައި މީހުން ބަލާނެ ވޯލްޑް ކަޕަކަށްވާނެކަމަށް، ފީފާގެ ތަފާސްހިސާބުތަކުން ދައްކާކަން ފާހަގަކުރައްވާފައެވެ. މިއީ ދުނިޔޭގެ ރެކޯޑަކަށް ވާނެ ކަމެއްކަން ފާޙަގަކުރައްވައި، މި ވޯލްޑް ކަޕަކީ ރާއްޖޭގައި ވެސް ރެކޯޑުތަކެއް ހަދާނެ ވޯލްޑް ކަޕަކަށް ވާނެކަމަށް އެމްޑީ ވިދާޅުވިއެވެ.
އެގޮތުން މިއީ، ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ދިވެހިންނަށް ހިލޭ ބަލާލެވޭނެ ފުރަތަމަ ފަހަރުކަމަށްވާއިރު، ޕީއެސްއެމްގެ ޓީވީއެމް އާއި ޔެސް ޓީވީން، މި ފޯރިގަދަ އީދުގެ ހުރިހާ މެޗުތަކެއް ދިވެހިންނަށް ހިލޭ ބަލާލެވޭނެކަން އެމްޑީ ޝަކީބް ފާހަގަކުރެއްވިއެވެ.
މި ފުރުސަތު ދިވެހިންނަށް ހޯދައިދިނުމުގެ މަގު ޕީއެސްއެމްއަށް ފަހިވެގެން އައީ ސަރުކާރުގެ ވަރަށް ވަރުގަދަ އަޒުމެއް މިކަމުގައި އޮތީމައިކަމަށް ޝަކީބް ވިދާޅުވިއެވެ. އެކަމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ވަރަށް ޙާއްސަ ޝުކުރެއް ޝަކީބް އަދާކުރެއްވިއެވެ.
އެއަށްފަހު ޝަކީބް ވަނީ، މިގޮތަށް ހިލޭ މި މުބާރާތް ދިވެހިންނާ ހަމައަށް ގެނެސްދޭ ސަބަބުތައް ހިއްސާކުރައްވާފައެވެ. އަދި މިއީ ގިނަ ގުރުބާނީތަކެއް ވެގެން ވަރަށް ބުރަ މަަސައްކަތުން ފަހި ކުރެވުނު މަގެއްކަން ވެސް ޝަކީބް ހާމަކުރެއްވިއެވެ.
"ޕީއެސްއެމް އަކީ މިއީ ދައުލަތުގެ މީޑިއާ، ރައްޔިތުންގެ ޓީވީ. އެހެންވީމަ ރައްޔިތުންގެ ވިންދާ ގުޅުންހުރި، ރައްޔިތުންގެ އިހުސާސްތަކާ ގުޅުންހުރި ކަންތައްތައް، އެއީ ރަނގަޅު ކަންތައްތަކަކަށް ވަންޏާ އަޅުގަނޑުމެން އެ ރައްޔިތުންނާ ހަމައަށް ގެނެސްދޭކަށް ފަހެއް ނުޖެހޭނަން. ޕީއެސްއެމް އިން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން، ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދީގެން ތިބޭފުޅުންނާ ހަމައަށް އަޅުގަނޑުމެން މިފަހަރު ވޯލްޑް ކަޕް މި ގެނެސްދެނީ. މި ކަންތައްތަކާ އެކުވެސް ތިބޭފުޅުންނާ ހަމައަށް އަޅުގަނޑުމެން މި މުބާރާތް ގެނެސްދޭ އެންމެ މުހިންމު އެއް ސަބަބަކީ، ޕީއެސްއެމްއިން ގަބޫލުކުރާ ގޮތުގައި ފުޓުބޯޅައިގެ ތެރެއިން އަޅުގަނޑުމެންނަށް ޙާސިލްވާ އެންމެ މުހިންމު އެއް ކަމަކީ އެއްބައިވަންތަކަން ކަމަށް ވާތީ. ތިބޭފުޅުން ހަނދުމަފުޅު ހުންނާނެ، ވަރަށް ނާޒުކު ދަނޑިވަޅެއްގައި ރާއްޖެ އޮއްވައި 2008 ވަނަ އަހަރު އަޅުގަނޑުމެންނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވުނީ. މުޅި ރާއްޖޭގެ ކުލަ އެއް ކުލައަކަށް ބަދަލުވެގެން ދިޔައީ. އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި. އެއިން މި ދައްކައިދެނީ ފުޓުބޯޅައަކީ މި ދެންނެވިހެން އަޅުގަނޑުމެން ހުރިހާ އެންމެންގެ ވިންދާއި ރޫހާ ގުޅިފައިވާ ކަމެއްކަން". ވޯލްޑް ކަޕުގެ ހުރިހާ މެޗެއް ހިލޭ ދައްކަން ނިންމި ސަބަބު ހާމަކުރައްވައި ޕީއެސްއެމްގެ އެމްޑީ ވިދާޅުވިއެވެ.
އެމްޑީ ޝަކީބް ދެއްކެވި ވާހަކަފުޅުގައި، ޕީއެސްއެމް އިން މިފަހަރުގެ ވޯލްޑް ކަޕަށް މެޗުތަކުގެ އިތުރުން، މުބާރާތާ ގުޅުންހުރި އެކިއެކި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގަން ރާވާފައިވާކަން ވެސް ހާމަކުރެއްވިއެވެ.
އަދި ޕީއެސްއެމް އިން މި ފޯރުކޮށްދޭ ހަދިޔާގައި، އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ހިފައި، ޤައުމީ ރޫހުގައި، ގައުމީ އެއްބައިވަންތަކަމުގައި މުބާރާތުގެ ދުވަސްތަކުގައި ޖޯޝާއި ފޯރި ނެރުމަށް ވެސް އެމްޑީ ޝަކީބް އެދިވަޑައިގެންނެވިއެވެ.
މެކްސިކޯ، އެމެރިކާ އަދި ކެނެޑާއިން ގުޅިގެން ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕުގައި ޖުމްލަ 48 ގައުމު ވާދަކުރާއިރު، 104 މެޗު މުބާރާތުގައި ކުޅޭނެއެވެ. މި ހުރިހާ މެޗަކާ ގުޅުންހުރި އެންމެފަހުގެ މައުލޫމާތާއި މެޗުތަކުގެ ޚަބަރާއި ކަވަރޭޖް އަދި މެޗު ޝޯވތަކާއި ގުޅުންހުރި އެހެނިހެން ޕްރޮގްރާމްތަކާއި ހަރަކާތްތައް ގެނެސްދިނުމަށް ޕީއެސްއެމްގެ ޓީމް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
މިފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ދިވެހިންނަށް ރާއްޖޭގައި ފެންނާނީ ހަމައެކަނި ޕީއެސްއެމްގެ ޗެނަލްތަކުންނެވެ.
"ވޯލްޑް ކަޕް ހިލޭ ގެނެސްދެނީ ރައްޔިތުންގެ ވިންދާ ގުޅިފައިވާތީ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ