ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ އަމުރަކަށް އެދިއްޖެ

ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް މި ފަހުން ގެނައި ބަދަލުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނުނިންމެނީސް އެ ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް މިއަދު އެ ކޯޓުގައި އެދިއްޖެއެވެ.
އިންތިހާބުވާ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލްކުރަން ހުށަހެޅި މައްސަލަ ފަށަން ތާވަލުކޮށްފައި ވަނިކޮށް ފަނޑިޔާރުންތަކެއް ވަކިކުރަން އުޅޭ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. އެ މައްސަލަ ބަލަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.
މިއީ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ. އެ މައްސަލާގައި ގޮތެއް ކަނޑަނޭޅެނިސް ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ އަމުރަކަށް ވެސް އެދި ހުށަހެޅުއްވީ އޭނާއެވެ. 
މި އަމުރު ނެރެދިނުމަށް އެދޭ ސަބަބެއް ކަމަށް އަލީ ހުސެއިންގެ ހުށަހެޅުމުގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައަކަށް ވާއިރު އެ މައްސަލަ ބަލަން ތިބި ފަނޑިޔާރުންގެ މައްސަލަތައް ބަލައި މަގާމުން ވަކިކުރުމުގެ ނުސީދާ އިންޒާރުތަކެއް ލިބެމުންދާ ނަމަ މައްސަލައިގެ ނިންމުމަށް އަސަރުކުރާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އޭނާ ބުނެފައިވަނީ އެހެންވާ ނަމަ ޖެހިލުމެއްނެތި މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ގެއްލިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ