ކްލައިމެޓް މޮބިލިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖަރުމަނަށް ފުރައިވަޑައިގަންނަވައިފި

ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޖަރުމަނުވިލާތުގެ ބަރލިންއަށް ފުރާވަޑައިގެންފިއެވެ.
މި ފޯރަމް ކުރިއަށްދާނީ ޖޫން މަހުގެ 15 އިން 21 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބަރލިންގައެވެ. މި ފޯރަމަކީ ދުނިޔޭގެ ލީޑަރުންނާއި، ސިޔާސަތު އެކުލަވާލާ އިސްފަރާތްތަކާއި، މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ މުޖުތަމަޢުތަކުގެ މަންދޫބުންގެ އިތުރުން ޒުވާން އީޖާދުވެރިން އެއްތަންވެ މަޝްވަރާކުރުމަށް ބާއްވާ މަތީ ފަންތީގެ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ. ފޯރަމްގެ މައިގަނޑު މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މޫސުމީ ހިޖުރަކުރުމާއި، ވަޒަންދޫކޮށްދާންޖެހުމުގެ މައްސަލަތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ހައްލު ހޯދުމެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު "ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" އާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަނޑުގެ ލޮނގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ހައްގުތައް ހިމާޔަތްކުރުމާ ބެހޭގޮތުން ބާއްވާ ޕެނަލް ޑިސްކަޝަނެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ