ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ނަން "ނެޝަނަލް އިންޓެލިޖެންސް ސާވިސް"ގެ ނަމަށް ބަދަލުކުރުމަށް ފުލުހުންގެ އިދާރާއިން ނިންމި ނިންމުމަކީ ގާނޫނީ ގޮތުންނާއި ގައުމީ ސަލާމަތީ އޮނިގަނޑުގެ ނަޒަރުން ބަލާއިރު ގޯސް ނިންމުމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅިގެން މީޑިއަމް ބްލޮގްގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހަމީދު ވިދާޅުވީ، ސަލާމަތީ މުއައްސަސާތަކުގައި ބޭނުންކުރާ ނަންނަމަކީ ހަމައެކަނި އިދާރީ ނަމެއް ނޫން ކަމަށާއި، އެއީ އެ މުއައްސަސާއަކަށް ލިބިދޭ ބާރާއި، މެންޑޭޓާއި، އަދި މަސްއޫލިއްޔަތު ރަމްޒުކޮށްދޭ އެއްޗެއް ކަމަށެވެ.
"ގައުމުގެ ސަލާމަތީ މަންޒަރު، ދައުލަތުގެ ވެރިންނަށް ބުނެދިނުމުގައި އިންޓެލިޖެންސް މަސައްކަތްކުރާ ވަކިވަކި މުއައްސަސާތައް ނުހަނު މުހިއްމުވާއިރު، ފުލުހުންގެ އިންޓެލިޖެންްސްގެ ނަން”ނެޝަނަލް އިންޓެލިޖެންސް ސަރވިސް“ އަށް ފުލުހުން އަމިއްލައަށް ބަދަލުކުރުން ގޯސް," ހަމީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ފުލުހުންގެ އިންޓެލިޖެންސް "ނޭޝަނަލް" ނުވަތަ ގައުމީ ފެންވަރުގެ ހިދުމަތަކަށް ރީބްރޭންޑް ކުރި ނަމަވެސް، ރާއްޖޭގައި ގައުމީ ފެންވަރުގެ އިންޓެލިޖެންސް އިދާރާއެއް އުފައްދާނެ ގާނޫނީ އޮނިގަނޑެއް ނެތެވެ.
ގައުމީ އިންޓެލިޖެންސް އިދާރާއެއް އުފެއްދޭނީ ފުލުހުންގެ އެތެރޭގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލަކުން ނޫން ކަމަށާއި އެކަން ކުރަންޖެހޭނީ ގާނޫނެއްގެ ދަށުން، ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޑިމޮކްރެޓިކް ބެލެނިވެރިކަމެއްގެ ތެރެއިން ކަމަށް ބްލޮގްގައި ހަމީދު ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ މިފަދަ ގާނޫނީ އަސާސެއް ނެތް ނަމެއް ބޭނުންކުރުމުން އެތެރޭގެ ސަލާމަތީ ބާރުތަކުގެ މެދުގައާއި، ބޭރުގެ ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ކުރެވޭ ސަލާމަތީ މުއާމަލާތްތަކުގައި ބޮޑެތި އޮޅުންބޮޅުންތަކެއް އަރާނެ ކަމަށެވެ.
ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ވަކި މުއައްސަސާއެއްގެ އެކަނި މަސައްކަތެއް ނޫންކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ ފުލުހުންގެ އިތުރުން އެމްއެންޑީއެފް، ކަސްޓަމްސް، އަދި އިމިގްރޭޝަން ފަދަ އިދާރާތަކަކީވެސް ގައުމީ ސަލާމަތަށް ބޭނުންވާ މައުލޫމާތު އެއްކުރާ މުއައްސަސާތައް ކަމަށެވެ.
ވަކި އެއް މުއައްސަސާއަކުން އަމިއްލައަށް ގައުމީ މުއައްސަސާއެއްގެ ޖާގަ ހޯދަން އުޅުމަކީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ކޯޑިނޭޝަން ގެއްލި، ނޭދެވޭ ވާދަވެރިކަމަކަށް މަގުފަހިވާނެ ކަމެއް ކަމަށް އޭނާ ހަމީދު ވިދާޅުވި އެވެ.
ރާއްޖެއަށް މިވަގުތު ބޭނުންވަނީ ހުރިހާ ބާރުތަކެއް ގުޅިގެން މަސައްކަތް ކުރާނެ "ގައުމީ އިންޓެލިޖެންސް ކޯޑިނޭޝަން ފްރޭމްވޯކެއް" ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ، އިންޓެލިޖެންސްގެ ގާބިލުކަމާއި އަގުވަޒަންކުރުން ބިނާވަނީ ބޮޑު ނަމެއް ކިޔުމުން ނޫން ކަމަށާއި، އެއީ މަސައްކަތުގެ ފެންވަރާއި، ގާނޫނީ އިމުގެ ތެރެއިން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ހޯދަންޖެހޭ އިތުބާރެއް ކަމަށެވެ.
އެހެންކަމުން، ގައުމީ ސަލާމަތާ ގުޅޭ ހާއްސަ ގާނޫނެއް ވުޖޫދަށް އަންނަންދެން ފުލުހުންގެ އިންޓެލިޖެންސް ކުރިން އޮތް ނަމުގައި ބޭއްވުން މާ ބުއްދިވެރި ކަމަށް ހަމީދު ވިދާޅެފައިވެ އެވެ.
ފުލުހުންގެ އިންޓެލިޖެންސްގެ ނަން "ނެޝަނަލް އިންޓެލިޖެންސް ސާވިސް" އަށް ބަދަލުކުރުން ގޯސް: ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ