އިސްރާއީލާއެކު އޮންނަ ގުޅުންތައް ކަނޑާލުމަށް ގޮވާލައި ބެލްޖިއަމްގެ ޔުނިވަރސިޓީތަކުގެ 5،000 އެއްހާ މުވައްޒަފުންނާއި ދަރިވަރުން މަގުތަކަށް ނިކުމެ މުޒާހަރާކުރަން ފަށައިފިއެވެ.
ބެލްޖިއަމްގެ ޔުނިވަރސިޓީތަކުގެ 4،700 އަށްވުރެ ގިނަ މުވައްޒަފުންނާއި، ދަރިވަރުންނާއި އަދި އޮނަރަރީ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކުން ގުޅިގެން، ކުރަމުންދާ މުޒާހަރާގައި ގޮވާލަމުންދަނީ އިސްރާއީލުން ޣައްޒާގައާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ ލޭއޮހޮރުވުންތަކާ ގުޅިގެން އެގައުމާ އެކު އޮންނަ ހުރިހާ އެކަޑެމިކް ގުޅުންތަކެއް ކަނޑާލުމަށެވެ.
ބެލްޖިއަމްގެ ކަމާބެހޭ މުއައްސަސާތަކަށް އަމާޒުކޮށް "ނޯ އޮނަރ އިން ކޮމްޕްލިސިޓީ" ގެ ނަމުގައި ނެރުނު ހުޅުވާލެވިފައިވާ ސިޓީއެއްގައި ބެލްޖިއަމްގެ ޕްރޮފެސަރުންގެ 10 އިންސައްތައަށްވުރެ ބޮޑު ބައެއް ސޮއިކޮށްފައިވާއިރު، އޭގެ ތެރޭގައި 1,100 ޕްރޮފެސަރުންނާއި 50 އޮނަރަރީ ޑޮކްޓްރޭޓް ލިބިފައިވާ ފަރާތްތައް ހިމެނެއެވެ.
މި ސިޓީގައި ސޮއިކުރި، ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރޭގައި އދ. ގެ ހާއްސަ ރެޕަޓުއަރ ފްރެންސިސްކާ އަލްބަނީޒް، އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އަގްނޭސް ކަލަމާޑް، ތިމާވެށީގެ ހަރަކާތްތެރިޔާ ގްރެޓާ ތުންބާގް، އަދި އިނގިރޭސި އެކްޓަރު ސްޓީވަން ފްރައި ހިމެނެއެވެ.
މި ހަރަކާތް ކުރިއަށް މިދަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 72,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެ، 172,000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ދަނޑިވަޅެއްގައެވެ.
ހަމައެއާއެކު، ހުޅަނގު އައްސޭރީގައިވެސް އިސްރާއީލުގެ ސިފައިންނާއި ވަޒަންވެރިން ދެމުންދާ ހަމަލާތަކުގައި 1,100 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެ، އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން، ބެލްޖިއަމްގައި ހަރަކާތްތެރިވާ ހިންދު ރަޖަބް ފައުންޑޭޝަން (އެޗް.އާރް.އެފް) އިން ވަނީ އިންޑިއާގެ އުތުރުގައި ޗުއްޓީ ހޭދަކުރަމުންދާ އިސްރާއީލުގެ އަސްކަރީ ރިޒާވް ސިފައިންގެ މީހެއް ކަމަށްވާ އީޓާން ގިލްބޯ ހައްޔަރުކުރުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އެންޖީއޯއިން ބުނާ ގޮތުގައި، ގިލްބޯ ވަނީ ޣައްޒާގެ ހާން ޔޫނިސް އަދި ރަފާހްގައި ހުންނަ އާންމުންގެ ގެދޮރާއި މުޅި ރެސިޑެންޝަލް ބްލޮކްތައް ގޮއްވާލައި، ބަދަލުހިފުމުގެ ގޮތުން އެތަންތަން ސުންނާފަތިކުރި މަންޒަރު އަމިއްލައަށް ރެކޯޑުކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
މި ޖަމިއްޔާއަށް ނަންދެވިފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކެއްގެ ތެރޭގައި، މަރުވެފައިވާ އާއިލާގެ މެންބަރުންގެ ހަށިތަކުގެ މެދުގައި ކާރެއްގެ ތެރޭގައި ތާށިވެ، އެހީއަށް އެދި ރޮއެރޮއެ އޮއްވައި މަރާލެވުނު 5 އަހަރުގެ ކުޑަކުއްޖާ ހިންދު ރަޖަބްގެ ނަމުންނެވެ.
އިސްރާއީލާ ގުޅުން ކަނޑާލުމަށް ގޮވާލާ ބެލްޖިއަމްގައި މުޒާހަރާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ