ރާއްޖެއަށް އައި އިރު ޕެޑެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މީހުންނަށް ޓިކެޓް ގަނެދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. ލިއޯނިސް، އަބްދުﷲ ތޯއިފް (32 އ) އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން ތޯއިފް ބުނެފައިވަނީ މި މައްސަލާގައި ހިމެނޭ މީހުންނަށް އޭނާގެ ކްރެޑިޓް ކާޑުން ޓިކެޓް ގަނެދީފައިވާނެ ކަމަށެވެ. އަދި އެކަން ކުރީ މީހަކު ބުނެގެން، ކްރެޑިޓް ކާޑަށް ޕޮއިންޓް ހޯދުމުގެ ބޭނުމުގައި ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް، އެއީ ކާކު ބުނެގެން ނެގި ޓިކެޓެއް ކަން އޭނާއަށް ބުނެދެވިފައެއް ނުވެއެވެ.
މީގެ އިތުރުން، ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި އެ ތަކެއްޗާ ހަވާލުވީ ވެސް ތޯއިފް ކަމަށް އަމުރުގައިވެއެވެ. ނަމަވެސް އެ ތަކެއްޗާ ހަވާލުވާން ޖެހުނު ސަބަބެއް ވެސް އޭނާއަށް ކޯޓުގައި ސާފުކޮށްދެވިފައެއް ނުވެއެވެ.
މި މައްސަލާގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް ހައްޔަރުކޮށްފައިވަނީ މއ. މޯނިން ވިއު، އާމިނަތު ޝަފަގު (32 އ) އެވެ. މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ހައްޔަރުކުރި ޝަފަގުގެ ބަންދަށް މިދިޔަ އަންގާރަ ދުވަހު ވަނީ އިތުރު 15 ދުވަސް ދީފައެވެ. ޝަފަގު ބަލައި ފާސްކުރި އިރު، އޭނާ ލައިގެން ހުރި ޖިންސާއި ހަށިގަނޑާ ދޭތެރޭގައި އޮތް ދެ ޕެޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 30 ރަބަރު ކޮތަޅު ފެނިފައިވެއެވެ.
އެ ތަކެތިޑައިމޯފިން (ހެރޮއިން) އަށް ޕޮޒިޓިވްވެފައިވާއިރު އެ ތަކެތީގެ ބަރުދަނުގައި 29.19 ގްރާމް ހުއްޓެވެ. މީގެ އިތުރުން އޭނާގެ ކުޑަކަމުދާ ތަކެތި ވަނީ ބެންޒޯޑާއިޒީޕައިން އާއި ކެނަބިސް އަށް ޕޮޒިޓިވްވެފައެވެ.
ޕެޑްގެ ތެރޭގައި ޑްރަގް އެތެރެކުރި މައްސަލަ: ޓިކެޓް ގަނެދިން މީހާ ބަންދަށް 30 ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ