އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ޓްރޮފީ (އައިއެޗްއެފް) ޒޯން 2 ގެ 18 އަހަރުންދަށުގެ ފިރިހެނުންގެ ކެޓަގަރީގައި ވާދަކުރަމުންދާ ރާއްޖޭގެ ޒުވާން ޓީމް 38-21 ގެ ބޮޑު ފަރަގަކުން އަފްޣާނިސްތާނުގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މުޅި މެޗުގައިވެސް ރާއްޖޭގެ ޓީމުން މޮޅު ކުޅުމެއް ދައްކާފައިވާއިރު މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ ގައުމީ ހޭންޑްބޯޅަ ޓީމުގެ ކެޕްޓަން މުހައްމަދު އަފްލާހްއެވެ. އޭނާވަނީ މިމެޗުގައި މޮޅު ކުޅުމެއްދައްކާ ރާއްޖެއަށް މެޗު ކާމިޔާބުކޮށްދިނުމުގަ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މިމުބާރާތުގައި ރާއްޖޭގެ ދެވަނަ މެޗުގައި އޮންނާނީ 11 ވަނަ ދުވަހުއެވެ. އެމެޗުގައި ބަނގްލަދޭޝްއާ އާއި ދެކޮޅަށް ކުޅުމަށްފަހު، 12 ވަނަ ދުވަހު ނުކުންނާނީ ނޭޕާލާ ވާދަކުރުމަށެވެ. އެއަށްފަހު 14 ވަނަ ދުވަހު ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ކުޅުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި 6 ގައުމަކުން ވާދަކުރާނެއެވެ. އެއީ، އިންޑިއާ، ނޭޕާލް، ޔަމަން، ދިވެހިރާއްޖެ، އަފްޣާނިސްތާން އަދި މުބާރާތް ބާއްވާ ގައުމުކަމަށްވާ ބަންގްލަދޭޝްއެވެ.
މުބާރާތުގެ 20 އަހަރުން ދަށުގެ އުމުރުފުރާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން، ގުރޫޕް އޭގައި ހިމެނެނީ އިންޑިއާ، ނޭޕާލް އަދި ޔަމަނެވެ. ގުރޫޕް ބީގައި ރާއްޖެއާއެކު ހިމެނެނީ އަފްޣާނިސްތާނާއި ބަންގްލަދޭޝްއެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.
އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފުރަތަމަ މެޗު އޮންނާނީ 11 ވަނަ ދުވަހު އަފްޣާނނިސްތާނާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި އިންޑިއާއާއި ދެކޮޅަށް ނުކުންނާނީ 12 ވަަނަ ދުވަހުއެވެ.
އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ޓްރޮފީ (އައިއެޗްއެފް) ޒޯން 2 (ސައުތް ސެންޓްރަލް އޭޝިއާ) ކުރިއަށްދާނީ މިމަހުގެ 10 އިން 14 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ޝަހީދް ކެޕްޓަން އަލީ އެމް. މަންސޫރް އަލީ ނެޝަނަލް ހޭންޑްބޯލް ސްޓޭޑިއަމްގައެވެ.
ބޮޑު ފަރަގަކުން އަފްޣާން ބަލިކޮށް، ރާއްޖެއިން ފެށުން ރަނގަޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ