ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން، ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ހުއްދަދިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
މި ދެ މުވައްޒަފުންގެ މައްޗަށް ދައުވާކޮށްފައިވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ ދަށުންނެވެ.
ޕީޖީ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ހިނގާދިޔަ ކަމަކާ ގުޅިގެންނެވެ. ތުހުމަތުކުރެވޭ ގޮތުގައި، ޕޯޓް ކްލިއަރަންސްގައި މަސައްކަތްކުރާ އެމްއެފްޑީއޭގެ ފީލްޑް އޮފިސަރުންތަކެއް ވަނީ، ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ކާބޯތަކެތީގެ ޝިޕްމަންޓްތަކަކަށް، އެތެރެކުރުމަށް ބޭނުންވާ ހެލްތް ސެޓްފިކެޓާ ނުލައި ކްލިއަރެންސް ދީފައެވެ. މިކަމާ ގުޅިގެން ދައުވާކުރަން ނިންމާފައިވަނީ 3 ޑިސެންބަރު 2025 ގައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ދައުވާކުރެވޭ ދެ މުވައްޒަފުންނަކީ ދަފްތަރު ރސ 9244، އަޙްމަދު ހާޝިމް އަދި ގދ. ތިނަދޫ، ޢަރަފާތު، އަޙްމަދު ޒާހިރު އެވެ. މި ދެ މީހުންގެ މައްޗަށް ވެސް ދައުވާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާއެވެ. މި ކުށުގެ އަދަބަކީ ކޮންމެ ދައުވާއަކަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލާގައި ދައުވާލިބޭ ފަރާތްތަކުން ވަނީ ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް (ޕްލީ އެގްރީމަންޓެއް) ވުމަށް އެދި ހުށަހަޅާފައެވެ. ނަމަވެސް، ޕީޖީ އޮފީހުން ވަނީ މި ކުށަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވާތީ، އަދި ކާބޯތަކެތީގެ ސަލާމަތް ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ، ޢާންމު މަސްލަޙަތު ވަޒަން ކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ހެލްތް ސެޓްފިކެޓާ ނުލައި ކާބޯތަކެތި އެތެރެކުރަން ހުއްދަދިން މުވައްޒަފުންތަކެއްގެ މައްޗަށް ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ