ކޮންސިއުމަރިޒަމްގެ އަވައިގައި ނުޖެހެނީ ކާކު؟
ފިހާރަތަކާއި ޝޮޕިން މޯލުތަކަށް ޒިޔާރަތްކުރާއިރު ހުރިހާ ތަނަކުން ވެސް ފެންނާނީ އެއް މަންޒަރެކެވެ. "މިހާރު ގަތުމަށް" ނުވަތަ "ކޮންމެހެން ގަންނަން ޖެހޭ" ކަމަށް ހިތްވަރު ދޭ ލިޔުންތަކާއި ބިލްބޯޑުތަކެވެ. ކައުންޓަރު ކައިރީގައި ދަމާލާފައިވާ ދިގު ކިޔޫތަކެވެ. މުދާ އަޅައި ބަރާކޮށްފައިވާ ކޮތަޅުތައް ހިފައިގެން ދާ މަންޒަރެވެ. މިއީ ޝަޚުސިއްޔަތާއި، ކާމިޔާބީއާއި އުފާވެރިކަން ވަޒަންކުރެވެނީ އަހަރެމެންނަކީ ކޮން ބައެއްތޯ ބަލައިގެން ނޫންކަމާއި، އެ ކަންކަން މިން ކުރެވެނީ އެ މީހަކަށް މިލްކު ވެގެންވާ ތަކެއްޗަށް ބަލައިގެން ކަމަށް ބުނެދޭ "ކޮންސިއުމަރިޒަމް"ގެ ސަގާފަތެވެ. ޕީޓާ ޑޯވާގްނެ (2008) ވިދާޅުވާ ގޮތުގައި ކޮންސިއުމަރިޒަމަކީ "މީހުންނަށާއި ދުނިޔެއަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް އެއްވެސް ބެލުމެއް ނެތި، ތަކެތި ބޭނުން ކުރުމުގައި ހައްދު ފަހަނައަޅައި ދިއުމެވެ." ދައުލަތްތަކާއި އަދި އަމިއްލަ ފަރާތްތަކުން ވެސް މި ކަމުގައި އެއްބަޔަކު އަނެއް ބަޔަކާ ވާދަކުރެއެވެ. މާއްދީގޮތުން ތަކެތި ހޯދައި ޖަމާ ކުރުމަކީ "ފުދުންތެރިކަން" ކަމުގައި މީހުންނަށް ވިސްނައިދެއެވެ. ޑޯވާގްނެއާއި ޖޭން ލިސްޓަރ (2016) ވިދާޅުވާ ގޮތުގައި، "ސަރުކާރުތަކާއި އަމިއްލަ ފަރާތްތަކުން، އާއްމުންގެ މެދުގައި ކޮންސިއުމަރިޒަމްގެ ސަގާފަތް އުފައްދަނީ ރޭވިގެން ހިންގާ ޕްލޭންތަކެއްގެ ތެރެއިންނެވެ. އެ ގޮތުން، އަވަހަށް ހަލާކުވާ ނުވަތަ އަވަހަށް ބަދަލުކުރަންޖެހޭ ގޮތަށް ތަކެތި އުފެއްދުމާއި، އަގު ހެޔޮ ލުއި ކާނާގެ ބާވަތްތައް ބާޒާރަށް ނެރުމާއި، ތަކެއްޗަށް މީހުންގެ ޝައުގުވެރިކަން ދަމައިގަންނަ ކަހަލަ އިޝްތިހާރުތައް ހެދުން ފަދަ ކަންކަން ކުރުން ހިމެނެއެވެ." އަދި، މި އިޝްތިހާރު ކުރުމުގެ ސިނާއަތުން، އަހަރެމެން ނުވެސް ދަނެ ތިބި "ބޭނުންތަކެއް" އުފެއްދުމަށް ބިލިއަނުން ޚަރަދު ކުރެއެވެ. މަޝްހޫރު އިޖުތިމާއީ ޢިލްމުވެރިއެއް ކަމަށްވާ ޒިގްމަންޓް ބައުމަން (2007) ވިދާޅުވާ ގޮތުގައި، ކޮންސިއުމަރިޒަމް އުފައްދައި ދެނީ ކިތަންމެ ވަރަކަށް އެއްޗެތި ގަނެ އަދާހަމަ ކުރަމުން ދިޔަ ނަމަވެސް، ނުތަނަވަސްކަމާ އެކު އަބަދު ވެސް ބަދަލުވަމުންދާ، ހަމަޖެހުމެއް ނެތް ދިރިއުޅުމެކެވެ. އެމެރިކާގެ ޢިލްމުވެރިއެއް ކަމަށް ވާ ޖޫލިއެޓް ޝޯ (2004) އިންޒާރު ކުރައްވާފައިވާ ގޮތުގައި، ކޮންސިއުމަރިޒަމްގެ ސަގާފަތު މިއަދު ވަނީ ކުޑަކުދީންނަކީ ވެސް ކަސްޓަމަރުން ކަމުގައި ހަދާފައެވެ. އެއީ، އެ ކުދީންނަށް އަމާޒުކޮށްގެން ކުޅޭ އެއްޗެއްސާއި، ލުއި ކާނާއާއި ހެދުން ފަދަ އެއްޗެތި އުފައްދައި، އެ ކުދީން އޭގެ އަވާގައި ޖެހޭނެ ގޮތަށް އެޑްތައް ހަދައި އާއްމު ކޮށްގެންނެވެ. މިހާރު ކުޑަ ކުދީން ބޭނުންވާ ތަކެތި ގަނެ ދިނުމަށް ބެލެނިވެރިޔާއަށް މަޖުބޫރު ކުރަނީ ސީދާ ކުޑަ ކުއްޖާއެވެ. މި ކަމުގެ ސަބަބުން، ހަގީގަތުގައި ތަހަންމަލު ކުރަން ނުޖެހޭ އެތައް ގިލަންވެރިކަމެއް މިއަދުގެ ބެލެނިވެރީން އުފުލާން ޖެހިފައިވެއެވެ. ކޮންސިއުމަރިޒަމްގެ ގެއްލުން ކޮންސިއުމަރިޒަމަކީ ހަމައެކަނި ފަރުދީ އާދަތަކާ ގުޅިފައިވާ ކަމެއް ނޫނެވެ. އޭގެ ސަބަބުން މުޖުތަމައުތައް އެހެން ގޮތަކަށް ބައްޓަން ވެގެން ދެއެވެ. ކްރެޑިޓް ކާޑުތަކާއި އިންސްޓޯލްމަންޓް ޕްލޭންތަކުގެ ސަބަބުން މީހުންގެ ދަރަނި އިތުރު ވަމުންދެއެވެ. ވޯލްޑް ބޭންކް (2023)ގެ ރިޕޯޓުގައި ވާގޮތުން، ކުރި އަރަމުންދާ އިޤުތިޞާދުތަކުގައި ގޭބީސީތަކުގެ ދަރަނި އިތުރުވަމުން ދަނީ ނުރައްކާތެރި މިންވަރަކަށެވެ. ޚާއްޞަކޮށް ޒުވާނުން މިކަމަށް ހުށަހެޅިފައިވާ މިންވަރު އިތުރެވެ. ދަރަނިވެރިކަމުގެ މި ސަގާފަތުގެ ސަބަބުން އާއިލާތައް މާލީ ހާސްކަމެއްގެ ތެރެއަށް ވައްޓައިލައެވެ. އެއީ، ލަގްޒަރީ ދިރިއުޅުމާއި، އެންމެ ޒަމާނީ ފޯނާއި ފެޝަން ބްރޭންޑްތަކާއި، އުޅަނދުތަކަށް ދަހިވެތިވުމުގެ ނަތީޖާއެވެ. މީގެ ސާފު މިސާލުތައް އަހަރެމެންގެ ތެރެއިން ވެސް ފެނެއެވެ. ލޯނު ނަގައިގެން ނުވަތަ އިންސްޓޯލްމަންޓަށް، އެންމެ ފަހުގެ ފޯނު ގަންނަނީ ކުރީގެ ފޯނު އަދިވެސް ބޭނުން ކުރެވޭ ހާލަތުގައި ވަނިކޮށެވެ. މާ ބޮޑު ބޭނުމެއް ނުހިފުނު ކަމުގައި ވިޔަސް ގެއާއި ބަދިގެ ފުރޭންދެން އެތައް އާލާތެއް ވައްދާފައި ހުރެއެވެ. އައިސްކްރީމް ނަގަން ޚާއްސަ ސަމުސަލަކުން ނޫނަސް އާދައިގެ ސަމުސަލަކުން ވެސް އައިސްކްރީމް ނެގޭނެކަން ވިސްނައިލަނީ ކިތައް މީހުން ހެއްޔެވެ؟ ކޮންސިއުމަރިޒަމްގެ ސަގާފަތަކީ ހުޅަނގުން ތަޢާރަފުވީ އެއްޗެއް ނަމަވެސް، މީގެ ނުރައްކާތެރިކަމާ މެދު ހުޅަނގުގެ ޢިލްމުވެރީން ކުރިއްސުރެ އިންޒާރު ދީފައިވެއެވެ. އެމެރިކާގެ މަޝްހޫރު އިކޮނޮމިސްޓު ރިޗާޑް އީސްޓާލިން (2010)ގެ މަޝްހޫރު "އީސްޓާލިން ޕެރަޑޮކްސް"އިން ދައްކުވައި ދެނީ މީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ފަހު އިތުރަށް ތަކެތި ބޭނުންކުރުމުން އުފާވެރިކަން ވަކީން އިތުރުނުވާ ކަމެވެ. ކޮންސިއުމަރިޒަމަކީ މުޖުތަމައުތައް ކޮއްޓެއްގައި ހައްޔަރުވުން ފަދަ ކަމެއް ކަމަށާއި އަދި އެއީ ތިމާވެށި ހަލާކުކޮށްލާ ސަގާފަތެއް ކަމަށް އިކޮލޮޖިކަލް އިކޮނޮމިސްޓު ޓިމް ޖެކްސަން (2009) ވިދާޅުވެފައިވެއެވެ. ކޮންސިއުމަރިޒަމްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި، ޖަންގަލިތައް ނެތި ގޮސް ހަނަފަސްކަން އިތުރުވުމާއި، ވަޔާއި ފެނާއި ބިންގަނޑު ތަޣައްޔަރުވުމާއި އަދި މި ނޫން ވެސް މޫސުމީ ނޭދެވޭ ބަދަލުތައް ކުރިމަތިވުން ހިމެނެއެވެ. މުޙައްމަދު ހާޝިމް ކަމާލީ (2015) ފަދަ މުސްލިމު ޢިލްމުވެރިން ވެސް އިންޒާރުދެއްވަނީ ކޮންސިއުމަރިޒަމްގެ އަވާގައި ޖެހިފައިވާ މުސްލިމުންނަކީ ވެސް ތިމާވެށި ހަލާކު ކުރުމުގައި ބައިވެރިވާ ބައެއް ކަމަށެވެ. އަދި، އެއީ އިސްލާމް ދީނުގެ ޚިލާފަތުގެ އުސޫލު ބަލިކަށިކޮށްލާ ކަމެއް ކަމުގައި އޭނާ ވިދާޅުވެއެވެ. އިސްލާމްދީނުގެ ހައްލު: މެދު މިނަށް ޢަމަލުކުރުން ﷲ ހަލާލު ކުރައްވާފައިވާ ކޮންމެ އެއްޗެއް ވެސް، ކަނޑައެޅިފައިވާ އިންތަކުގެ ތެރޭގައި، ބޭނުން ކުރުމުގެ ހުއްދަ ވަނީ ދެއްވާފައެވެ. ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ، އެކަލާނގެ އަޅުތަކުންނަށް ނެރުއްވައި ދެއްވި، ﷲ ގެ ޒީނަތާއި، ރިޒުގުގެ ތެރެއިން ރަނގަޅު ތަކެތި ހަރާން ކުޅައީ ކާކުހެއްޔެވެ؟" (އަލްއަޢުރާފު، 32). ހަމަ މިއާ އެކު، މެދު މިނުގެ އުސޫލަށް ޢަމަލުކުރުމަށް އަންގަވައި އެ ކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ" (އަލްއަޢުރާފު، 31). އަދި، އިސްރާފު ކުރުމާ މެދު އިންޒާރު ދެއްވައި ﷲ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންނީ، ޝައިތާނުންގެ އަޚުން ކަމުގައިވޫއެވެ. އަދި ޝައިތާނާ އޭނާގެ ވެރި ރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފަރުވާ ކަމުގައިވިއެވެ" (އަލްއިސްރާ، 27). ކޮންމެހެން ބޭނުން ނުޖެހޭ ތަކެއްޗާއި، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ތަކެތި ހޯދުމާއި އަދި ހައްގު ނޫން ގޮތް ގޮތަށް ހޭދަ ކުރުމަކީ އިސްރާފު ކުރުމެވެ. އިސްރާފު ކުރާ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގެންނުވާ ކަމަށާއި، އެ ފަދަ މީހުންނަކީ ޝައިތާނާގެ އަޚުން ކަމުގައި އެ ވަނީ އަންގަވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "މުއްސަނދި ކަމަކީ އެ މީހެއްގެ މުދާތައް ގިނަ ވުމެއް ނޫނެވެ. އެހެނެއްކަމަކު ހަގީގީ މުއްސަނދި ކަމަކީ ﷲ އެ މީހަކަށް ދެއްވާފައި ވާ އެއްޗަކާ މެދު ހިތް ހަމަ ޖެހުމާއި އަނެކާގެ އަތުގައިވާ ތަކެއްޗަށް ދަހިވެތި ނުވުމެވެ" (ބުޚާރީ، 6446). އިސްލާމްދީނަކީ މެދު މިނުގެ ދީންކަން ބަޔާންކޮށްދޭ މި ނޫން ބަސްފުޅުތައް ވެސް ޤުރުއާނާއި ސުންނަތުގައިވެއެވެ (އަލްބަޤަރާ، 143)، (ތިރުމިޛީ، 2380). އިސްލާމްދީނުގައިވާ ވަސަޠިއްޔަތު (މެދު މިނަށް ޢަމަލު ކުރުމު)ގެ އުސޫލަކީ ކޮންސިއުމަރިޒަމް ގެނެސް ދީފައިވާ، ބޭނުން ކުރުމުގައި ހައްދު ފަހަނަ އަޅައި ދިއުމުގެ ސަގާފަތާ އިދިކޮޅު އުސޫލެކެވެ. ﷲ ދެއްވި އެއްޗަކަށް ރުހި ގަބޫލުވެ، އުނދަގޫ ހާލަތްތަކާ ކުރިމަތިލާއިރު ހަމަ ޖެހިގެން ވުމަކީ އޭގެ އިދިކޮޅު ސިފަ ކަމަށްވާ، ހައްދެއް ނެތި މުދާ އެއްކުރުމުގެ ސިފައަށް ވުރެ މާ މަތިވެރި ސިފައެކެވެ. ކޮންސިއުމަރިޒަމުން ތަނަވަސް ކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ކަމަށް ބުނެވުނު ނަމަވެސް، އޭގެ ސަބަބުން ހުސްކަމާއި، ދަރަންޏާއި އަދި ނުތަނަވަސްކަން ކުރިމަތިވެއެވެ. މިއަށް ހަގީގީ ބަދަލެއް ހުށަހަޅައި ދެނީ އިސްލާމްދީނުންނެވެ. އެއީ ހަމަހަމަކަމާއި، ޝުކުރުވެރިކަމާއި، އަދި އަޚްލާގީ ޒިންމާދާރުކަމުގެ މައްޗަށް ބިނާ ކުރެވިފައިވާ ޝާމިލު ދިރިއުޅުމެކެވެ. މިއީ ތަކެތި ބޭނުންކުރުން މުޅިން ދޫކޮށްލުމެއް ނޫނެވެ. އެހެނެއްކަމަކު، މިއީ ވަސީލަތްތައް ޙިކުމަތްތެރިކަމާ އެކު ބޭނުން ކުރުމަށާއި، އިސްރާފު ނުކުރުމަށާއި، އަދި އިންސާނުންނާއި ތިމާވެށީގެ ރައްކާތެރިކަން ނެގެހެއްޓޭނެ ފަދަ ފުދުންތެރި ކަމެއް ހޯދުމަށް ގޮވައިލުމެވެ. ހަގީގަތުގައި، ދެމިގެންދާ އުފާވެރިކަން އޮންނަނީ އަހަރެމެންގެ މިލްކިއްޔާތުގައެއް ނޫނެވެ. އެހެނެއްކަމަކު، ﷲ ދެއްވާފައިވާ ނިޢުމަތްތަކާ މެދު ހިތްހަމަ ޖެހިގެން ހުރުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ