އަނބިން ހޯދަނީ ގެއަށް ބޭނުންވާ ތަކެތި ހޯދައި ހަމަކުރާ އުޞޫލުން ކަމަށް ބަލައިގެނަމަ އެހެދެނީ ބޮޑު ގޯހެއް! ފާފަވެރިވުމުގެ އިތުރުން ވީއްލިގެންވެސްދާނެ!

ކިތަންމެ ތަނަވަސް ނަމަވެސް އަދި ކިތަންމެ މަތީ މަޤާމެއްގައި ހުރިނަމަވެސް ކައިވެނިކުރުމަށްފަހު އެހެން މީހަކު މެދުވެރިކޮށް އަނބިމީހާއަށް ކޮށްނުދެވޭނެ ކަންކަން ހުންނާނެއެވެ. ކިތަންމެ ގިނަ ނޯކަރުން ގެންގުޅުނު ނަމަވެސްމެއެވެ. އެކަންކަން ކޮށްދެވޭނީ ފިރިމީހާއަށެވެ. އެކަންކަން ކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއްވެސްމެއެވެ.  
ދާދިފަހުން އަހުރެންގެ ވަރަށް ގާތް އެކުވެރިއެއްގެ އަނބިމީހާ ވަރިވާން އެދުމުން އެކުވެރިޔާ އެކަމުގެ ޝަކުވާކޮށް އެކަން ޙައްލުކުރެވޭތޯ މަސައްކަތްކޮށްދިނުމަށް އެދުނެވެ. އެހެންވެ އަނބިމީހާ އާއި ބައްދަލުކޮށް ވާހަކަދައްކައިލުމުން ބުނީ ފިރިމީހާ ތިމަންނާގެ މަތިން ހަނދާން ނައްތާލައިފި ކަމަށާއި އަންތބަކު ގޭގައި އިންނަކަން ހަނދާން ނުވާ ފިރިއަކާއިއެކު ދިރިއުޅެން އުޅެގެން ވާނީ ފާފަވެރި ކަމަށެވެ.  
އަދި ބުންޏެވެ. "އަހުރެންނަކީ ގެއަށް ވައްދާފައި ހުރި، އެއްޗެތީގައި އެއްވެސް އިޙްޞާޞެއް ނުހުންނަ ފަރުނީޗަރު ފަދަ އެއްޗެއް ނޫނެވެ. އަހުރެންނަކީވެސް އިންސާނަކީމެވެ. ހަމައެކަނި ކާންބޯން ލިބުމަކުން ނުފުދެއެވެ. ހަށިގަނޑުގައި ޖަޒުބާތުތަކެއް އުފެދެއެވެ. އެކަންކަމަށްވެސް ޙައްލު ބޭނުންވެއެވެ."  
ވިސްނައިދޭން ކުރި އާދޭސް އޭނާ ކޮންމެވެސް މިންވަރަކަށް ޤަބޫލުކުރިއެވެ. ފިރިމީހާގެ ޢަމަލުތައް ވަޤުތުން އިޞްލާޙްކުރަން ބުންޏެވެ. މުއްދަތެއްވެސް ނުދޭނެކަމަށްވެސް ބުންޏެވެ. ފިރިމީހާ އޭނާގެ ކުށް ޤަބޫލުކުރިއެވެ. ޙައްލުކުރެވުނީ އަނބިމީހާ އެދުނު ގޮތަށް ކަންކަން ކޮށްގެންނެވެ. އެއީ އަނބިމީހާއަކީވެސް ލޯތްބާއި އަޅައިލުމާއި އަދި އެކުގައި ނިދައި އެއްދާންކުރަންވެސް ބޭނުންވާނެ މީހަކުކަން ދަނެގެން އުޅުމެވެ.   
ވީމާ ވިސްނައިލާށެވެ! ތިމާގެ ކިބައިގައި ތަނަވަސްކަން ހުރުމާއި ޢިއްޒަތާއި ޤަދަރު ލިބިގެންވާ މީހަކަށްވުމަކީ އަނބިމީހާ ތިމާގެ އަޅަކަށްވެގެން ކިޔަމަންތެރިކަމާއިއެކު މަޑުން އިންނާނެ ސަބަބުތައް ކަމުގައި ނުދެކޭށެވެ. އެއީ އެއްވެސް ޒަމާނަކު އެކަންވެފައި އޮތްގޮތެއް ނޫނެވެ.  
ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް ކިތަންމެ ބޮޑު ޢިއްޒަތަކާއި ޤަދަރެއް ލިބިފައިވުމަކީވެސް އަނބިމީހާގެ ހަށިގަނޑަށް ބޭނުންވާ ކަންކަން ފުދޭނެ ސަބަބެއް ނޫނެވެ. އެބޭނުންތައް ފުދޭނީ ފިރިމީހާ ފުއްދައިދިނުމުންނެވެ. އެބޭނުންތައް ފުއްދައި ނުދެވޭނަމަ ކިޔަމަންތެރިވެގެން އިންނާނީ މިފަދަ ޒަމާނެއްގައި ސަތޭކައަކުން އަންހެނެކެވެ.  
އެމީހުންގެ ހަށިގަނޑަށް ބޭނުންވާ ބޭނުންތައް ފުއްދައި ނުދެވޭނަމަ ގިނަފަހަރު އޮންނާނީ ފިރިމީހާއަށް ވަފާތެރިނުވެވިފައެވެ. އަނެއް ބައަކު ބޭވަފާރތެރިވާން ބޭނުންނުވާތީ ފިރިމީހާ އާއި ވަކިވާނެއެވެ.
މިވާހަކަ މިމޭރުމުން ބުނަން ޖެހޭ ސަބަބަކީ ފައިސާވެރިން ނުވަތަ ޢިއްޒަތާއި ޤަދަރުލިބިގެން މަތީ މަޤާމުތަކުގައި ތިބޭ މީހުން އެމީހުންގެ މަސައްކަތަކީ އެންމެ މުހިންމު ކަންތައް ކަމުގައި ހަދައި އަނބިމީހާގެމަތިން ހަނދާންނައްތައިލާތީއެވެ. ކިތަންމެ ގިނަ ނޯކަރުން ބެއިތިއްބި ނަމަވެސް  ތިމާއަށް ފިޔަވައި އަނބިމީހާއަށް ކޮށްނުދެވޭނެ ކަންތައްތަކެއް ހުރިކަން ހަނދާންނުކުރާތީއެވެ.  
ދެމަފިރިންނަށް ދެމަފިރިންގެ ގޮތުގައި ދިރިއުޅެވޭނީ މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. ރޭއަޅުކަންކުރުމުގެ ކުރިއަށް އަނބިމީހާގެ ޙައްޤުތައް އިސްކުރަން ޖެހެނީ މިފަދަ މައްސަލަތައް ޙައްލުނުކޮށް ދިރިނުއުޅެވޭނެތީއެވެ. އެކަން ފާހަގަކުރައްވައި ބައެއް ޢިލްމުވެރިން "އަނބިމީހާ އާއިއެކު ރޭނުކުރަން ދެއްކޭނެ ބަހަނާއެއް ނޯންނާނެ" ކަމަށް އެވިދާޅުވަނީވެސް ހަމަ މިފަދަ ސަބަބުތަކަށްޓަކައެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ