ނޫސްވެރިން އެ ގޮވަނީ ނޫސްވެރިކަން ކޮންޓްރޯލުކުރަން ނޫޅޭށޭ

މީޑިއާތައް 'ރެގިއުލޭޓް' ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ލައިގެން އުޅޭ ކޮންޓްރޯލު ބިލާ މެދު ނޫސްވެރިންގެ އެތައް ކަންބޮޑުވުންތަކެއް ހުއްޓައި އަދިވެސް މަޖިލީހުން މަސައްކަތްކުރަމުން އެދަނީ މި ބިލު ގާނޫނަކަށް ހަދާށެވެ. އެކަމަކު ކޮންމެ ނޫސްވެރިއަކު ވެސް މި ބިލާ މެދު ދެކޭ ގޮތް ވަަރަށް ސާފެވެ. މިއީ އިސްލާހުކުރެވޭނެ ބިލެއް ނޫނެވެ. ހަަމައެކަނި އޮތް ގޮތަކީ ބިލު ބޭރުކުރުމެވެ.
ބިލު ބޭރުކުރާށޭ ގޮވާލުމުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަނީ އެކަން ކުރަންވީ 'ރީޒަނަބަލް ރީޒަންއެއް' ދެއްކުމަށެވެ. އޭރުން އެ ބިލާ ދެކޮޅަށް ވޯޓުދެއްވާނެ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ. އެންމެ ސަބަބެއް ނޫނެވެ. މަޖިލީހަށް މި ބިލު ވެއްދީންސުރެ އެތައް 'ރީޒަނަބަލް ރީޒަންއެއް' ނޫސްވެރިން އެދަނީ ތަކުރާރުކޮށް ކިޔައިދެމުންނެވެ. އެކަމަކު ބިލު މަޖިލިހާށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިގެން ދިރާސާކުރުމުގެ މަސައްކަތް ވެސް އެ އޮތީ ފަށައިފަ އެެވެ.
ކޮމިޓީން އެ މައްސަލަ ދިރާސާކުރަން ފެށުމުން އެކަމާ ދެކޮޅަށް ސަބަބުތައް ކިޔައިދޭން ނޫސްވެރިން ކޮމިޓީއަށް ވެސް ދިޔަ އެވެ. އެ ކޮމިޓީގައި ތިން ހަތަރު ގަޑިއިރު ވަންދެން ވަކިވަކި ނޫސްވެރިންނާއި، އެކަމުގެ ތަޖުރިބާކާރުން މުޅިން ވެސް ކިޔައިދިނީ ބިލު ބޭރުކުރަން ޖެހޭ ސަބަބުވެރި ސަބަބުތަކެވެ.
އެކަމަކު މިއިން އެއްވެސް ތަނެއްގައި މި ބިލު މިހާރު އެ އޮތް ގޮތަށް ފާސްކުރަން ޖެހޭ އެބުނާ ސަބަބުވެރި ސަބަބެއް މެމްބަރުންނަށް ދެއްކިފައެއް ނެތެވެ. ބިލު ލިއުނީ ކާކުކަމެއް، ކޮން މަގުސަދެއްގައި ކަމެއް ބުނެދޭކަށް ނޭނގުނެވެ. އެއިން ކަމެއް މެމްބަރުންނަށް ކިޔައިދޭން ނޭނގުމަކީ އަދި ވަކިން ބޮޑަށް މި ބިލު ބޭރުކުރަން ޖެހޭ ސަބަބުވެރި ސަބަބެއް ނޫންތޯ އެވެ.
ވިއްސަކަށް އަހަރު ދުވަހު މީޑިއާގައި މަސައްކަތް ކުރެވުނުއިރު މީޑިއާތަކުގެ މިނިވަންކަން ހިފަހައްޓަން ސަރުކާރުތަކުން ކުރި މަސައްކަތްތަކުގެ ނަތީޖާ ތަޖުރިބާ ކޮށްފައި ހުންނެވި ނޫސްވެރިއެއްގެ ހައިސިއްޔަތުން އަލީ ސުލައިމާން ކޮމިޓީ ބައްދަލުވުމުގައި މެމްބަރުންނާއި ސުވާލެއް ކުރެއްވި އެވެ. "ރައްޔިތުންގެ މަޖިލީހުން ސިޒޭރިއަން ހަދަންވީ ގޮތުގެ ޕްރޮސީޖާއެއް ހަދާފައި ޑޮކްޓަރުންނާ ހަވާލުކުރީމާ ވާނީ ކިހިނެއް ހެއްޔެވެ؟" 
މީޑިއާތަކުގެ އެއްވެސް ބަހެއް ނެތި، ކަމާ ގުޅުން ހުރި ތަޖުރިބާކާރުންނާއި ނޫސްވެރިންގެ ވެސް ހިޔާލާއި މަޝްވަރާއެއް ނެތި މިނިވަން ނޫސްވެރިކަމުގެ ހައްގު އޮބިއަޅާ ހިފަހައްޓާނެ ގޮތްތަކެއް ގާނޫނުގައި ލިޔަން އުޅުމަކީ ވެސް ސުލައިމާން އެބުނާ ފަދަ ކަމެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކަމުގެ ތަޖުރިބާއެއް، ނޫސްވެރިކަމުގެ އެންމެ އަސާސްތައް ވެސް ނޭނގޭ، ކަމާ ނުވެސް ގުޅޭ ބައެއްގެ އަމިއްލަ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރަން އުޅުން ފިޔަވައި މި ބިލުން ހާސިލުކުރަން އުޅޭ މަގުސަދެއް ނެތެވެ. އޭނާ ވިދާޅުވީ ބިލު ފަރުމާކުރުމުގައި ކުޑަމިނުން މީޑިއާއާ ގުޅޭ އެއްވެސް ބޭފުޅެއްގެ ބަހެއް ހޯދާލާފައި ނެތުމަކީ މި ބިލު ބޭރުކުރަން ޖެހޭ މައިގަނޑު އެއް ސަބަބު ކަމަށެވެ. އެހެންވީމާ އެއީ ފެށުމުގައި ވެސް ބާތިލު އެއްޗެކެވެ.
"އަޅުގަނޑުމެންނަށް މިފެނުނީ ރައްޔިތުންގެ އަބުރު ގެއްލެނީއޭ [ކިޔައިގެން] ރައްޔިތުންގެ ދިފާއުގައި މަޖިލިސް މެމްބަރުން ނުވަތަ ސަރުކާރުން ބޭނުންވާ ބިލެއްގެ ގޮތަށް ހަދައިގެން އެންމެނަށް ދައްކާފައި އޮތީ. އެކަމަކު ދެ ފޮޅުވަތް ދޭތެރެ ބަލައިލީމާ އެންމެންނަށް އެނގޭ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ އިސް ވެރިންނަށް ކުރާ ކޮރަޕްޝަންގެ މައްސަލަތަކާއި ފަސާދައިގެ މައްސަލަތައް ރިޕޯޓުކުރުމަކީ މަނާކަމެކޭ، މި ބިލުގައި މިހެން ނުލިޔާކަން އެކަނި،" ސުލައިމާން ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ބިލާ ދެކޮޅު ހަދަމުންދާ ނޫސްވެރިންގެ މަސައްކަތަށް ހަޖޫ ޖަހައި، މަލާމަތްކޮށް، ނޫސްވެރިން މަރަން ގޮވައި، ވަރަށް މަޖާވެގެން ތިބެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މި ވާހަކަތައް ދެއްކިޔަސް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ޖެނެރަލް ސެކްރެޓަރީ އަހުމަދު ނާއިފަށް މި ބިލު ފެންނަނީ ވަރަށް ނުރައްކާކޮށެވެ. މިއީ ރާސްލާފައި ދުވަހުން ދުވަަހަށް ބަދަލުކޮށްލެވޭހާ ކުޑަ ކަމެއް ވެސް ނޫނެވެ. ބިލު ދިރާސާކުރަމުން އަންނަ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނޫސްވެރިންނާ ބައްދަލުކުރުމުން ވެސް ނާއިފް މިކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އަސްލު ވަރަށް ބިރުވެރި ވާހަކައެއް އަޅުގަނޑުމެން މިދައްކަނީ. މިދައްކަނީ ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގައި އޮތް އަސާސީ ހައްގެއް ވަރަށް ބޮޑަށް ހަނިކޮށްލާ ވާހަކަ. މިއީ ކުޑަ ކަމެއް ނޫން،" ދައުރު ނޫހުގެ ސީނިއާ އޮސޯސިއޭޓް އެޑިޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނާއިފް ވިދާޅުވި އެވެ. 
"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަންޏެއް ނުކުރެވޭ ސްޓޭޓް އޮފް އިމަޖަންސީ ހާލަތުގައި ވެސް. އެ އެމެޖެންސީއަކީ ދުނިޔެ ގުޑައިގެން މުޅި އުޑު ބޮލަށް ވެއްޓޭ ހިސާބަށް ދިޔައިމާ އިއުލާންކުރާ ހާލަތެއް ކަމަށް ގާނޫނުއަސާސީގައި އޮންނަނީ. އެ ހާލަތުގައި ވެސް ހަންޏެއް ނުކުރެވޭ ނޫސްވެރިކަމެއްގެ ހައްގެއް."
އެ ހައްގު ހަނިކުރަން ބޭނުންވާ ނަމަ، އެކަން ކުރެވެން އޮންނަނީ ވެސް ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް ނާއިފް ވިދާޅުވި އެވެ. 
ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިންގެ ތެރޭގައި ހިމެނޭ އަދި ނޫސްވެރިކަމުގައި 35 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ދެއްކެވީ ގާނޫނުއަސާސީގައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހާއްސަ މާއްދާތަކެއް ހިމަނަން ޖެހުނު ސަބަބުތަކެވެ.
އޭނާ ވިދާޅުވި ގޮތުން އަސާސީ ހައްގުގެ ބާބުގެ ތެރެއަށް ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގު ވައްދައި، އެވަރުގެ ބޮޑު ހިމާޔަތެއް ދޭން ޖެހުނީ އެހާ ހިސާބަށް ދިޔައިރު ޖަލުތަކުގެ ތޭރިތަކުގެ ބިއްދަށުގައި އެންމެ ގިނައިން ތިބި ބަޔަކީ މިނިވަން ހިޔާލު ފާޅުކޮށްގެން އަދަބު ލިބިފައި ތިބި މީހުން ކަމަށް ވާތީ އެވެ.
"ރާއްޖޭގެ މިނިވަންކަން ހޯދާކަށް ނޫން ރާއްޖޭގެ އެންމެ ބޮޑު ހަނގުރާމެއް ކުރީ، ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން. އަދި އެންމެ ގިނަ ބަޔަކު ޖަލުތެރޭގަ އާއި އަޑުއުފުލުމުގެ ތެރޭގައި އަނިޔާ ލިބި، މަރުވެ އެތައް ކަމެއް ހިނގާގޮސްފައިވަނީ މި މިނިވަންކަން ހޯދާށޭ،" ބިލާ ދެކޮޅު އިހުތިޖާޖުތަކުގައި ބައިވެރިވާ އެންމެ ދުވަސްވީ ނޫސްވެރިޔާ ވިދާޅުވި އެވެ.
"އެހެންވީމާ 2008ގައި ހަދާފައި މި އޮތް ގާނޫނުއަސާސީގެ ތެރެއިން ހުޅުވުނު ދޮރެއް. އެ ދޮރު ބަންދުކުރަން އުޅުއްވާ އުޅުއްވުމަކީ ވަރަށް ހަނި ވިސްނުމެކޭ އަޅުގަނޑު ދަންނަވާނީ."
ވަކި ސިޔާސީ މަގުސަދުތަކެއް ހާސިލުކުރަން އެ ހައްގު ހަނިކޮށްލައިފި ނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަނެ އެވެ. އެހެންވީމާ އުމުރުން 60ގެ އަހަރުތަކުގައި ވެސް ޒުވާން ނޫސްވެރިންނާ އެކު މަގުމައްޗަށް ނުކުންނަވައިގެން އެ ކުރައްވާ މަސައްކަތަކީ އެ ނަތީޖާއާ ހަމަޔަށް އަނެއްކާވެސް ގައުމު ވެއްޓުނު ނުދިނުމެވެ.
"ތިބޭފުޅުންނަށް ވެސް އަދި އަޅުގަނޑުމެންނަށް ވެސް މަސްލަހަތު އޮތް ގޮތެއް ނޫނޭ އަޅުގަނޑު ދަންނަވާނީ މީޑިއާ ކޮންޓްރޯލުކޮށްގެން ވަކި ގޮތަކަށް ގެންދާ ގެންދިއުން. އޭގެ ކޮސްޓު ވަރަށް ހައިވާނެ،" ހިރިގާ ވިދާޅުވި އެވެ.
އެމްޖޭއޭގެ އެގްޒެކެޓިވް ސެކްރެޓަރީ މުހައްމަދު ޖުނައިދު ސަލީމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ލިިބިދީފައި އޮތް ހިމާޔަތެއް ހަނިކޮށްލަން ބޭނުންވާ ނަމަ ކުއްލިއަކަށް އަވަސް އަރުވާލައިގެން އެކަން ކުރާވަރުގެ އާޖެންސީއަކީ ކޮބައިކަން ނޫސްވެރިންނަށް މަޖިލީހުން ބުނެދޭން ޖެހެ އެވެ.
އެ އާޖެންސީއަކީ މީޑިއާތަކުން މީހުންގެ 'އަބުރު ކަތިލާތީ'އޭ ވިދާޅުވެ، ނިންމާލެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ އިތުބާރު މީޑިއާއަށް އޮތް މިންވަރު ބަލަން 2021ގައި ހެދި ސާވޭތަކުން ވެސް މީހެއްގެ އަބުރު ކަތިލާވަރުން އާންމުން ކަންބޮޑުވެގެން އުޅޭ ކަމަކަށް ނުދައްކާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ސާވޭތަކުން ދައްކަނީ މީޑިއާތަކުން ކުރާ މަސައްކަތްތަކާ މެދު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ މީޑިއާތައް ސިޔާސީ ވެފައި އޮތް މިންވަރު ކަމަށް ވެސް ވިދާޅުވި އެވެ.
"އަބުރު ކަތިލާތީއެއް ނޫން. މީޑިއާ ސިޔާސީ ވެފައި އޮތް މިންވަރު އެއީ ރައްޔިތުންގެ ކަންބޮޑުވުމަކީ. ސިޔާސީ މީހުންގެ ވާހަކަތަކޭ މީޑިއާތަކުން ގެނެސްދެނީ. ރައްޔިތުންގެ ހާލަތާއި، ރައްޔިތުންގެ ޝަކުވާތަކުގެ ވާހަކައެއް މީޑިއާތަކުން ނުގެނެސްދެޔޭ އެ މިންވަރަކަށް. އެއީ ރައްޔިތުންގެ ޝަކުވާއަކީ،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން މި ބިލު އޮތީ މިހާރަށް ވުރެ ބޮޑަށް އެ މަގަށް ކަންކަން ފަހިވެގެންދާނެ ގޮތަށެވެ. ހައްލެއް ގެންނަ ނަމަ ސަރުކާރުން ކުރަންވީ ކަމަކީ މީޑިއާތަކަށް ސުޕޮންސާ ދީގެން ވަކި ގޮތަށް ވަކި ކަހަލަ ހަބަރުތަކެއް ގެންނަ ގެނައުން ހުއްޓުވުމެވެ.
މި ހުރިހާ ސަބަބުތަކެއް ހުރުމުން، ނާއިފް ވިދާޅުވި ގޮތުގައި، މިހާރު އޮތް ބިލު އިސްލާހުކުރަން ނޫސްވެރިންނަށް ވާހަކައެއް ނުދެއްކޭނެ އެވެ. 
"ފަސޭހައިން ރައްޔިތުންގެ ހިޔާލާ ނުލައި ބަދަލުނުކުރެވޭ ގޮތަށް އެ ބާބު ކަނޑައަޅާފައި އެއޮތީ ސަބަބުތަކެއް އޮތީމާ. އެހެންވީމާ އަޅުގަނޑުމެން ބޭނުމެއް ނޫނޭ މީގައި ނެގޯޝިއޭޓް ކުރާކަށް މެދުމިނުގެ ހައްލަކަށް އަންނާކަށް،" ނާއިފް ވިދާޅުވި އެވެ.
މި ބިލާ މެދު ނޫސްވެރިން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތައް ރައްޔިތުންނަށް އޮޅުވާލަން ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި، ސަރުކާރުގެ އެކްޓިވިސްޓުން ލައްކަ ސަކަރާތް އެބަ ޖަހަ އެވެ. އެގޮތުން އެންމެ ބޮޑަށް ދައްކާ އެއް ވާހަކައަކީ ނޫސްވެރިން އުޅެނީ އެމީހުން ޒިންމާކުރެވޭނެ ހުރިހާ ދޮރެއް ބަންދުކުރަން ކަމަށެވެ. ބިލާ ދެކޮޅުހަދާ ނޫސްވެރިން އެކަން ކުރަނީ ވަކި ސިޔާސީ ފިކުރަކާ އެއްބައިވުމުގެ ގޮތުން ކަމަށް ވެސް ތުހުމަތުކުރެ އެވެ.
މީޑިއާ ކައުންސިލް އާއި ބްރޯޑްކޮމްއިން މި ބިލާ ދެކޮޅު ހެދުމުން ވެސް ސިޔާސީ އެކްޓިވިސްޓުން ދެން ކިޔަން ފެށި އެއްޗަކީ، އެ ދެ ކޮމިޝަނުން އެކަމާ ދެކޮޅު ހަދަނީ، ބިލުގައި ވާ ގޮތަށް ދެ ކޮމިޝަން އެއްކޮށްލައިފި ނަމަ މިހާރު މަގާމުތަކުގައި ތިބި މީހުންގެ މަގާމު ގެއްލިދާނެތީ ކަމަށެވެ.
އެންމެ ރަނގަޅެވެ. އެހެންވިއްޔާ އެ ދެ ކޮމިޝަންގެ ބޭފުޅުންގެ ވާހަކަތައް ވެސް ބާއްވަމާ ހިނގާށެވެ. މި ބިލު ދިރާސާކުރާ ކޮމިޓީއަށް އެޗްއާރްސީއެމްއިން ހުށަހެޅި ހިޔާލު ކަރުދާހުގައި ވެސް އޮތީ ހަމަ މި ވާހަކަތަކެވެ. ދެ ކޮމިޝަން އެއްކޮށްލުމުގެ ކަންބޮޑުވުންތަކާއި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވާ ނެ މިންވަރާ މެދު އެ ކޮމިޝަނުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
އެޗްއާރްސީއެމްއިން ބުނިގޮތުގައި ދިމިގުރާތީ ގައުމުތަކުގައި ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ހިނގަމުން އަންނަނީ އަސާސީ ގޮތުން ތަފާތު އޮނިގަނޑުތަކެއްގެ ދަށުންނެވެ. އެއް ކޮމިޝަނަކުން އެއް ސުލޫކީ މިންގަނޑެއް ބޭނުންކޮށްގެން މި ދެ ނިޒާމު ރެގިއުލޭޓް ކުރުމަކީ އެ ގައުމުތަކުގައި އަމަލުކުރާ އުސޫލެއް ނޫނެވެ. 
"މިފަދަ އުސޫލުތަކަކީ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާ ހިލާފު، އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމެކެވެ. ޑިމޮކްރެޓިކް ގައުމުތަކުގައި މިނިވަން އަޑުތަކާއި، ރައްޔިތުންގެ ނޫސްވެރިކަން ރައްކާތެރިކޮށްދެ އެވެ. އެއީ ދައުލަތުގެ ބާރުގެ ދަށަށް ގެންނަން ޖެހޭ ކަމެއްގެ ގޮތުގައި އެ ގައުމުތަކުން ނުދެކެ އެވެ،" އެޗްއާރްސީއެމްއިން ކޮމިޓީއަށް ހުށަހެޅި ހިޔާލު ކަރުދާހުގައި ބުންޏެވެ. 
އެޗްއާރްސީމްއަކީ މީޑިއާގެ މަސްލަހަތު އޮތް ތަނެއް ނޫނެވެ. އެމީހުން މީޑިއާގެ ދިފާއުގައި ވަކި މަގުސަދެއް އޮވެގެން ވާހަކަދައްކަން ޖެހޭ ސަބަބެއް ވެސް ނެތެވެ. މިވަރުން ވެސް ނުފުދޭ ނަމަ، ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ބިލު ބޭރުކުރަން ގޮވާލުމަކީ ވެސް، މެމްބަރުންނަށް އެއްޗެއް ވިސްނެން ޖެހޭވަރުގެ ކަމެކެވެ.
ސަރުކާރުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މި ބިލާ މެދު ރުހިގެން ތިބީ ހަމައެކަނި ސަރުކާރުންނާއި، ސަރުކާރުގެ މެމްބަރުން އެކަނި ކަމެވެ. 
ނޫސްވެރިން ވެސް މީޑިއާ ރެޖިއުލޭޓްކުރާކަށް ދެކޮޅެއް ނޫނެވެ. އެކަމަކު މިހާރު ބިލް އޮތީ ރެޖިއުލޭޓްކުރުމުގެ ބަދަލުގައި ސަރުކާރުން ކޮންޓްރޯލްކުރާ ގޮތަށެވެ. ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، އެ ހައްގު ނިގުޅައިގަނެވޭ ގޮތަށެވެ. ބިރު އުފައްދާ ގޮތަށެވެ. 
މީގެ ކުރިން ވެސް، މިއަދު ވެސް އަދި މާދަމާ ވެސް ނޫސްވެރިން އެ ކިޔަނީ، ކިޔާނީ އެކައްޗެކެވެ. ބިލު ބޭރުކުރާށޭ، ބިލު ބޭރުކުރާށޭ އެވެ. ކޮންޓްރޯލު ކުރަން ނޫޅޭށޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ