ފީތަކާއި ޖޫރިމަނާތައް ދައްކަން އެއްބަސްވުމުން ވޯކް ޕާމިޓުތައް ބާތިލުކޮށްދެނީ

ބިދޭސީންގެ ފީތަކާއި ޖޫރިމަނާތައް ދައްކަން އެއްބަސްވުމުން, ކުރިން ނުދައްކާ ހުރި ވޯކް ޕާމިޓުތައް ބާތިލުކޮށްދޭނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓުތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، މިއަދުން ފެށިގެން ވޯކް ޕާމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ޚަލާސްކުރާނެ ކަމަށް އެކްސްޕެޓު ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމުން ވޯކް ޕާމިޓުތައް ބާތިލުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތަށް ބާތިލުކުރެވޭ ވޯކް ޕާމިޓުތަކުގެ ކޯޓާ ސްލޮޓް ރިލީޒް ކުރެވޭނީ އެ ޕާމިޓަކާ ގުޅިގެން ދައްކަން ޖެހޭ ހުރިހާ ޖޫރިމަނާތަކާއި ފީތައް ދައްކައި، ޚަލާސްކުރުމުން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. ދާދި ފަހުން ހޯމް މިނިސްޓްރީން ވަނީ ބިދޭސީންގެ ފީއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުދީ ހުރި ފައިސާ ދިނުމަށް ސެޓްލްމެންޓް އެގްރިމެންޓް ހަދައިފައިވާ މީހުންގެ ތެރެއިން، ގަވައިދުން ފައިސާ ދައްކާ މީހުންނަށް މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައެވެ. https://sun.mv/212267 ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، މިދިޔަ އަހަރުގެ މެއި މަހު ސަރުކާރުން ވަނީ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް "އޮޕަރޭޝަން ކުރަނގި" ފަށާފައެވެ. މިދިޔަ މަހު 20ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އެ ހަރަކާތުގެ ތެރެއިން 178،982 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. އޭގެފަހުން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ވަނީ، ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް ގައުމީ އޮޕަރޭޝަނެއް ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ