ވައިބާ ހެކުކޮށް 150،000 ރުފިޔާ ހޯދި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. މިި މައްސަލައިގައި ހައްޔަރުކުރި ދެވަނަ މީހާއަކީ ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) އެވެ. މި މީހާ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ވަނީ މިކަމަށް އަމިއްލަ އެކައުންޓެއް ބޭންކުގައި ހުޅުވައި، އަމިއްލަ މަންފާ ހޯދުމަށް އެ އެކައުންޓު ކުއްޔަދީ، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ހޯދާފައިވާ ފައިސާގެ ތެރެއިން 75،000 ރުފިޔާ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގާފައެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. https://sun.mv/214954 މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ފުރަތަމަ މީހާ ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ)އެވެ. އަދި އޭނާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިދިޔަ މަހު ވެސް ސްކޭމްގެ 164 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ. އެ މައްސަލަތަކުގައި 1.52 މިލިއަން ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އޭގެ ތެރެއިން 387،971 ރުފިޔާ ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ