ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން އާމިނަތު ނައުޝާން އަބްދުއް މުހައިމިން އިސްތިއުފާ ދެއްވައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ނައުޝާން އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާ ތެރޭގަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އޮންނަ އުސޫލުގެ ތެރެއިން އެއް މަހުގެ ނޯޓިސް ދިނުމަށްފަހު އެވެ.
ނައުޝާން އަދަދު އަށް ވިދާޅުވީ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ގުޅިގެން ކަމަށާއި އިތުރު އެއްވެސް އެހެން ކަމެއް މެދުވެރިނުވާ ކަމަށެވެ.
"އަޅުގަނޑު އިސްތިއުފާ ދީފިން. ކޮންޓްރެކްޓްގައި އިންނަ ގޮތަށް ނޯޓިސްގެ މުއްދަތު ދީފައިވާނީ. އަމިއްލަ ސަބަބުތަކާ ހެދި ދިނީ (އިސްތިއުފާ)،" އޭނާ ވިދާޅުވި އެވެ.
އެޗްއާރްސީއެމްގެ އެސްޖީގެ މަގާމަށް 2022 ގައި ނައުޝާން އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.
އެޗްއާރްސީއެމްގެ އެސްޖީކަމުން ނައުޝާން އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަނުން ތަހުގީގުތައް ހިންގާ ގޮތާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އޮކްޓޯބަރު 3، ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރި މައްސަލަ އާއި ނޫސްވެރިން ކުރި މުޒާހަރާގައި ބައިވެރިވި މީހުންނާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މައްސަލައިގައި އެ ކޮމިޝަނުން އަމަލުކުރި ގޮތާ މެދު ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
އެޗްއާރްސީއެމްގެ އެސްޖީ މަގާމުން އިސްތިއުފާ ދެއްވައިފި އެޗްއާރްސީއެމްގެ އެސްޖީ މަގާމުން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ