ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ސެޕްޓެމްބަރު 16) - ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ކުރުން ނިންމާލުމަށް ފަހު، ދެން ހަވާލުވާނެ ހަމައެކަނި ޓީމަކީ، މީގެ ކުރިން ވެސް ދެ ފަަހަރެއް މަތިން އިރުޝާދުދިން ރެއާލް މެޑްރިޑާ ކަމަށް އިޓަލީގެ ކޯޗު، ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަަށް ބްރެޒިލާ އެކު، އަންޗެލޮޓީ ކޮންޓްރެކްޓް ހަދާފައިވާއިރު، އޭނާ އަންނަނީ، އެ އެއްބަސްވުން އާ ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް އެކި ފަހަރު މަތިން ވާހަކަ ދައްކަމުންނެވެ.
އެ ގޮތުން، ފްރާންސްގެ ނޫހެއް ކަމަށް "ލެކިއުޕޭ" އަށް ދިން އިންޓަވިއުއެއްގައި އަންޗެލޮޓީ ވަނީ، 2030 ވަަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ބްރެޒިލުން ކޮންޓްރެކްޓެއް ދިނަސް މަޑުކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނެފަ އެވެ.
"ބްރެޒިލްގެ ކޯޗުކަމުގައި މަޑުކުރުމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ފެންނަނީ. ދެން ޔަގީންކަމެއް، ބްރެޒިލަށް ފަހު ދެން އަހަރެން ހަމައެކަނި ފެންނާނެ ޓީމަކީ ރެއާލް،" އަންޗެލޮޓީ ބުންޏެވެ.
ރެއާލް ދޫކޮށް ބްރެޒިލް ގައުމީ ޓީމާ ހަވާލުވި އަންޗެލޮޓީ، ދެ ފަހަރެއްގެ މަތިން، ރެއާލަށް ކޯޗުކޮށްދޭން ލިބުނު ފުރުސަތުގައި ޖުމްލަ 15 ތަށި ހޯދި އެެވެ.
އަންޗެލޮޓީ އެންމެ ފުރަތަމަ ރެއާލަށް ކޯޗުކޮށްދިނީ، 2013-2015 އަށެވެ. އަދި ދެ ވަނަ ފަަހަރަށް ރެއާލްގައި ހުރީ، 2021 އިން މި އަހަރުގެ މެއި މަހުގެ ނިޔަލަށެވެ. އަންޗެލޮޓީ އަކީ ރެއާލްގެ ރައީސް، ފްލޮރެންޓީނޯ ޕެރޭޒްއާ އެންމެ ގުޅުން ރަނގަޅު އެއް ކޯޗެވެ.
އަންޗެލޮޓީ އަކީ 100 އަހަރު ތެރޭ ބްރެޒިލް ގައުމީ ޓީމަށް ކޯޗުކޮށްދޭ އެ ގައުމަށް ނިސްބަތްނުވާ ފުރަތަމަ ފުލްޓައިމް ކޯޗެވެ.
އަންޗެލޮޓީ ކޯޗިން ކެރިއަރު ފެށީ އިޓަލީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 1992 ވަނަ އަހަރު އެވެ. އަންޗެލޮޓީ ވަނީ ކޯޗިން ކެރިއަރުގައި، އިޓަލީގެ ރެޖިއާނާ، ޕާމާ، ޔުވެންޓަސް، އޭސީ މިލާން އަދި ނަޕޯލީގެ އިތުރުން އިންގްލެންޑްގެ ޗެލްސީ އާއި އެވަޓަން، ފްރާންސްގެ ޕީއެސްޖީ އަދި ޖަރުމަނުގެ ބަޔާން މިއުނިިކަށް ކޯޗުކޮށްދީފަ އެވެ. ކެރިއަރުގައި ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލާ ހަވާލުވީ، 2021 ވަނަ އަހަރު އެވެ. އެއީ އެވަޓަން ދޫކޮށްލުމަށް ފަހު އެވެ.
ބްރެޒިލުން އެންމެ ފަހުން، ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބުކުރީ 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެވެ. ބްރެޒިލްގެ ކޯޗުކަން ހުސްވީ، މާޗް މަހު އާޖެންޓީނާ އަތުން ބަލިވުމުން އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ޑޮރިވާލް ޖޫނިއާ ވަކިކުރުމުންނެވެ.
ބްރެޒިލަށް ފަހު އަންޗެލޮޓީ ހަމައެކަނި ކޯޗުކޮށްދޭނެ ޓީމަކީ ރެއާލް ބްރެޒިލަށް ފަހު އަންޗެލޮޓީ ހަމައެކަނި ކޯޗުކޮށްދޭނެ ޓީމަކީ ރެއާލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ