އެއާޕޯޓް ވައްކަން: ހައްޔަރު ކުރި މީހުންގެ ވަނަވަރެއް، ޑޮލަރަށް ވީގޮތެއް އަދި ނޭނގޭ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ލައްކައެއްހާ ޑޮލަރު ފޭރިގަތް މައްސަލައިގައި ބަޔަކު ހައްޔަރު ކުރިނަމަވެސް އެ މީހުން ފޭރުނު ޑޮލަރުތައް ހޯދުނުކަން ނުވަތަ ނޫންކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު, ހިންގި މި ވައްކަމާ ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު, ފުލުހުން އިއްޔެ ވަނީ މި މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކުރިކަން ހާމަ ކޮށްފައެވެ. މި މައްސަލައާ ގުޅިގެން އަދި ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަހުއްޓެވެ. އެހެންވެ "ސަން" އިން މިއަދު ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އިއްޔެ އެއާޕޯޓްގައި ހިންގި ވައްކަމުގެ މައްސަލައިގެ އިތުރު އެއްވެސް އަދާހަމައެއް އަދި މިވަގުތަށް ދެވެން ނެތް ކަމަށް ވިދާޅުވެފައެވެ. https://www.sun.mv/213194 ފުލުހުންގެ މީޑިއާ އޮފިޝަލް މިފަދައިން ޖަވާބުދީފައިވާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އިއްޔެ ފަތިހު އެއާޕޯޓުން ފައިސާތަކެއް ފޭރިގެން މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށް، ފިލަން ބޭނުންކުރި ލޯންޗު، ހަމަ އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ހިފަހައްޓާފައެވެ. ވައްކަން ހިންގާފައިވަނީ އިއްޔެ ފަތިހު 4:45 އެހާކަށްހާއިރުގައެވެ. ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާ ކަމަށެވެ. މި މައްްސަލައިގައި އިއްޔެ ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން އަދިވެސް އެމީހުންގެ ވަނަވަރު އާންމުކޮށްފައި ވެސް ނުވެއެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި އެއީ ފުރާ މީހުންނަށް ދޫކުރާށާއި ފައިސާ މާރުކުރަން ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރަށް ގެންދިޔަ ފައިސާއެވެ. "ގާތްގަނޑަކަށް ލައްކައެއްހާ ޑޮލަރު އެއީ. އިތުރު ކަރަންސީ ވެސް ހުންނާނެ، ޔޫރޯ ވެސް،" މައުލޫމާތު އެނގޭ އިތުބާރުހުރި މަސްދަރަކުން ނަން ނުޖަހަން ޝަރުތުކޮށް އިއްޔެ ކިޔައިދިނެވެ. އެކަމަކު، ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނޭނގެއެވެ. ގެއްލުނު ފައިސާގެ އަދަދު ލައްކައަކަށް އަރާނެ ކަމަށް ބައެއް މަސްދަރުތަކުން ބުނި ނަމަވެސް އެހެން މަސްދަރަކުން ވަނީ ގެއްލުނު ފައިސާގެ ޖުމުލަ ލައްކައެއްހާ ޑޮލަރަށް ނާރާނެ ކަމަށް ބުނެފައެވެ. އެހެންވެ، އަދިވެސް ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާ ކަމެއް ބުނާކަށް ނޭނގެއެވެ. އިިތުރުބާރު ހުރި މަސްދަރަކުން 'ސަން'އަށް އެނގިފައިވާ ގޮތުގައި އެ މީހުން އައީ ފައިސާ ހިފައިގެން މުވައްޒަފުން ދިޔަ ވަގުތު ބަލައިގެންނެވެ. އެ މީހުން ފައިސާތައް ހުރި ސޫޓް ކޭސް ޖަހައިގަތުމަށް ފަހު ދުވެފައި ގޮސް އެއާޕޯޓުގައި އޮތް ލޯންޗަކަށް އަރައިގެން ފިލީއެވެ. އެ މީހުން އެއާޕޯޓަށް ދިޔައީ ޓެކްސީއެއްގައިކަން ވަނީ އެނގިފައެވެ. އެ ހާދިސާއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއާ ސުވާލުކުރުމުން މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެމްއޭސީއެލުން މި ފަހުން ވަނީ އެސްޓޭޓް ސެކިއުރިޓީގެ ނަމުގައި އާ ޑިޕާޓްމަންޓެއް ގާއިމުކޮށްފައެވެ. އެ ތަން އުފެއްދީ ޕާކިން ސަރަހައްދުތަކާއި، ޖެޓީ ސަރަހައްދުތަކާއި، ޓެކްސީ ކިއުތަކުގެ އިތުރުން ކުންފުނީގެ އެސެޓްތަކާއި ހުޅުލޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާށެވެ. މިހާރު ވެސް އެއާޕޯޓު ސެކިއުރިޓީ ބެލެހެއްޓުމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނާއި، ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ވެސް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ